އުމުރުން 30 އަހަރުގެ ޑރ. ޝިރާނީ އަބްދުލް ރަހުމާން އަކީ އަހަރުމެންގެ ތެރެއިން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމުގައި ސީދާ ސައިޓުގައި އެންމެ ގާތުން މަސައްކަތްކޮށްފައިވާ އެއް ޑޮކްޓަރެވެ. ސިއްހީ ދާއިރާގައި ހިދުމަތުގައި މާ ދުވަހެއް ޑރ. ޝިރާނީގެ އަދި ނުވެދާނެއެވެ. އެހެންނަމަވެސް އާދަޔާ ހިލާފު ހިއްވަރެއް ދައްކަވާ ކުރު މުއްދަތެއްގައި އަގުހުރި ބޮޑު ހިދުމަތެއް ކޮށްދެއްވައިފިއެވެ.
ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވާ މިހުންނަށް ގާތުން ފަރުވާ ދިނުމުގައި ހޭދަކުރެއްވި ވަގުތަކީ ނުހަނު އަގުހުރި އަދި އެ ހިދުމަތެއް ބަލައިގަންނަންޖެހޭ ހިދުމަތެކެވެ. ހިތުގެ އެންމެ ފުން މިނުން މި މަސައްކަތަށް ޝުކުރު ހައްގު މަސައްކަތެކެވެ. ކޮވިޑްގެ ފުރަތަމަ ރާޅާއި އެކު ޓެގް ޓީމާއި އެކު މަސައްކަތް ކުރައްވާ އެއަށްފަހު ފަރުކޮޅު ފުށީގައި އަދި ބަނޑޮހުގައި މސައްކަތް ކުރެއްވިއެވެ. އަދި އެފަހުން ހުޅުމާލޭ ކަރަންޓީނު ފެސިލިޓީގައި މިދިޔަ އަހަރު މާޗް މަހުން ފެށިގެން ނޮވެމްބަރަށް ފެސިލިޓީ އަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ. އެހެންކަމުން ކޮވިޑްގެ ކުރީކޮޅު ޑރ. ޝިރާނީ ވާނީ ބަލިވާ މީހުންގެ ރަނގަޅު ސިއްހަތަށް ގެނައުމަށް އެތަށް ކަމެއް ތަޖުރިބާކޮށްފައިވާ ޑޮކްޓަރަކަށެވެ. ލިބުނު ތަޖުރިބާ އާއި އެކު އެތަށް ކަމެއް ދަސްކޮށްފައިވާ ޑޮކްޓަރަކަށެވެ. އަދި މި ތަޖުރިބާ އިން މީހާވެސް ބަދަލުވެއްޖެ ކަމުގައި ވިދާޅުވިއެވެ.
ޑރ. ޝިރާނީ އެމްބީބީއެސް ފުރިހަމަކުރެއްވީ ރަޝިޔާގެ ޔުނިވަރސިޓީ އަކުންނެވެ. އަދި އިންޓާންޝިޕް ހޭދަ ކުރެއްވީ ބަންގްލަޑޭޝްގައެވެ. މެޑިކަލް ދާއިރާ އިން އިތުރަށް ތައުލީމް ހާސިލް ކުރުމަށް، މާސްޓާރސް އިން އިންޓާނަލް މެޑިސިން ފުރިހަމަ ކުރުމަށް ޑރ. ޝިރާނީ މި މަހުގެ މެދެއްހާ ހިސާބު މެލޭޝިއާ ދާން އަންނަނީ ތައްޔާރުވަމުންނެވެ.
