ހުޅުލެ ހުޅުމާލެ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް އެތަނުގައި ހުރި ސޯލާ ޕެނަލްތަކުގައި ޖެހި ގެއްލުންވެއްޖެ އެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވޭ ސޯލާ ޕެނަލްތަކުގައި ޖެހުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓުގައި ކާރަށްވެސް އެކި ކަހަލަ ގެއްލުންތައް ލިބިފައިވެ އެވެ.
މިހާދިސާ ހިނގީ ކާރު ދުއްވަން އިން މީހާއަށް ނިދި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއެކްސިޑެންޓާ ގުޅިގެން ހަތަރު ސޯލާ ޕެނަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ތަނުގައި ފެންސެއް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް ވިދާޅުވި އެވެ.
ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫއުގެ ދަށުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަރަންޓް ޔުނިޓަކަށް 10.09 ސެންޓުގެ ރޭޓުންނެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ މިއީ ކޮންމެ ޔުނިޓަކަށް 1.681 ރުފިޔާ އެވެ. މިއީ މީގެ ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެކެވެ.
މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާއެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.