މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް މުޅި ދުނިޔެ ލޯބި ކުރެ އެވެ. އެމީހުންގެ ހަޔާތުގައި ހިނގާ ކޮންމެ ކަމަކަށް ލޯ ދެވެ އެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިންގެ ކޮންމެ ހަރަކާތަކީ ވެސް ޝައުގުވެރި ކުރުވާ ހަބަރެކެވެ. ރައްޔިތުންގެ ހަރަކާތަކަށް އަޅާ ހެދުމުން ފެށިގެން އަރައިގެން ހުންނަ ބޫޓަށް ދާންދެން މީޑިއާގެ ސަމާލުކަން ލިބެ އެވެ. އެފަދަ ތަރީންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށް އަދި މާ ފޯރިދެ އެވެ.
ދުނިޔޭގެ ތަރިންނަށް މަރުދަންޖެހުމުގައި ދިވެހިން ވަކި ދުލެއް ނުކުރެ އެވެ. އިސްތަށިގަނޑުގެ ސްޓައިލާއި، އަޅާ އައިނާއި، ބައެއް ފަހަރު އެމީހުން ހިނގާގޮތް ވެސް ނަކަލު ކުރާ "ފޭނުން" މަދެއް ނޫނެވެ. މިއީ ފަސޭހަކަމާއެކު ކޮންމެ ކަމެއް ބަލައިލެވޭ ސޯޝަލް މީޑިއާގެ ޒަމާނަށް ހާއްސަވާ ކަމެއް ނޫނެވެ. މީގެ ބައިގަރުނު ކުރިން ވެސް އެ ފޯރި އޮތީ ހަމަ އެއް ވާނެއްގަ އެވެ. އެ ޒަމާނުގެ ދިވެހިންގެ މަދުގައި ބޮލީވުޑް ތަރިންގެ މަގުބޫލުކަން ބޮޑު ނަމަވެސް، ހޮލީވުޑަށް ވެސް ކަޅި އަޅައިގެން ތިބިކަން އޭރުގެ ނޫސްތަކުގެ ސަފުހާތަކުން ސާފުވެ އެވެ.
"މޫންލައިޓް" ނޫހުގައި 1972 ވަނަ އަހަރުގެ ތެރޭގައި ނެރުނު އަދަދެއްގެ އެއް ސަފުހާ ހާއްސަކޮށްފައިވަނީ އޭރު ދުނިޔޭގެ އެންމެ މަގުބޫލު ފިލްމީ ތަރި ބްރިޓް އެކްލަންޑަށެވެ. ފަސްދޮޅަހާއި ހަތްދިހައިގެ އަހަރު ތަކުގެ ތެެރޭގައި ނެރުނު މަގުބޫލު ގިނަ ފިލްމުތަކުން ވިދާލި ބްރިޓްއަކީ އޭރު މުޅި ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ދަރަޖަ ކުރި ތަރި އެކެވެ.
އެހެނަސް "މޫންލައިޓް" ނޫހުން ތައުރީފު އަދާކޮށްފައިވަނީ ބްރިޓްގެ ފުރިހަމަ ރީތި ކަމަކަށް ނޫނެވެ. "މިހާރުގެ ދުނިޔެއަށް މަޝްހޫރުވަމުން އަންނަ އެންމެ ރީތި ތުންފަތް" ބްރިޓްގެ ފޮޓޯގެ މަތީގައި ލިޔެފައިވެ އެވެ.
އެ ފޮޓޯ ޝާއިއުކުރިތާ ގާތްގަނޑަކަށް 50 އަހަރު ފަހުންވެސް ދުނިޔޭގެ މަޝްހޫރު ތަރިންނަށް ދިވެހި ހިތްތަކުގައި ދެވިފައިވާ ހާއްސަ ޖާގައަށް ބަދަލުވުމެއް ނެތެވެ. ހަމައެކަނި ތަފާތުވެފައިވަނީ އެފަދަ ތަރިންގެ މައުލޫމާތާއި ފޮޓޯތަކާއި، ހަބަރުތައް "ފޭނުން"ނާ ހަމައަށް ފޯރާ ޒަރިއްޔާ އެވެ. ތަފާތީ އޭރު ބްރިޓް އެކްލަންޑްގެ ރީތިކަމުގެ ޖާދޫގައި ޖެހުނީ ނޫހެއްގެ ގަނޑަކުންކަމެވެ.