އިހު ޒަމާނުގައި ގޭތެރަށް ވެލި ލުމާއި، ގޯތި ތެރޭގައި ގަސްއިންދުމާއި ބިއްލޫރި ލޯގަނޑު ބެހެއްޓުމަކީ އަހަރެމެންގެ ސަގާފަތެކެވެ. ގޭތެރެ ޒީނަތްތެރި ކުރުމަކީ އަބަދުވެސް އަހަރުމެން އެންމެން ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ބައިބޯވެ އުޅޭ ތަންކޮޅު ކުޑަވެ މިހާރު އަހަރެމެންގެ ކަންކަން ބައްޓަން ވެފައި ވަނީ އެހެން އުޅޭނެ ފާޑަކަށް ނޫނެވެ.
މިހާރު ދެން ކަންކަން އޮންނަނީ އެކޮޅުކޮޅުން ޖެހިފައެވެ. ގަހެއް އިންދައިގެން އެއިން މި ލިބޭ ހިތްހަމަޖެހުން ވެސް ހޯދަން މިޖެހެނީ ގޭތެރޭގައި ގަސްމުށިގަނޑެއް ބަހައްޓައި އޭގައި ގަހެއް އިންދައިގެނެވެ. އެހެންވެ ގޭތެރޭ ޒީނަތްތެރި ކުރުމަށް ކްލޭ އިން ހަދާފައި ހުންނަ ޕޮޓްތަކަކީ ވަރަށް ގިނަ ބަޔަކު ގަޔާވާ އެއްޗެއްސެވެ. އެކަހަލަ ޕޮޓެއްގައި ގަހެއް އިންދާލާފައި ހުންނަ އިރު ވަރަށް ނެޗުރަލް ފީލެއް ވެރިވުމަކީ މީހުން ކްލޭ ޕޮޓް އިހްތިޔާރުކުރާ ސަބަބެވެ.
ކްލޭއިން ހަދާ، ގަސް މުށީގެ ގޮތުގައި ބޭނުން ކުރާ ޓެރަކޯޓާ ޕޮޓްތަކުގައި ޒަމާނީ ގޮތަކަށް ތަފާތު އެކި އެކި ކުލަޖައްސައިގެން ވިއްކާ، އިންސްޓަގްރާމް ގައި އެކަމަށް ހާއްސަ ޕޭޖެއް ހިންގާ "ބްލޫޝެލް" އަކީ މިހާރު ހިނގާ ނަމެކެވެ.
ބްލޫޝެލްގެ ފަހަތުގައި މިހުރީ ޝާލީ މުހައްމަދު ދީދީ އެވެ. ޝާލީގެ ސްޓޫޑިއޯއަށް ވަނުމުން މަރުހަބާ ކިޔަނީ ތަފާތު އެކި ކުލަތައް ޖައްސާފައި ހުރި ޗާލު ޕޮޓްތަކެވެ. ޔަގީނުންވެސް ގޭތެރެ ޒީނަތްތެރި ކުރާ ހިތްވާ މީހެއް ވިއްޔާ އެ ޕޮޓްތަކުގެ ތެރެއަށް ހިތް ބަންޑުންކޮށްލާނެ އެވެ.
އެކި ސައިޒް ތަކާއި އެކި ބައްޓަން ތަކުގެ އެކި ކިއްސަރުގެ ޕޮޓުތަށް އަތުރާލާފައިވާއިރު އެކަށް ނިމިފަ ހުރި އެއްޗެއްސާއި މަސައްކަތް ނިމެންދާ ޕޮޓްތައް ހަރުތަކުގައި އަތުރާލާފައި ވެއެވެ.
ޝާލީ ބުނި ގޮތުގައި އޭނާ ޕޮޓަރީއަށް ޝައުގުވެރިކަން އުފެދުނީ އިނގިރޭސި ވިލާތުގައު ކިޔަވަން އުޅުނު އިރު އާޓްސް އިހްތިޔާރުކުރެވުނު ހިސާބުން ފެށިގެނެވެ.
"އަޅުގަނޑަކީ ގޭގައި މަސައްކަތް ކުރާ މަންމައެއް! ހަ އަހަރުގެ ކުއްޖަކު ހުރޭ. އާޓްސް އެންޑް ކްރާފްޓަކީ އަބަދުވެސް ވަރަށް ޝައުގުވެރިވާ ދާއިރާއެއް. ކުޑައިރުން ފެށިގެންވެސް އަބަދުވެސް އުޅެނީ އީދު ކާޑު ހެދުމުގައި ނުވަތަ ކޮންމެވެސް ކްރާފްޓީ ކަމެއްގައި،" ޝާލީ ބުންޏެވެ. "އެހެން އުޅެމުން ކަޒިންސް ކުދިންނާއެކު ފެށީ ވެޑިންގް ކާޑު ހަދަން، އެއަށް ކިީ ނަމެއް 'ބްލޫ ޝެލް' އަކީ. 1997 އިން 2002 ގައި ޔޫކޭގައި ކިޔަވަން އުޅުނު އިރު އާޓްސް ކިޔަވަން ހިޔާރު ކުރީ. އާޓްސްގަ ތިން ޗޮއިސްއެއް ނަގަން ޖެހުނީ. ފޮޓޯގްރަފީ އާއި ޕެއިންޓިން ދެން ޕޮޓަރީ މި ޗޫޒް ކުރީ. އެހިސާބުން ޕޮޓަރީ އަށް ހިތް ކިޔައިދި،"
ޝާލީގެ އާޓްވޯކްތައް ގިނަ ބަޔަކު ވަނީ ބަލައިގެންފަ އެވެ. މިދިޔަ ހަފްތާގައި ޝާލީ ކާމިޔާބުކަމާއެކީ މި ނިންމާލީ ބްލޫޝެލް ދެވަނަ ޕޮޕް އަޕް ޝޮޕެވެ.
