މޯލްޑިވްސް ޕޮލިސް ސާވިސް

މަސްބާނަން ޖައުހަރީ މޫދަށް ފޭބި: ފުލުހުން

ކަނޑުމަތީގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ހ. ވެލަސްފަރުގެ އިބްރާހީމް ޖައުހަރީ، މަސްބާނަން މޫދަށް ފޭބި ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގެ އުސްފަސްގަނޑު ސަރަޙައްދާ ދިމާލުން ކަނޑުމަތީގައި ޖައުހަރީ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 5:06 ހާއިރު އެވެ.

ފުލުހުން މިއަދު ބުނީ، އިއްޔެ ހަވީރު 3:04 ހާއިރު ޖައުހަރީ ބްރިޖު ކައިރިން މޫދަށް މަސްބާނަން ފޭބިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯ ނެގުމުގައި ޖައުހަރީ ވަނީ ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުން މިނިވަން ނޫހުގައި ރިޕޯޓަރެއްގެ ހައިސިއްޔަތުން ބައެއް ޝަރީއަތްތައް ކަވަރުކުރުމަށް ކޯޓުތަކަށްވެސް ޖައުހަރީ ދިޔަ އެވެ.