"މެޑިކަލް ރެސިޑެންޓެއްގެ ގޮތުގައި އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރާތާ އަދި މިވީ ތިންއަހަރު. މަސައްކަތް ކުރަނީ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓްގައި. އައިޖީއެމްއެޗްގެ އިތުރުން އަޅުގަނޑު މަސައްކަތް ކުރަން ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ޕާޓް-ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި"
ހދ. ކުޅުދުއްފުއްޓަށް އުފަން ޑރ. ޝިރާނީ ޑޮކްޓަރަކަށް ވުމަށް ޝައުގުވެރިކަން އުފެދުނު ގޮތާއިމެދު ވިދާޅުވީ "މަންމަ އަކީ ފާމަސިސްޓެއް. ގޭގައި އޭރު ހުންނާނެ ބޭސް ދޫކުރާ ފާމަސީއެއް. ފާމަސީގައި މަންމަ މަސައްކަތް ކުރާއިރު ކައިރީގައި އިންނަނީ. ބޭސް ހުސްކުރި ހުސް ފޮށިގަނޑުތަކަކީ އޭރު އަޅުގަނޑުގެ ކުޅޭ ސާމާނު. އޭރުއްސުރެ އެންމެ ކުޑައިރުއްސުރެ ފަށައިގެން ޑޮކްޓަރަކަށް ވާން ބޭނުންވީ. އެހެން އުޅެމުން އަމިއްލަ އަށް ޑޮކްޓަރު ކަށިގަނޑެއްވެސް ހެދިން. ބޮލުގައި އަޅާ ކަޅު ބޭންޑެއްގައި ރިބަން ކޮޅަކާއި ފުޅީގެ މަތިގަނޑެއް ހަރުކޮށްގެން"
ކޮވިޑް-19 ގެ ތަޖުރިބާ ހިއްސާ ކުރަމުން ޑރ. ޝިރާނީ އެއީ އުދަނގޫ އަދި ތަފާތު ތަޖުރިބާއެއް ކަމުގައެވެ. "ފުރަތަމަ ކޮޅުގައި ވަރަށް އުނދަގޫވި. ފަށައިގަތް އިރު އެއްވެސް ޕްރޮޓޮކޯލްތަކެއް ނުހުންނާނެތާ. އާކަމެއް ކަމުގައި ވުމުން ހަދަންވާ ގޮތް ނޭގި ކުރިއަށް ދާންވީ ގޮތް ނޭގި ކަންކަން ދަސްކުރަމުން އެކަމެއް ކުރަމުން ދާންޖެހުނީ.
ފުރަތަމަ އައިސޮލޭޝަން ފެސިލިޓީސްތައް ހުރީ ރިސޯޓުތަކުގައި. މިސާލަކަށް ބުނަންޏާ، ބަލިމީހުންނަށް މި ފަރުވާދޭން ޖެހެނީ ހޮސްޕިޓަލް ނޫން އެހެން މާހައުލެއްގައި. ލޮޖިސްޓިކަލީ ވެސް އެތަށް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނު. ހޮސްޕިޓަލްގައި ފަސޭހައިން ކޮށްލެވޭ ކަމެއް ކުރުމަށް އެތަށް އުނދަގޫ މަރުހަލާ ކަޑައްތު ކުރަންޖެހޭ. ޓެސްޓެއް ހަދަން ޕޭޝަންޓެއްގެ ލޭ ނަގަން ޖެހުނަސް ކިތަންމެ ދަންވަރަކަސް ޖެޓީއަށް ގޮސް އައިސްބޮކްސް ނަގައިގެން ޕީޕީއީ އަޅައިގެން ޕޭޝަންޓް ރޫމަށް ގޮސް ވަދެފައި ލޭ ނަގައިގެން އޭތި ބޮކްސް އަށް ލައިގެން ލޯންޗަށް އަރުވަންޖެހޭ."
ހުޅުމާލޭ ފެސިލިޓީގެ ތަޖުރިބާ އަކީ މަސައްކަތް އެންމެ ބޮޑު އެއް ޗެލެންޖަކީ ސިއްހީ ހިދުމަތްތެރިން މަދުވުން ކަމުގައި ޑރ. ޝިރާނީ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.
