ޝަރުތުތަކަށް އެއްބަސް ވެވިގެން ސިފައިންގެ މައި އިމާރާތް، ބަންޑާރަ ކޮށީގެ ތެރެއަށް އަހަރެން ވައްދައިފި އެވެ. މިހާރު މަޑުކޮށްލައިގެން މިހުރީ ގައުމީ ދިފާއީ ބާރުގެ މި މަރުކަޒު އެންމެ މަތީ ކޮމާންޑް ސެންޓަރުގަ އެވެ. މިއަކީ ކޮންމެ ކޮންމެ މީހަކަށް ފެންނާނެ އަދި އާދެވޭނެ ވަދެވޭނެ ހިސާބެއް ނޫނެވެ. އަހަންނަށް މި ނަސީބު މިންވަރު ވެއްޖެ އެވެ. މިތާނގައި އަސްކަރީންގެ ބައްދަލުވުމެއް މިއޮށް ފެށެނީ އެވެ. ރާއްޖޭގެ އަސްކަރީ ބާރުގެ ލަޝްކަރީ އެންމެ ވަރުގަދަ، އަދި ބަސް ހިނގާ އެންމެންހެން އެ ތިއްބެވީ މިލިޓަރީ ޑިސިޕްލިންްގަ އެވެ. އެއި އޮފިސަރަކާ ދިމާއަށް ބަލައިލެވުނަސް ހަށިގަނޑުގައި ތުރުތުރަކާއެކު ވައިބްރޭޝަނެއް އުފައްދަ އެވެ. ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް އާއި އިތުރު އެންމެ މަތީ ލެވަލްގެ ކޮމާންޑަރުންނެވެ. ކޮނޑަށް ރަތް ބެޖު އަރައި މޭމަތި ފުރެންދެން ކުދި ބެޖުތަކުގެ ކުލަބަރިތައް އަރާފައި ތިބި ހައިބަތު ބޮޑެތި ފިރިހެނުންގެ އެތައް އޮފިސަރުންނެއް ތިއްބެވި އެވެ. މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކޮމާންޑު ސެންޓަރުތަކަށް ވެސް ގުޅާލައި މުޅިތަން ފުލް އެލާޓުގަ އެވެ. މިއީ ދުށް މީހަކު އަޖައިބު އަންތަރީސްވާނެ މަންޒަރެކެވެ.
މިތާނގައި މި ތިއްބެވި އެންމެންނަށް އެހެން ބޭފުޅަކު އިޝާރާތެއް ކޮށްލައިފި ވެ. އެއާއެކު ދޮރެއް ހުޅުވައިލި އެވެ. އެ ދިމާއިން ހަލުއި ކަމާއެކު ބާރަށް ހިންގަވާފައި ވަދެ ވަޑައިގަތީ ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ލޯޔަރެވެ. ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. މާރިޔާ އަހްމަދު ދީދީ އެވެ. އެމެރިކާއިން ދޭ ހިތްވަރުގަ އަންހެނާގެ އެވޯޑް ލިބި ވަޑައިގެންނެވި ފުރަތަމަ ދިވެހި އަންހެނާ އެވެ.
މަޑުކޮށްގެން ތިއްބެވި އެންމެން ކޮޅަށް ތެދުވެ މިނިސްޓަރަށް ޝަރަފުގެ ކުރުނީހެއް ކުރިއެވެ. މިނިސްޓަރާއި އަހަރެން ފިޔަވާ ތިބީ ހުސް ފިރިހެނުންނެވެ. މީޓިންއެއް ފާޑަށް ދިޔަ އެތާނގެ ކަންކަން ބެލެހެއްޓުމާއި، ޔައުމިއްޔާ ނެގުމަށް ވެސް ތިބީ ފިރިހެނުްނެނެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޗީފާއި އެހެންވެސް އިސް ބޭފުޅުންނާއެކު މިލިޓަރީ ބަހުރުވައިގެ ވާހަކަތައް ކުރިއަށް އޮވެ ދެއެވެ. ގައުމީ ދިފާއީ ބާރާ ގުޅުންހުރި އެތައް "ސިއްރު" ވާހަކަ އެއް ދެއްކެވުނެވެ. އެ ހުރިހާ ވާހަކައެއް ވެސް އަހަންނަށް ޝަރުތުކޮށްފައި އޮތީ "އޮފް ދަ ރެކޯޑް" ގެ ގޮތުގައި ބާއްވާށެވެ. -- ހަމަ އެއްވެސް މީހަކު ކަންބުވާނެ ކަމެއް ނެތެ. އެކަން އެގޮތުގައި އޮންނާނެ އެވެ --
މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކާއި އެއަށް ބަސް ވިދާޅުވާން ދެން ތިއްބެވި އިސް އޮފިސަރުން ދެއްވި ހޫނު ޖަވާބުތަކެވެ. އެތާނގައި މިނިސްޓަރު ވިދާޅުވާ ބަހަކަށް ވަކި އިތުރު ރުހުމެއް ވެސް ކުރިއެރުމެއް ވެސް ނޯވެ އެވެ. ކޮންމެ ބޭފުޅަކުމެ ސީދަލަށް އެ އޮންނަ ގޮތެއް އޮންނަ އުސޫލަކުން މިލިޓަރީ ބަހުރުވައިގައި ވިދާޅުވަނީ އެވެ.
