ހަބަރު

ބްރިޖު މަތީ ހިނގި ބޮޑު އެކްސިޑެންޓުގައި މީހަކަށް ސީރިޔަސް އަނިޔާއެއް ނުވޭ

Dec 20, 2019
1

ސިނަމާލެ ބްރިޖު މަތީ ރޭ ހިނގި ބޮޑު އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބްރިޖުން މާލެއަށް އަރަން އޮންނަ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕެއް ޖެހި ރޭ 1:30 ހާއިރު ބޮޑު އެކްސިޑެންޓެއް ވަނީ ވެފަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖުމަތިން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޖިޕު ކޮންޓްރޯލް ނުވެގެން ގޮސް ޓްރެފިކް ލައިޓު ކައިރީ މަޑުކޮށްގެން އޮތް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެ ހުރިހާ ވެހިކަލްތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އޭޑީކޭއިން ފަރުވާ ދީފައިވާ ކަމަށާއި ޖިޕު ދުއްވަން އިން އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހާއަށް އަދިވެސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ހިމެނޭ ހުރިހާ ވެހިކަލްތައް ދުއްވި މީހުންގެ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ އެކްސިޑެންޓާ ގުޅޭ ގޮތުން ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއީ އެ މަނިކުފާނު މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓް އެވެ. އަދި އެވަގުތު ބާރު އަޑަކާއިއެކު ރުއިމުގެ އަޑު ފެތުރިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.