"ފުރަތަމަ ރާޅުގައި އެއް ޑޮކްޓަރަކަށް 160 ބަލި މީހުން ފަރުވާދޭ ކަހަލަ ހާލަތެއްގައި އެތަނުގައި އޮތީ. އެދުވަސްކޮޅު އެއް މަހަށް ވުރެ ގިނަ ދުވަސް ވަންދެން އުޅުނިިން 24 ގަޑި އިރު ތެރޭގައި 2 ގަޑި އިރު ނިދައިގެން. ޑޮކްޓަރއެއްގެ ޖޮބް ޑިސްކްރިޕްޝަން ހުންނަ ކަންތައް އެކަންޏެއް ނޫން ކުރަންޖެހުނީ. ސްޓެޓިސް ބެލެހެއްޓުން ، ޑިސްޗާޖް ސަމަރީ އަދި އެޑްމިނިސްޓްރޭޝަން މަސައްކަތްތަކެއްވެސް ކުރަން ޖެހުނު"
މިހާ ބޮޑު ހިއްވަރަކާއި އެކުވެސް ބަލިން އަވަހަށް މީހުން ފަސޭހަ ކުރުމަށް މަސައްކަތް ކުރާއިރު އެންމެ ހިތްދަތި ވަގުތަކީ ފޭޝަންޓެއް ވަކިވެގެން ދާ ވަގުތެވެ. އާއިލާ އާއި ދުރުގައި ފަރުވާ ދިނުމަށް މަސައްކަތް ކުރާއިރު މުޅި މީހާއަށް ފުން އަސަރެއް ކުރާ ކަމުގައި ވިދާޅުވިއެވެ.
ޑރ. ޝިރާނީގެ ހިދުމަތް އެހެން ކަމުން ޕޭޝަންޓުން ބެލުމުގެ އިތުރުން އެހެން ދާއިރާތަކުންވެސް ވާނީ ލިބިފައެވެ. މަސައްކަތް ކުރެއްވީ ހަމައެކަނި ޑިއުޓީއަކަށް ގޮސް ޕޭޝަންޓުން ބަލާފައި ގެއަށް ދިއުމަށް ވުރެ މާ ޗެލެންޖިންގ މާހައުލެއްގައެވެ. މާޗު މަހުން ނޮވެމްބަރު ގެ ފަހު ހަފްތާއަށް ޖެހެންދެން ދިރިއުޅުނީ ފެސިލިޓީގައެވެ. ވައިރަހާއި އެންމެ ކައިރިން ބަލި މީހުން ބެލުމުގައެވެ.
އާއްމު ދިރިއުޅުމުގައި މީހުންނާއި ރައްޓެހި މިޒާޖެއްގެ ޑރ. ޝިރާނީ ވިދާޅުވާ ގޮތުގައި މި ތަޖުރިބާއަށް ފަހު މީހާއަށްވެސް ވަރަށް ބޮޑު ބަދަލެއް އައެވެ. "ހުޅުމާލެ ފެސިލިޓީގައި އުޅޭއިރު ޕޭޝަންޓުންނާއި ޑީލް ކުރަނީ ޕީޕީއީ ގައި. ފޭސް ޓު ފޭސް މީހުންނާއި ބައްދަލެއް ނުވޭ ގިނަ ދުވަސްވި އިރު ހަމައެކަނި ޑައިރެކްޓް ކޮންޓެކްޓަކީ އެއްކޮށް އެޕާޓްމަންޓްގައި އުޅުނު ކުއްޖެއް. އަޅުގަނޑަކީ މީހުންނާއި ފްރެންޑްލީ ކްލޯސް މީހެއް. ފެސިލިޓީގެ ތަޖުރިބާއަށް ފަހު މީހުންނާއި ފޭސް ކުރަން އުދަނގޫވި ފުރަތަމަ ކޮޅު. އެހެންމީހުންނާއި ފޭސްޓުފޭސް ވާހަކަ ދައްކަން އުނދަގޫވި އެހާ ގިނަ ދުވަސް ދުވަހު އައިސޮލޭޓްވެފައި ހުރުމުން. މީހާ ޗޭންޖްވި ކަހަލަ އިހްސާސްވީ"
ޑރ. ޝިރާނީ ވިދާޅުވާ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ އަންހެނެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ސެކްރިފައިސްތަކެއް ކޮށްގެން މިހާ ހިސާބަށް އާދެވުން ކަމުގެ އިހްސާސް ކުރެވެއެވެ.
"ސޮސައިޓީގެ އޮންނަ ގޮތުން އަމިއްލަ ސެލްފް ޕްރޫވް ކުރަން ޖެހޭ. އަަންހެން ކުއްޖެއްވީމާ 'އައި އެމް ގުޑް އިނަފް' ކަމަށް ޕްރޫވް ކުރަންޖެހޭ. އަޅުގަނޑު އެކަންޏެއް ނޫން މި ތަޖުރިބާ ކުރާނީ. އެކީގައި މަސައްކަތް ކުރާ އެހެން އަންހެނުންގެ ތަޖުރިބާއަކަށް މިކަން ވާނެ. އެހެން މީހުންނާއި އެއްވަރަށްް ވޯކް ކުރެވޭ ކަން ޓައިމްދެވޭނެ ކަން ދައްކަންޖެހޭ. އެހެންނަމަވެސް، 2017 ވޯކް ފެށި ފަހުން ދުވަހަކުވެސް ސިކް ލީވް އެއް ނުނަގަން އަދި ގަޑިއެއް ނުޖެހެން. ކޮވިޑް ފެށުނު ފަަހުން އެންމެ ދުވަހެއްވެސް އޯފް ދުވަހެއް ނުނަގަން." މިއީ ވަރަށް ފަހުރުވެރިކަމާއި ހިއސާކޮށްލި ވާހަކައެކެވެ. އެއީ އާއްމުކޮށް ފެންނަ ޒުވާނުންގެ މި ވޯކް އެތިކްސް ހުރުމަކީ ނާދިރު ކަމަކަށް ވާތީއެވެ.
ރާއްޖޭގެ ފުރަތަމަ ފަހަރަށް ވެކްސިން ޖެހި ޑޮކްޓަރަކީ ޑރ. ޝިރާނީއެވެ. "ޑރ. މާލިކް އެންމެ ފުރަތަމަ އެއްސެވީ ވެކްސިން ޖަހަން ބޭނުންތޯ. އަޅުގަނޑަށް އެންމެ ގާތުން މި ވައިރަސް ފެނިފައި ހުރީ . ވައިރަހަކީ ކިހާ ނުރައްކާތެރި އެއްޗެއް ކަން ވަރަށް ގާތުން އަޅުގަނޑަށް އޮތީ ތަޖުރިބާ ކުރެވިފައި. ބައްޔާއި އެކު އުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން. އާއްމުން ގާތު ވެކްސިން ޖަހާށޭ ބުނުމަށްވުރެ އަމަލުން އެކަން ދައްކަން ވެގެން އެއްބަސްވީ. އަދި އެއްވެސް ވަރަކަށް ބިރެެއް ނުގަތް. ފަހަތަކަށް ނުޖެހެން"
އެ ދުވަހުގެ އިހްސާސްތައް ކިޔާދެއްވަމުން ޑރ. ޝިރާނީ ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑްގެ ސަބަބުން ދިރިއުޅުން ބަދަލުނުވާ އެއްވެސް މީހަކު ހުންނާނެ ހެނެއް ހިއެއްނުވާ ކަމަށެވެ. އެކި މީހުންނަށް އެކި ވަރަށް މި ބަލީގެ އަސަރު ވަނީ ކޮށްފައެވެ. އަނބުރާ ކުރިން އޮތް ދިރިއުޅުމަށް ދެވޭނެ ގޮތަކީ ވެކްސިން އެވެ. އެއީ އުއްމީދެކެވެ. ވެކްސިން ޖެހިވަގުތަކީ އުއްމީދީ ވަގުތެވެ.