އެކަމަކު ބޮޑެތި ބޮޑެތި ވާހަކަތައް ދެކެވުނު އެތާނގަިއި ގިނި ހޫނު ކަމެއް ނެތި ކުރިއަށް ދިޔައީ މިލިޓަރީ އެ މޭޒުގައި މިނިސްޓަރު މާރިޔާ ގެންގުޅުއްވި ސަމާސާ މިޒާޖުންނޭ އަހަންނަށް ހީވި އެވެ. ބަހުސްގެ އޮވަރު އެކަމަނާ ބަދަލުކޮށްލެއްވީ އާދަޔާހިލާފު ފުދުންތެރިއެއްގެ ގޮތަކަށޭ ވެސް އަހަންނަށް ހީވީ އެވެ. ގައިމަށް ވެސް އެތާނގައި ކަން ހިނގައި ދިޔައީ އަންހަނަށް ވާނުވާ އެނގޭ ވަރަށް ވުރެ މާ އުހުންނެވެ.
މާރިޔާ އިރު އިރުކޮޅުން ހިނިތުންވެ ލައްވަ އެވެ. އަދި އިރުއިރުކޮޅާ ސަމާސާ ރާގަކަށް ބަސްފުޅެއް ވިދާޅުވެ ދާނެ އެވެ. ނޫނީ ދެން "ތިބޭފުޅުން ތިޔައަށް ގޮތެއް ނިންމަވާ!" ށޭ ވިދާޅުވެފައި އެތާނގެ ހޫނު ފިންޏަށް ބަދަލު ކުރައްވާފާނެ އެވެ.
ހަވާސާގައި އަހަރަން ބައިންދައިގެން ވިއްސަކަށް މިނެޓަށް ކުރިއަށްދިޔަ އެ "ބައްދަލުވުން" ކުރުކޮށްލައި މިނިސްޓަރު ދެން ވަޑައިގަންނަވަން ޖެހި ވަޑައިގަތީ އެ ކޮށީގެ އެހެން އިމާރާތެއްގައި އޮތް މުހިންމު އެހެން ބައްދަލުވުމަކަށެވެ. މިވެސް އަސްކަރީންގެ އެންމަ މަތީ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ކޮޅަކާއެކު ތަރުތީބުވެފައި އޮތް ބައްދަލުވުމެކެވެ.
އެތާނގެ އެތެރެއަކަށް އަހަރެން ނުއެއް ވައްދަ އެވެ. އެ ބައްދަލުވުމުގެ ގޮތުން ވަދެ ވަޑައިގަންނަވަމުން މިނިސްޓަރު އަޅުގަނޑުގާތުގައި ވިދާޅުވީ "އަޅުގަނޑު ފަހުން ތިބޭފުޅާއާ ބައްދަލުކޮށްލާނަން އިނގޭ" އެވެ. އެހިސާބުން ދުވަހުގެ އެ ވަގުތަށް މިނިސްޓަރާ އަޅުގަނޑު ބަންޑާރަކޮށީގައި އިރުކޮޅަކަށް ވަކިވީ އެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމަށް މާރިޔާ އަހްމަދު ދީދީ ވަޑައިގަތުމާއެކު، އެތައް ބަޔަކު އެތައް ގޮތަކަށް އެކަމާ ބަހުސްކޮށް ވާހަކަތައް ދައްކާ ހެދި އެވެ. ކެބިނެޓުގައި ހުރި ހަމަ އެކަނި އަންހެން ވަޒީރަށް ނުވިޔަސް، ރާއްޖޭގެ އަސްކަރީ ބާރު ބެލެހެއްޓޭނެ "ހިތްވަރު" އެކަމަނާގެ ކިބައިފައި ހުންނާނެ ކަމާމެދު ސުވާލު އުފެއްދި މީހުންވެސް މަދެއް ނުވާނެ އެވެ. ގައުމީ ދިފާއީ ބާރުގެ ބިޔަ ބޮޑު ލަޝްކަރުގެ އެންމެ ކުރީގައި އަންހެނަކު ހުންނަވައިގެން މަސައްކަތް ކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރު ކަމުންނެވެ.
