ދިރިއުޅުން ރާޅުގަނޑުގެ ތެރޭގައި!

މާލޭގެ އިރުމަތީ ފަޅީން ދެކުނަށް، ލޮނުޒިޔާތްކޮޅަށް ދާ ކޮންމެ މީހަކުވެސް އަރާ ހަމަވުމުން ވަރުނުލާރާޅުގަނަޑާ ދިމާއަށް ބަލައިލެވޭނެ އެވެ. އެހެންނާ އިރުކޮޅަކަށް މަޑުކޮށްލެވޭނެ އެވެ. ރޯދަ އާ ދިމާވިޔަސް ރާޅާއެޅުންތެރިން އެމީހުންގެ ބޯޑުތައް ހިފައިގެން ރާޅުގެ ތެރޭގައި އުޅެ އެވެ. މަޑުކޮށްލެވެނީ އެ މަންޒަރު ބަލާށެވެ. އުމުރުން 22 އަހަރުގެ އިބްރާހިމް ސައިފު ވެސް ފުރަތަމަ އެތާނގައި މަޑުކޮށްލީ އެވެ. ދެން އޭނާ އެ ރާޅުތަކުގެ އަވައިގައި ޖެހި "މޮޔަވަގެން" އުމުރުން 11 އަހަރުގައި ރާޅާށް ދާން ފެށީ އެވެ. ބޮޑެތި ބިޔަ ރާޅުތަކަށް ހިތްކިއުމުން ސާފް ބޯޑެއް ހިފައިގެން އެދިޔަގޮތަށް ގޮސް ފުންމާލީ އެވެ.

"ފުރަތަމަ ލޮނުޒިޔާރަތްކޮޅަށް ގޮސް ރާޅާއަޅަން އެރެން ފެށީ އަހަރެންގެ އުމުރުން 11 އަހަރުގައި. ފުރަތަމަ ވެސް ސާފް ބޯޑާއެކު އެރި އޭގެ ދަށުވެ އަނިޔާވި. އެކަމުވެސް ގިވް އަޕެއް ނުކުރަން. ސާފް ބޯޑް ހަލާކުވި ހިސާބުން ދެން ބޫގީ ބޯޑް އަޅަން ފެށީ،" ފުރަތަމަ ރާޅަށް ދިޔަ އިރުގެ ތަޖުރިބާ ސައިފް ހިއްސާ ކުރި އެވެ.

ބައެއް ފަހަރަށް ބައެއް މީހުނަށް ރާޅާ އެޅުމަކީ ކުޅިވަރެއްގެ ގޮތުގައި ބަލައިގަންނަން ފަސްޖެހެ އެވެ. ސައިފު ބުނިގޮތުގައި އޭނާ ކުޑަ އިރު ވެސް އަބަދުހެން ރާޅުގަނޑުގައި އުޅޭތީ މަންމަ ހިތްހަމަނުޖެހިގެން އޭނާ ބަލައި ގޮސް ފަހައިގަނެ އެވެ.

"އޭރު މަންމަ އާދޭ ބަލާ. އެކަމުވެސް މި ރާޅަށް ހިތްކީ. އަލަށް ތަނެއް މަށައިގެން ގޮސް ކަމެއްވެއްޖެއްޔާ އޮންނާނެ އެބައި. އެކަމަކު މިފަހުން މަންމަ އާއި އާއިލާގެ ސަޕޯޓްވެސް ވަރަށް ލިބޭ"

ސައިފަކީ އަމިއްލަ ސަޕްލައި ކުންފުންޏެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް އޭނާގެ މަސައްކަތް ނިމުމުން ދަނީ ލޮނުޒިޔާރަތްކޮޅަށެވެ. ދެން ރާޅުގަނޑަށް އެރި ރާޅާއަޅާ އަޅަނީ އެވެ.

"މަސައްކަތް އޮންނަ ގޮތުން ގިނަ ދުވަހު މެންދުރު ފަހު ދޭއް ޖަހާއިރު ނިމިގެން ދެން ރާޅަށް ދަނީ. ހަމަ ކޮންމެ ދުވަހަކުވެސް ރާޅަށް ދަން. ރާޅަށް ނުދަންޏާ ހިތްހަމައެއް ނުޖެހޭ. ނުދަންޏާ ގުނަވަނެއް މަދުވާހެން ހެން ފީލް ވަނީ. އެއްވެސް ސަބަބަކާއި ހެދި ރާޅާ ނޭޅިއްޖެނަމަ ލޮނުޒިޔާރަތް ކޮޅަށް ނަގާ ރާޅުތަށް ބަލަންވެސް ހުންނަން،" ސައިފްގެ ޝައުގުވެރިކަން ކިޔައި ދިނެވެ.

ރާޅާ އެޅުމުގައި ގިނަ މުބާރަތްތަކެއްގައި ވެސް ސައިފް ބައިވެރިވެފައި ވެއެވެ. އެންމެ ފާހަގަ ކޮށްލެވެނީ "ރަންނަމާރި ޗެލެންޖް" ގެ ކުއާޓަރފައިނަލްގައި ހީޓުން ތިންވަނައަށް ދިއުމެވެ. ސައިފު ބުނިގޮތުގައި އޭނާ މަސައްކަތް ކުރަނީ ބޮޑީ ބޯޑިން އިތުރު ކޯސްތަކެއް ހަދައިގެން ކުރިޔަށްދާށެވެ.

"އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ ކޯޗިން ކޯހެއް ހެދީ. މިހާރު މި މަސައްކަތް ކުރަނީ ބޯޑީ ބޯޑިން އިންސްޓްރަކްޓާ ކޯހެއް ހަދަން. މުސްތަގުބަލުގައި ސާފް ރެސްކިއު އަދި ފަސްޓް އެއިޑް ކޯސް ހެދުމަށް ވިސްނަން."

ރާޅަށް ޖެހިފައިހުރި ލޯތްބެއްގެ ބޮޑުކަމުން ސައިފް ރާޅާ އަޅަން ކުޑަކުދިންނަށް ދަސްކޮށްދެ އެވެ. އެވެސް ހިލޭސާބަހަށެވެ.

"ދަސްކޮށް ދެނީ ކުދިންގެ ޕޭރެންޓުން ގުޅާފައި އެކަމަށް އެދެން ފެށުމުން. ގިނައިން ދަސްކޮށްދީފަ ހުންނާނީ 14 އަހަރާއި 16 އަހަރާއި ދެމުދުގެ ކުދިންނަށް. އެންމެ ހަގު ކުއްޖަކަށް ދަސްކޮށްދިނީ އަށް އަހަރުގެ ކުޑަކުއްޖަކަށް،"

ސައިފްގެ އުއްމީދަކީ ގިނަ ޒުވާން ކުދިން ވީހާވެސް ބޮޑަށް ރާޅަށް ޝައުގުވެރިކަން އުފެދި ރާޅަށް ފޭބުމެވެ. ރާޅާ އެޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ބުނެ އެވެ.

"ބައެއް މީހުން ކިޔާނެ ރާޅާއަޅާމީހުންނަކީ ވަކަރުގޭ ކުދިންނޭ. އަސްލު ރާޅާއަޅާ މީހުންނެއް ނޫން ވަކަރުގެއަކީ. ވަކަރުގޭ ކުދިންނަކީ އެއްވެސް ވަޒީފާއަކަށް ނުގޮސް މަގުތަކަށް ގިނަވެގެން އުޅޭ ކުދިން،"