ޑރ. ޝިރާނީ ވިދާޅުވާ ގޮތުގައި ވަރަށް އާދައިގެ ދިރިއުޅުމަކުން މިހާ ހިސާބަށް އައިސް ގައުމަށް ކޮންމެވެސް ވަރެއްގެ ހިދުމަތެއް ކުރެވޭތީ އެއީ ލިބޭ ފަހްރެކެވެ. ޑރ. ޝިރާނީ ގެ އާއިލާގައި ހަގަށް ދެން ތިބެނީވެސް 2 އަންހެން ކުދިންނެވެ.
"އެންމެ ކުޑައިރުއްސުރެވެސް މަންމަ އާއި ދިމާލަށް މީހުން ބުނާ އަޑު އިވޭނެ ތިން އަންހެން ކުދިންދޯ އޭ ތިބީ. ފިރިހެން ކުއްޖެއް ނުހޯދާނަންތަ؟ ކުޑައިރުއްސުރެ ވެސް ހިތަށް އަރާ ކީއްވެހޭ އެހެން ބުނަނީ. އެކަމަކު ބޮޑުވާން ފެށީމަ އިނގެން ފެށި އަންހެން ކުއްޖަކަށް ވީމާ ލިމިޓޭޝަން ތަކެއް ސޮސައިޓީ ތެރެއިން އަންނަކަން.
އަޅުގަނޑުމެން ތިން ކުދިން ކިޔަވަން މާލެ ފޮނުވާތީ މީހުން ބުނާނެ މަންމަ އާއި ދިމާލަށް 3 އަންހެން ކުދިން މާލެ ފޮނުވައިގެން ހުންނަން އޯކޭހޭ؟. ވަރަށް ޖަޖްމެންޓަލް ކޮމެންޓްސް އައި.ޑރ. ޝިރާނީ
މިސާލަކަށް އަޅުގަނޑުމެން ކިޔަވަން މާލެ ބަދަލުވީ އިރު މަންމަގެ ވަޒީފާ އާއި ހެދި މަންމައަކަށް މާލެ ބަދަލެއް ނުވެވުނު. އަޅުގަނޑުމެން ތިން ކުދިން ކިޔަވަން މާލެ ފޮނުވާތީ މީހުން ބުނާނެ މަންމަ އާއި ދިމާލަށް 3 އަންހެން ކުދިން މާލެ ފޮނުވައިގެން ހުންނަން އޯކޭހޭ؟. ވަރަށް ޖަޖްމެންޓަލް ކޮމެންޓްސް އައި. އަޅުގަނޑު ކިޔަވަން މާލޭގައި ހުރީ ތިމާގެ ބައެއްގެ ގެއެއްގައި. ކޮއްކޮމެން ތިބީ ކުދިން ބަހައްޓާ ގެއެއްގަ. އެއީ ވަރަށް އެހެން ކަހަލަ ތަފާތު ތަޖުރިބާއެއް.
