ހަބަރު

މާލެއާ ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެެނެސްފި

Jul 15, 2019

މާލެ އާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިފަހަރު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ ކަމާބެހޭ އިދާރާތަކާއި ވިޔަފާރިވެރިންނާ ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

މުދާ އުފުލޭނެ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ބަދަލުގައިވާ ގޮތުން، 350 ކިލޯގެ ޕިކަޕު ތަކަށް 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. އަދި ހެނދުނު 9:00 އިން ހެނދުނު 11:30 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުތަކަށް މުދާ އުފުލަން ހުއްދަދިން ނަމަވެސް، ސްކޫލް ފެށޭ ގަޑިތަކާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދަށް ވެހިކަލް ވަނުން މަނާވާނެ އެވެ.

އާ އުސޫލުގައިވާ ގޮތުން، ހެނދުނު 11:30 އިން 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް މުދާ އުފުލުމަކީ މަނާ ކަމެކެވެ. އަދި ސްކޫލް ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދުން ދަތުރު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ދަންވަރު 1:30 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދު ފަހަރަށް ވެސް މުދާ އުފުލޭނެ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ވެސް ކަސްޓަމުން ނެރޭ މުދާ އުފުލޭނީ ބޮޑު ތަކުރުފާނު މަގުން އެކަންޏެވެ.

ބްރިޖު މަތިން މުދާ އުފުލުން

ބްރިޖު މަތިން ދެ ޓަނުން ދަށުގެ އުޅަނދު ތަކަށް 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. ނަމަވެސް 2.1 ޓަނުން މަތީގެ އުޅަނދު ފަހަރު ބުރިޖުން މުދާ އުފުލުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ.

ފެނާއި ގޭސް އުފުލާ ގަޑިތައް

ފެނާއި ގޭސް އުފުލާ އުޅަނދު ފަހަރުގެ ތެރެ އިން 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕަށް 24 ގަޑިއިރު، މުދާ އުފުލޭނެ އެވެ. އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގެރީއެއްގެ އުޅަނދު ފަަހަރަށް މުދާ އުފުލިދާނެއެވެ. ނަމަވެސް ކޮންސްޓްރަކްޝަން މުދަލާއި ލަކުޑި އަދި ބިއްލޫރި އާއި ދަގަނޑު އުފުލަން ވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލާ ގަޑި ތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ގެނައި ބަދަލާއެކު މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑިއަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް ކަނޑައެޅި އެވެ. ނަމަވެސް އެ އުސޫލު ލުއިކޮށް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ޖޫން މަހު ތެރޭގައި ހަމަޖެއްސި އެވެ.