އެ މީޓީން ވެސް ނިމިއްޖެ އެވެ. އަނެއްކާވެސް މިނިސްޓަރާ ބައްދަލު ވެއްޖެ އެވެ؛ އެކަމަކު ގަޑިއެއްހާއިރު ފަހުންނެވެ. އަހަންނަށް ގަޑި ބަލައިލެވޭ ގޮތް ވުމުން ޑިފެންސުގެ އިސްވެރިޔަކު ވިދާޅުވި އެވެ:
"މި މިނިސްޓަރުގެ ބައެއް މީޓިންތައް ދިގުވެ ނުނިމިގެން ހުންނަން ޖެހޭ ފަހަރު ވަރަށް ގިނައިން އާދެ އެވެ. އެއީ ކޮންމެ ބަޔަކުވެސް ދައްކަން ޖެހޭ ވާހަކަތައް އެހާ ބައިވަރު އޮތުމާއެކު އެވެ،"
މިނިސްޓަރު އަނެއްކާވެސް އަޅުގަނޑާ ދިމާއަށް އެބަ ވަޑައިގަންނަވަ އެވެ. ވަރަށް ބާރަށް ހިންގަވާއިރު އެތަނުން އަހަނަށް ކަމެއް ފާހަގަވި އެވެ. ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ހުރިހާ ކަމަކާއި އެ ކަންކަމާ ގުޅިގެން އުފަންވާ ބޮޑެތި ޕްރެޝަރުތައް ހިއްޕަވައިގެން ފަހަރަކު ބައްދަލުވުމެއް ނިންމަވަމުން އެކަމަނާ ވަޑައިގަންނަވާއިރު ވެސް މޫނުފުޅުން ހާސްކަމާއި ނުތަނަވަސް ކަމުގެ އެެއްވެސް ނިޝާނެއް ނުފެނެ އެވެ. ހަމަ ހުރިހާ ވަގުތެއްގައި ވެސް ފެނުނީ ހިނިތުންވެ ވަޑައިގެން ހުންނަވަނިކޮށެވެ.
އާއްމުކޮށް މާރިޔާ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާއިރާއި ޕޯޑިއަމްތަކުގައި ދައްކަވާ ސިޔާސީ އަދި ސަމާސާ ވާހަކަތަކާއެކު ދެއްވާ ހިނިތުންވުން ބައްދަލުވާ ކޮންމެ މީހަކަށް ވެސް ދެއްވަ އެވެ. ދެން އަހަންނަށް ފާހަގަވި ކަމަކީ "މިކަން މި ހިނގަނީ ހިނގަން ވާނެ ގޮތަށް ރަނގަަޅަށޭ" މިނިސްޓަރު ވިދާޅުވާން އުޅުއްވާހެނެވެ. ގައިމުވެސް އެ ހިނިތުން ވުމުގެ ފަހަތުގައި ސިއްރެއް ވާނެ އެވެ.
އަހަންނާއެކު ބަންޑާރަ ކޮށީގައި ހޭދަ ކޮށްލެއްވި ވަގުތުތަކުގެ ތެރެއިން އެއް ފަހަރަކު އެކަމަނާ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކުވެސް ވަރަށް ފަތިހާ އެކަމަނާ ތެދުވެ ވަޑައިގަންނަވަ އެވެ. އެއީ އިހަށް ވެސް މިހާރު ވެސް އާދަ އެެވެ، ފަތިހާ ތެދުވެ ވަޑައިގެން ކަސްރަތު ކުރައްވަން ޖިމްގައި ހޭދަ ކުރާ ވަގުތަކީ ދުވަސް ފައްޓަވާށައި "މެންޓަލީ ޕްރިޕެއާ" ވެ ވަޑައިގަތުމަށް އެކަމަނާ ބޭނުންފުޅު ކުރައްވާ ވަގުތުކޮޅެކެވެ. އެއީ ކޮންމެ ދުވަހަކު ވެސް އެއް ގޮތަކަށް އެއް އުސޫލަކަށް ތަރުތީބުވެފައި އޮންނަ ވަގުތުކޮޅެކެވެ. އަހަރަން ހޭލައިގެން މަސައްކަތް ފަށާ ގޮތަކީ ކޮބައިތޯ އެކަމަނާ ވެސް އޮޅުން ފިލުއްވެވި އެވެ.
އެކަމަނާ އަހަންނަށް ވަރަށް މުހިންމު ނަސޭހަތެއް ދެއްވި އެވެ؛ އަހަންނަށް ހީވަނީ މި ނަސޭހަތް ގައުމުގެ ހުރި އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް ވަރަށް މުހިންމުވެފައި ބޭނުންތެރިވާނެ ހެނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި އަންހެނަކު ވަޒީފާއަށް ނުކުތް ކަމުގައި ވިޔަސް، އޭނާގެ ކޮނޑުގައި އެޅިފައި އޮންނަ އާއިލީ ޒިންމާ ދޫކޮށްލައިގެނެއް ނުވާނެ އެވެ. އެކަމަށް ބާރު އަޅައިގެން ވެސް ނުވާނެ އެވެ. އެކަން ހަނދާން ނައްތާލައިގެން ވެސް ނުވާނެ އެވެ. އެންމެ ކައިރި ހަނދާން ކުރުމަށް ވާންޖެހޭނީ އާއިލީ ޒިންމާ އާއި ތަރުބިއްޔަތުގެ މަސްއޫލިއްޔަތެވެ.
"އެއީ ކަން އޮންނަން ޖެހޭނެ ގޮތް، އެކަމަކުވެސް އާއިލާއާއެކު ވަގުތު ހޭދަކުރުން މި އޮންނަނީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވިޔަސް ދަތި ކަމަކަށްވެފައި އެހެން ދިމާވަނީ ހާލަތާއި ކަންކަން ބަދަލު ވެގެން ދާ ގޮތުން،" އިނގިރޭސީންނާ ދެކޮޅަށް ދިވެހިން އަންހެނުން ކުރި މުޒާހަރާއަކަށް ފަހު އަންހެނަކު އިސް ހުންވައިގެން ކުރި ފުރަތަމަ މުޒާހަރާގެ ޖަޑިބުގެ ގޮތުގައި ނުކުންނެނެވި ވަރުގަދަ "ދަގަނޑު" އަންހެނާ އަދި ރާއްޖައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ފުރަތަމަ އަންހެން ޗެއާޕާސަންކަން ކުރައްވާ އެޕާޓީގެ "މަންމަ"ގެ ގޮތުގައި މީހުން ސިފަ ކުރި މާރިޔާ ވިދާޅުވި އެވެ.
މާރިޔާ، ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ މައިދާނުގައި ނޫނަސް މަސައްކަތް ކުރެއްވީ ވަރަށް ފިރިހެން އޮރިއެންޓެޑް ދިމަ ދިމާގަ އެވެ. ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރައްވާ އެއަށް ވުރެ ކުރި އަރައި މިހާރު އެއީ، ޑިފެންސްގެ ބާރުވެރިޔާ އެވެ. ފިރިހެން މުއައްސަސާއެއްހެން ރާއްޖޭގެ ދިފާއީ ބާރު ފެނުނު ކަމުގައި ވިޔަސް އެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރި ކަމާއެކު އެކަމަނާއާ ހަވާލު ކުރެއްވީ އިތުބާރާއި ޔަގީންކަން އޮވެގެނެވެ.
