ކުޑަކުޑަ ބަދަލަކުން ބޭނުންވި ހިސާބަށް!

އަންހެނުންނަށް ގޮންޖެހުންތައް އޮވެ އެވެ. އަންހެނުންގެ ކިބައިގައި ހިތްވަރާއި ސާބިތުކަން ވެސް ހުންނަންޖެހެ އެވެ. މިއީވެސް އަންހެނެކެވެ. ބޭންކް އޮފް މޯލްޑިވްސްގައި އެސޯއިއޭޓް ބޭންކަރެއްގެ ވަޒީފާގައި ހުރެފައި އެ ވަޒީފާ ދޫކޮށްލައި ދާއިރާ ވެސް ބަދަލުކޮށް، އަމިއްލަ ވިޔާފާރީގެ ތެރެއަށް ނުކުތީ އެވެ. "ވެލްނެސް ސެންޓާ ބައި ނިޝީ" ގެ ނަމުގައި މިހާރު ހުޅުމާލޭގައި ހިނގައިގެންފައިވާ ބިއުޓީ ސެލޫނެއް ހުޅުވައިގެން ނުކުތީ އައިމިނަތު ނިޒްނާ އެވެ.

"ވެލްނެސް ސެންޓާ ބައި ނިޝީ" އަކީ އުމުރުން 33 އަހަރުގެ ނިޒްނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހަދަން ކުރި މަސައްކަތެކެވެ. މި ވެލްނަސް ސެންޓަރުން އަންހެނުނާއި ފިރިހެނުން އަދި ކުޑަކުދިންނަށް ވެސް ތަފާތު ހިދުމަތްތަކެއް ދެއެވެ. ތެރަޕިއުޓިކް މަސާޖާއި ބިއުޓީ އެންޑް ހެއާ ކެއާ، މޭކްއަޕާއެކު ތަފާތު ޕެކޭޖްތައް ހިމަނާފައި ވެއެވެ. އަދި މާބަނޑު މީހުންނަށް ހާއްސަ ހިދުމަތްތައް ދޭއިރު ސްޕޯޓްސް އިންޖަރީތަކުގެ މަސާޖު ވެސް ދެއެވެ.

"ސްކޫލް ނިންމާ ކުރިޔަށް ދާނެ ވަކި ރޮނގެއް ނިންމުމަށް ވިސްނުމަށް ދިޔަ ދުވަސްވަރު ޖަޕާނު ބަޔަކު ރަށުގައި ހިންގި ބިއުޓީ ކޯހެއް އޮވެގެން އެ ފުރުސަތު ބޭނުންކޮށްލައިގެން ފެށުނު ކަމެއް މިއީ،" އޭނާ ބުންޏެވެ.

"ވެލްނެސް ބައި ނިޝީ" ގެ ކޮންސެޕްޓަކީ ތަފާތު ކޮންސެޕްޓެކެވެ. އެންމެ ހާއްސަ ކަމަކީ ކްލަޔަންޓުންނަށް ދީފައިވާ އޮންނަ ޕްރައިވެސީއެ އެވެ.

"ބޯކޮށަން، އައިބްރޯސް ނުވަތަ ފޭޝަލް ހެދުމަށް އަޔަސް. ވަރަށް ބޮޑަށް 'ޕޭމްޕާ ޔޯ ސެލްފް' ފިލޯސޯފީއެއް މި ގެންގުޅެނީ. ކޮންމެ މީހަކަށްވެސް ވަރަށް ޕާސަނަލް ސާވިސްއެއް ދެވޭތޯ ބަލަނީ،" އޭނާ ކިޔައިދިނެވެ. "ހިދުމަތްދޭއިރު ފްރީ ވައިފައި، ކޮފީ ޖޫސް އޮފާ ކުރަން. އަންހެން ބޭފުޅުން، ނުވަތަ މަންމައިން މި އަންނަނީ ހިދުމަތް ހޯދަން. އަޅުގަނޑުމެން އެބަދެން ކުދިން ގޮވައިގެން އައުމުގެ ފުރުސަތު. އާޓް ކްރާފްޓެއް ހަދާލުމަށް ނުވަތަ އައިސްކްރީމާއެކު ބޭނުންވާ ޓީވީ ޝޯއެއް ބަލާލުމުގެ ފުރުސަތު ވެސް ދެން،"

މި އައިޑިއާ އަކީ ހިދުމަތް ހޯދަން އަންނަ މަންމައިންގެ އިތުރުން ކުދިންނަށް ވެސް ވަރަށް ގަޔާވާ ކަމަކަށް އޮތީ ވެފަ އެވެ. އެކި ކުދިން ހަދިޔާކޮށްފައިވާ އެ ކުދިންގެ އާޓް އަދި ކްރާފްޓް ފްރޭމްކޮށްފައިވާ ފާރުގައި ހަރުކޮށްފައި ބަހައްޓައިދެ އެވެ.

ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ވެސް ވީލްޗެއާގައި ވަދެވޭ ގޮތަށް ހަދާދީފައިވާ މި ވެލްނަސް ސެންޓަރުގެ ބްރޭންޑް އެމްބަސަޑަރަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެއީ މި ސެލުންނަށް އޮތް ތަރުހީބު އިތުރުވާ ސަބަބަކަށްވެފައި ވެއެވެ.

ނިޒްނާގެ މި ވިޔާފާރި ފުޅާކުރުމުގެ ގޮތުން އިތުރަށް އޭނާ ވިސްނަނީ ޖިމާއި ޕާރސަނަލް ޓްރެއިނިންގެ ހިދުމަތް ފޯރުކޮށްދޭށެވެ. ވިޔަފާރިއެއް ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނިޒްނާއަކީ އިންސްޕިރޭޝަނެކެވެ.