އިރެއްގައި އަދި ޒަމާނެއްގައި ދިވެހި އަންހެނުންނަކީ ވަކި ކަމަކަށް ހާއްސަ ވެފައި ތިބި ބައެކެވެ. ޖިންސުގެ ތަފާތެއް ހުރި ކަމުގައި ވިޔަސް އަންހެނުންނަކީ ކަންކަމުގައި ފަސް ޖެހޭނެ ބައެއް ނޫންކަން މިއަދު މުޅި ރާއްޖެ ބުނެދެ އެވެ. އަހަރެމެންގެ އަންހެނުންނާމެދު އަހަރެމެން ދެކެމުން އައި ގޮތުގެ މައިންޑްސެޓް މުޅީން ބަދަލުކޮށްލައި ދިނީ ވެސް އަހަރުމެންގެ އަންހެނުންނެވެ.
ވަކި ކަހަލަ މަސައްކަތެއް ކުރަން ވަކި ކަމަކަށް ހާއްސަކޮށް އަންހެނުން "ލޭބަލް" ކުރެވިފައި އޮތް ޒަމާން މާޒީވެ ހިނގައްޖެ ކަމުގެ ހެކި ގައިމުވެސް މިއަދު އެބައޮތެވެ. އަންހެނުން އެއް ރޫހެއްގައި އެއް އަޒުމެއްގައި ނުކުމެ ކުރި ހިތްވަރުގެ ނަތީޖާ ދިވެހި މުޖުތަމައުން ދައްކައިފި އެވެ.
ސަރުކާރުގެ އެންމެ މަތީ މަގާމުތަކުގައި ވެސް އަންހެނުން މިހާރު ހިމެނެ އެވެ. މެނޭޖިންގް ޑިރެކްޓަރުންނާއި ޑިރެކްޓަރު ކަމުން ގޮސް ޑިޕާޓްމަންޓްތައް ލީޑް ކުރުމުގައި ވެސް ގާބިލު އަންހެން ބޭފުޅުން އެބަތިއްބެވި އެވެ. ގޭގައި އިނދެ އަމިއްލަ ވިޔަފާރި އެއް ފަށައި މުޅި އާއިލާއަށާއި ގައުމަށް ހިދުމަތް ކުރެވޭ ވަރު އަންހެނުން ބައިވަރެވެ.
ވަޒީފާގެ މާހައުލުގައި އަހަރުމެން ދިވެހިން ދެކުނު ހަޑި މުޑުދާރު މަސައްކަތް ކަންނެތް ކަމެއްނެތި ފޫހި ކަމެއް ނެތި ކުރުމުގައިވެސް ދެމި ތިބީ އަންހެނުންނެވެ. ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ވިދުވާލައި ކުޅިވަރުގެ ރަން މެޑަލްތައް ކަރުގައި އަޅައިގެން ފަހުރުވެރި ކަމާއެކު އައީވެސް އަންހެނުންނެވެ. އަންހެނުންނަށް ނުކުރެވޭނެ، އަންހެންވަންތަ ނޫން ވަޒީފާތަކަށް ފަސްނުޖެހި ނިކުތީ ވެސް އަންހެނުންނެވެ.
ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލި ކަމުގައިވިޔަސް އަންހެނެެއް ނުފެންނަ އަންހެނެއް ނެތް ދާއިރާއެއް މިހާރު ނެތެވެ. ދިވެހިން އަންހެނުންނާ ދޭތެރޭ ދެކެމުން އައި ގޮތް މުޅީން ބަދަލުކޮށްލީ މި ކުޅަދާނަ އަންހެނުންނެވެ. މިއީ ވަރުގަދަ ރޫހީ ޖޯޝެއް އެކުލެވޭ ވަތަނީ ބާރެކެވެ.