ހަބަރު

އެކްސިޑެންޓްގައި މަރުވީ ގަސްދުގައި ސައިކަލް ޖެއްސި މީހާ: ފުލުހުން

ޕީޓްރަލް ސަރަހައްދުން ބުރުޒުމަގުގައި ރޭ ހިނގި އެކްސިޑެންޓަކީ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށާއި މި އެކްސިޑެންޓްގައި މަރުވީ ގަސްދުގައި ސައިކަލް ޖެއްސި ޒުވާނާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ބުރުޒު މަގުން އިރުން ހުޅަނގަށް ދިޔަ ސައިކަލެއްގައި އެ މަގުގައި އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓު ކޮށްފައިވާ ކަމުގެ ރިޕޯޓު ރޭ 22:28 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު އެތަނުން އެއް ސައިކަލް ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ސައިކަލް ފަހަތުގައި އިނީ 22 އަހަރުގެ އަންހެނެއް ކަމަށެވެ. އެކްސިޑެންޓުގައި މި ދެމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަންހެންމީހާ ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިޔަ އިރު ފިރިހެން މީހާ ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓް ކޮށްލި ސައިކަލުގައި އިނީ 26 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 1:45 ހާއިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. މަރުވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. މަރުވީ ހ. ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތު އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލް ދުއްވި ދެ މީހުން އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށެވެ.

ރޭގެ އެކްސިޑެންޓްގައި މަރުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒަށް ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ.