ހަބަރު

މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް

ޓޯ-ޔާޑާދިމާ ފަޅުތެރެއިން މަރުވެފައިވާ އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ފަޅުތެރޭ މީހަކު ވެއްޓިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު އެ މީހާ މަރުވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފަ އެވެ.

އެ ހާދިސާ އާ ގުޅިގެން ފުލުހުން މިއަދު ބުނީ، މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށާއި އެ މީހާގެ އުމުރުން 58 އަހަރު ކަމަށެވެ. އެހެން ނަމަވެސް، އެ މީހާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.

މިދިޔަ މަހު 23 ގައިވެސް ވަނީ އައިޖީއެމްއެޗް ސަރަހައްދު މޫދުން މީހަކު ފެނިފަ އެވެ. އޭނާގެ ހަށިގަނޑަށް ޒަހަމް ތަކެއް ލިބިފައި ހުރުމާއެކު މަރުގެ ހަގީގަތް ހޯދުމަށް ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދާފަ އެވެ. އަދި، ބެލުމުން އޭނާ މަރުވީ ގެނބިގެން ކަމާއި ޒަހަމްތަކަކީ މޫދުގައި އޮތް ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.