ބަހުގެ ހިދުމަތުން މިދިޔަ ތިން އަހަރު ތެރޭ 34 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މިހާތަނަށް އެ ހިދުމަތް ދެމުން އައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލުން ދެމުން އައި ހިދުމަތް ދޫކޮށްލައި މިހާތަނަށް އޮތް ޑިޕާޓްމަންޓް އުވާލައި މާދަމާއިން ފެށިގެން ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލު ކުރާނެ އެވެ. ހިދުމަތް ދޫކޮށްލަމުން އެމްޕީއެލުން ވަނީ ބަސް ދަތުރުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ފެކްޓް ޝީޓެއް އާންމު ކޮށްފަ އެވެ.
ފެކްޓް ޝީޓްގެ ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭ ބަހަށް ފީ ދައްކައިގެން ދަތުރަށް އެރި މީހުންގެ އަދަދު މިލިއަނަކަށް އަރަ އެވެ. އަދި ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ފަސް ލައްކަ މީހުން ހިލޭ ދަތުރު ކޮށްފައި ވެއެވެ. އަދި އެމްޕީއެލްގެ ބަހުގެ ހިދުމަތް ހޯދި މީހުން އަދަދު ބޮލުގެ ނިސްބަތުން ތަކުރާރުވާ ގޮތަށް ހަތަރު މިލިިއަން އަރަ އެވެ.
މިދިޔަ ތިން އަހަރު ބަހުގެ ހިދުމަތުން އެމްޕީއެލްއަށް 34 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ބަހުގެ ހިދުމަތް ދޭން 84 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
އެމްޕީއެލުން ބަހުގެ ހިދުމަތް ދިނީ 90 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު 22 ބަސް ބޭނުންކޮށްގެނެވެ. ބަހުގެ ހިދުމަތް ދިނުމުގައި ތިން އަހަރުން އާންމުންގެ އިތުބާރު ހޯދި އެމްޕީއެލުން އެ ހިދުމަތް ދިނީ ކޮންމެ ދުވަހަކު ދަތުރުތައް ނިންމައި ވަކި ވަކީން ބަސްތައް ދޮވެ ސާފު ކޮށްގެނެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ފަހުކޮޅު ވެރިރަށް މާލެއިން ހިދުމަތް ފެށި ނަމަވެސް އެމްޕީއެލުން ވަނީ އަތޮޅުތަކު ބައެއް ރަށްރަށަށް ވެސް ހިދުމަތް ފުޅާކޮށްފަ އެވެ. އެގޮތުން ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދޭއިރު އިތުރުން ލ. އަތޮޅުގައި އެއް ފަހަށް 19 ކިލޯ މީޓަރު އޮންނަ ގޮތަށް ގުޅިފައިވާ ރަށްތަކުގައި ވެސް އެ ހިދުމަތް ދެއެވެ
މިދިއަ ތިން އަހަރު ބަހުގެ ހިދުމަތް ދިން އިރު އެމްޕީއެލުން ވަނީ ޒަމާނީ ޑަބަލް ޑެކް ބަހާއި އެފަދަ ހިދުމަތުގައި ބޭނުން ކުރާ ކާޑު ސިސްޓަމްގެ ހިދުމަތް ވެސް ފަށާފައި ވެއެވެ.
އާންމުންގެ އިތުބާރު ހޯދި އެމްޕީއެލްގެ އެ ހިދުމަތް މާދަމާއިން ފެށިގެން ސަރުކާރާއި ރައްޔިތުން ހިއްސާވާ އަދި ކުރިންސުރެ ބަހުގެ ހިދުމަތް އެކި ފެންވަރުގައި ދެމުން އަންނަ އެމްޓީސީސީއާ ހަވާލު ކުރާނެ އެވެ. ނަމަވެސް އެމްޕީއެލުން ދެމުން ހިދުމަތުން އެއްކޮށް އަތްދޫކޮށްލާނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ. އެމްޕީއެލް ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންދަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.