"އަންހެނުން މުޖުތަމައުގައި މަސައްކަތް ކުރުމަށްޓަކައި އެތައް ބައިވަރު ކަންތައްތަކެއް ކުރަންޖެހޭ. އެންމެ ފުރަތަމައިނުން އަޅުގަނޑު ވަކީލުކަން ކިޔަވައިގެން ރާއްޖެއަށް އައި އިރު އަޅުގަނޑަކީ އެންމެ ފުރަތަަމަ އަންހެން ވަކީލު. ކޯޓުތަކަށް ދިޔައީމަ ވެސް ހައްތަހާ ވެސް ދިމާވާނީ ފިރިހެން ގާޒީންނާ. މަސައްކަތް ކުރަން ޖެހޭނީ ވެސް ފިރިހެން ވަކީލުންނާއެކު. މަޖީލީހަށް ބައްލަވާލެއްވި ކަމުގައި ވިޔަސް، މިހާރުވެސް އިންތިހާބު ވެފައި އެ ތިއްބަވަނީ މަދު އަންހެން ބޭފުޅުންނެއް" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ ޑިފެންސް މިނިސްޓަރު ކަމުގައި ސަރުކާރަށް އަހަރެއް ވެއްޖެ އެވެ. ޑިފެންސުގެ މަސައްކަތަށް ކުރިން އައި ފާޑުކިޔުންތަކާއެކު އެ ކަންކަން ރަނގަޅު ކޮށް، ސިފައިންގެ މުއައްސަސާ އަކީ އާއްމު ރައްޔިތުންގެ މެދުގައި ބަލައިގަންނަ ތަނަކަށް ހެދިއްޖެ ކަމަށް އެކަމަނާ ގަބޫލުފުޅު ކުރައްވަ އެވެ. އެކަމުން އެކަނި ވެސް، އަންހެނަކަށް ވީތީ ވަކި ތަފާތެއް އޮތް ކަމަށް ނުފެންނަ ކަން ސާބިތުވެއްޖަ ކަމަށް ވެސް އެކަމަނާ ވިދާޅުވެ އެވެ.
"ލައްކަ ޒަމާންވަންދެން އަންހެނުން އެމީހުންގެ ހައްގުތައް އެކި ގޮތްގޮތަށް، މުޅި ދުނިޔޭގެ އެކި ހިސާބުތަކުގަ ގެއްލިފަ ހުންނަކަން އޮންނާތީ އާއެކީގަ އަދި މުޅި ދުނިޔެ އެކީގަ އެކަންތައް ހިނގާތީ އަންހެނުންގެ ދުވަހެއް ފާހަގަ ކުރަނީ މި. މިހާރު އަންހެނުންގެ ހައްގުތަކަށް ވުރެ، ޖެންޑާ މެއިންސްޓްރީމިން މި ކިޔަނީ. ދެބައި މީހުންގެ ވެސް ހައްގު އެއްގޮތް ކޮށް ދެބައި މީހުންނަށް ވެސް އެއްކަހަލަ ހައްގުތަކެއް ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ،"
ރާއްޖޭގެ ތާރީހުގައި ތަފާތު ދެއްޔަކުން ލިޔެވޭނެ މިނިސްޓަރަކަށް މާރިޔާ ވާނެ އެވެ. މިނިސްޓަރެއްގެ އިތުރުން، ސިޔާސީ ދާއިރާއިންނާއި ގާނޫނީ ދާއިރާއިން ވެސް އެކަމަނާ ފާހަގަ ކޮށްލެވެ އެވެ. ފިއްތުންތަކާއި ކުރިމަތިވެ ގޮންޖެހުންތަކުން އަރައިގަނެ ސާބިތުކަމާއެކު މިއަދު ގައުމުގެ ދިފާއީ ބާރާ ހަވާލުވެ ހުންނެވީ ކާމިޔާބު އަންހެނެއް، އަދި މަންމައެއްގެ ގޮތުގަ އެވެ. އެކަމަނާއާއެކު ބަންޑާރަ ކޮށީގައި ހޭދަކޮށްލެވުނު ވަގުތުތަކީ އެތައް ބައިވަރު ވާހަކަ އެވެ. އެތައް ބައިވަރު ތަޖުރިބާ އެވެ. ބަނޑާރަ ކޮށީން ނުކުތް އިރު އަހަރެން ހިތުގައި އޮތީ އެއީ ހަމަ އެންމެ ހިތްވަރުގަ އަންހެނާއޭ އެވެ. އަދި އެއީ ރާއްޖޭގެ "އަޔަން ލޭޑީ" އޭ އެވެ. އެއީ އަހަންނަށް ފެނުނު ތަނާއި ސިފަވި ގޮތެވެ.