އެކްސިޑެންޓް

ކަފިހިހުރަސް އެކްސިޑެންޓުގެ ކާރު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ސެނަހިޔާ ކައިރީގައި އިންނަށް ކަފިހިހުރަސް މަތިން ހިގާފައިދިޔަ ދެ އަންހެނެއްގެއި ދުއްވާފައި އައި ކާރަކުން ޖެހި ހިގި އެކްސިޑެންޓުގައި ކާރު ދުއްވަން ހުރި ޑްރައިވަރުގެ ލައިސަންސް ދެ އަހަރަށް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނީ، އެ ފަރާތަށް ދޫކޮށްފައިވާ ޓެކްސީ ކުރުމުގެ ހުއްދަވެސް ހިފަހައްޓާފައިވާ ކަމަށެވެ.

ސެނަހިޔާ ކައިރީގައި ހިގި އެ އެކްސިޑެންޓުގައި، ވަނީ ދެމީހަކަށް އަނިޔާ ވެފަ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް އޭޑިކޭ އިން ވަނީ ބުނެފަ އެވެ. ހާލު ސީރިޔަސް ވެފައިވަނީ، އެ މީހާ ވެއްޓި ސްޕީޑް ބްރޭކަރުގައިޖެހި ބޯޖެހި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިފައިވުމުން ނެވެ.

މިއެކްސިޑެންޓާ ގުޅިގެން ފުލުހުންވަނީ ކާރު ދުއްވަން ހުރި ޑްރައިވަރާ އަދި ކާރުގެ މައުލޫމާތު އެގޭ މީހަކު ހުރިނަމަ ފުލުހަށް މައުލޫމާތު ދިނުމަށް އެދިފަ އެވެ. މިއަދުގެ ވަގުތެއްގައި ކާރު ދުއްވަން އިންކަމަށް ބުނާ ޓެކްސީ ޑްރައިވަރުގެ ޕޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް އަވަސް އިން ޕޮލިސް މީޑިއާ އޮފިސަރަށް ގުޅުމުން ފޯނު ނުނަގާތީ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.