ހަބަރު

ޓެކްސީ އެޕްލިކޭޝަން މަޖުބޫރުކޮށް، އަގުތައް އިއުލާންކޮށްފި

ޓެކްސީތަކުގައި މިއަދުން ފެށީގެން ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރުން މަޖުބޫރުކޮށް، ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްގެން ދުއްވާ ހުރިހާ ޓެކްސީތަކުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ މޮބައިލް ތިން އެޕްލިކޭޝަނެއް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އެ ތިން އެޕްލިކޭޝަނަކީ އަވަސް ރައިޑް، ޕިކްމީ، އަދި އެއައީ އެވެ.

މިއަދު ފެށިގެން ހުއްދަ ދޫކުރި މޯބައިލް އެޕްލިކޭޝަންތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް ދެ މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި މިއަދުން ފެށިގެން އެޕްލިކޭޝަންތައް ބޭނުން ކުރަން ފެށި ނަމަވެސް އަގުތަކަށް ބަދަލު އަންނާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށް ވެސް ކަނޑައެޅި އަގުތަކަށް ވުރެ އިތުރަށް ފައިސާއެއް ނެގުމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީތަކަށް އަންގާފަ އެވެ. އަދި މާލެ ތެރޭގައާއި ހުޅުމާލެ ތެރޭގައި ކުރާ ދަތުރުތަކަށް ނަގާނީ 25 ރުފިޔާ ކަމަށް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

ދަތުރުތަކުގެ އަގަށް ގެނައި ބަދަލު

  • މާލެ - ހުޅުލެ: 60 ރުފިޔާ
  • ހުޅުމާލެ - ހުޅުލެ: 60 ރުފިޔާ
  • މާލެ - ހުޅުމާލެ: 75 ރުފިޔާ
  • މާލެ: 25 ރުފިޔާ
  • ހުޅުމާލެ: 25 ރުފިޔާ

ޓެކްސީ ދަތުރުގެ ހިދުމަތް އެޕްލިކޭޝަން މެދުވެރިކޮށް ދިނުމަށް ކަނޑައަޅައި، އަގުތަކަށް ބަދަލު ގެނެސްފައި މިވަނީ، ސިނަމާލެ ބްރިޖާއި ހައިވޭ ދަތުރުފަތުރުތަކަށް ހުޅުވާލި ފަހުން މީގެ ކުރިން ކަނޑައެޅި އަގުތަކަށްވުރެ މަތީ އަގުތަކަށް ޓެކްސީ ދަތުރުތައް ކުރަން ފެށުމުން އާންމުންގެ ޝަކުވާ ބޮޑުވެ، އާންމުންނާއި ޓެކްސީ ޑްރައިވަރުންނާއެކު މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހުގަ އެވެ. ޓެކްސީތަކުން ހައިވޭ ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގަމުން ގެންދިޔައީ 100 ރުފިޔާ އެވެ.