ޑރ. ޝިރާނީ ރަށުގައި އޯލެވެލް ކިޔަވާ ނިންމުމަށްފަހު މާލެ އައީ ސީއެޗްއެސްއީ ވަނުމަށް އަށެވެ. ދަތި އުނދަގުލުން ކިޔަވައިގެން ޑރ. ޝިރާނީގެ ކޮއްކޮމެން ވެސް ތިބީ ހިދުމަތުގައެވެ. ރަށުގައި މުހިއްމު ވަޒީފާތަކުގައެވެ. "މިހާރު އެއް ކޮއްކޮ ސައިކޮލޮޖީ ދާއިރާއިން ކިޔަވައިގެން ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގައި މަސައްކަތް ކުރަނީ. އަނެއް ކޮއްކޮ މަސައްކަތް ކުރަނީ ބައޮލޮޖީ އަދި ހިސާބު ކިޔަވައިދިނުމަށް. އަޅުގަނޑުގެ ޕްލޭން އަކީވެސް ކިޔަވައި ނިންމާ ރަށަށް ދިއުން. ހިދުމަތް ކުރުމަށް"
"މަންމަ ވަރަށް ސްޓްރަގްލް ކޮށްގެން މިހާ ހިސާބަށް މި އާދެވުނީ. މަންމަ ދައްކަ ދީފީ ދިމާވާ ދަތި އުނދަގުލުން އަރައިގަނެވޭނެ ކަން މަންމަގެ ހަޔާތުން. ތިން ކުދިންނަށް ކިޔަވާދީގެން މުޖުތަމައު ބަލައިގަންނަ މީހުންނަށް ވެފައި ތިބީ މަންމަގެ މަސައްކަތުން. މިހާ ހިސާބަށް މި އާދެވުނީ. ވީ ކޭމް ފްރޮމް ނަތިންގ. އެހެން ނަމަވެސް، ހިދުމަތެއް ކޮށްދެވޭތީ މިހާ ހިސާބަށް އާދެވުނީމާ އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް."
ކެރިއަރ ގޯލްސް އަށް ބަލާއިރު ޑރ. ޝިރާނީގެ އުއްމީދަކީ ދިވެހިރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ބެލުމަށް ނާސިންގ ހޯމްއެއް ހެދުމެވެ. އަދި ކިޔަވާ ވިދާޅުވާން ބޭނުންވަނީވެސް "ޖެރިއޭޓްރިކްސް މެޑިސިން" މި ދާއިރާއިންނެވެ.
"އެންމެ ބޭނުންވާ ދުވަހަކީވެސް އެއީއެވެ. ދުވަސްވީ މީހުންއަށް ފަރުވާ ދޭތަނެއް ހެދިފައި ހުރުން އެއީ ގަދަރުވެރިކޮށް އުމުރުގެ ފަހުބައި ވަކިވެދާންދެން އުޅެވޭނެ ތަނެއް ހުރުން. އެ ފަދަ ފެސިލިޓީއެއް ރާއްޖޭގައި އުފެއްދުން."
މިއަދު މި ފާހަގަ ކުރާ އަންހެނުންގެ ދުވަހަށް ދޭން ބޭނުންވާ މެސެޖަކީ "އަމިއްލަ ނަފްސް ލިމިޓް ނުކުރާށޭ. މީހެއްގެ ހިޔަނީގައި ނުހުންނާށޭ. ކުރަން ބޭނުން ކޮންމެ ކަމެއްވެސް އަންހެން ކުއްޖައްކަށް ވީތީ ނުކުރެވި އެއް ނުހުންނާނެ އޭ.
ގޯލެއް އޮތިއްޔާ މަސައްކަތް ކުރާށޭ. ހަމައެކަނި ބޭނުންވަނީ މަސައްކަތް. ނުކުރެވޭނެ ކަމެއް ނުހުންނާނެ. އިރާދަކުރެއްވިއްޔާ! ދުއާ ކޮށްފައި ކުރިމަތިލާށޭ. ކޮންމެ ކަހަލަ އާއިލާއަކުން އަޔަސް ކޮންމެ ތާކުން އަދި ހާލަތަކުން އަޔަސް އެމީހަކު ކުރަން ބޭނުން ކަމެއް މަސައްކަތުން ކުރެވޭނެ. ޒުވާން ކުދިންނަށް ބުނެލާނީ މުޖުތަމައު އިން ކެޕޭބިލިޓީސްތައް ލިމިޓްކުރިޔަ ނުދޭށޭ!"