"މިދިޔަ އަހަރު އަލަށް ޕޮޕްއަޕެއް ބޭއްވީ އެއީ ޝެލް ބީންސްއާ ގުޅިގެން ނޮވެމްބަރުގައި. މިފަހަރު މި ބޭއްވީ މި މަހު އެހެން ދެތިން ބަކަޔާ ގުޅިގެން. ވަރަށް ބޮޑު ތަރުހީބެއް ލިބުނު މިފަހަރު ވެސް. ބޮޑަށް ހީވަނީ ގަންނަނީ މީހުންނަށް ހަދިޔާއެއް ދޭން ގިފްޓެއް ގޮތުގައިހެން. މި ކަހަލަ ޕޮޓްތައް ބޭނުން ކުރޭ ގަހަނާ އަދި ތަޅުދަނޑިފަތި ލުމަށާއި އަމިއްލައަށް ބޭނުންވާ ގަސް އިންދަންވެސް." ޝާލީ ބުންޏެވެ
ޝާލީ ބުނި ގޮތުގައި އޭނާ ކުރާ މަސައްކަތށް ވަރަށް ބޮޑަށް ނޭޗާ އިން އިންސްޕަޔާ ވެވެ އެވެ. އަދި ކުލަ ގުޅުވާ ގޮތާއި، ވުޑް ވޯކްސް އާއި ވީވިން އާއި މެކްރޭމް އަދި ޕޮޓަރީ ހަދާ މީހުންގެ އެކައުންޓްތަކުގަ ހުންނަ ޑިޒައިންތަކަށް ވަރަށް ބެލެ އެވެ.
"ކަސްޓަމާސް ވެސް ރިކުއެސްޓް ކުރޭ. ބޭނުންވަނީ މަންޑާލާ އެއްޗެކޭ ނޫނީ މޫދު ޑިޒައިނެއް ނުވަތަ ކޮންމެވެސް ތުނޑުކުނާ ޑިޒައިނެކޭ"
ޝާލީގެ މި މަސައްކަތް ރާވާލާފައި އޮންނަނީ ދަރިފުޅު ސްކޫލަށްލުމަށްފަހު މަސައްކަތް ފަށައިގަންނަނީ އެވެ. ކޮންމެ ދުވަހަކުވެސް ފަސް ގަޑިއެއްހާއިރު މަސައްކަތުގައި ހޭދަކުރެ އެވެ. އެކަމަކު މިހާރު ޝާލީގެ ވިސްނުމަކީ އަހަރަ ތެރެއަށް މަސައްކަތް ބަހާލައި ޕޮޕް ޝޮޕްތަކެއް ވެސް ހިންގާލުމެވެ.
އާޓްގެ ކަންކަމަށް ޝައުގުވެރިވާ އެހެން ޒުވާނުންނަށް ޝާލީއަކީ މިސާލެކެވެ. އޭނާ ބުނާ ގޮތުގައި އަބަދުވެސް އާ ކަންކަން ދަސްކުރަން މަސައްކަތް ކުރަންވާނެ އެވެ. އަދި ކަންކަން އެކްސްޕްލޯކޮށް ހުނަރު ވީހާވެސް ބޮޑަކަށް ޔުޓިލައިޒް ކުރަން ޖެހޭނެ އެވެ.
"މިހާރު އަސްލު ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި ހޭންޑްމޭޑް އެއްޗިސްއާއި އާޓް އެންޑް ކްރާފްޓް ބަލައިގަންނަން ފަށާފައި މިއޮތީ. ވަރަށް ގިނަ މީހުންނަށް ކަމުދޭ ކަސްޓަމައިޒްޑް އެއްޗެހި. މިކަހަލަ އެކި އެކި ފަންނާނުން ބަލައިގަނެ އަގުވަޒަން ކުރޭ. މިއީވެސް މިކަހަލަ ރޮނގަކުން ޒުވާނުން ކެރިއާ ޗޫޒް ކުރެޗވިދާނެ ސަބަބެއް."
ޝާލީ ޕޮޓްތަކުގައި ޕެއިންޓް ކުރުމުގެ އިތުރުން އަމިއްލައަށް ކްލޭއިން ވެސް ޕޮޓް ހަދާފައި އެބަހުއްޓެވެ. އަދި ތުއްތު ކުދިންގެ ކުދި ހެދުމުގައި އެންބްރޮއިޑަރީ މަސައްކަތްތައް ވެސް ކުރެ އެވެ. ކަންފަތުލާ މުދިވެސް ތައްޔާރު ކުރެ އެވެ.
އާޓް އަދި ކްރާފްޓް ހެދުމަކީ އެއިން މީހާގެ ސްޓްރެސް މެނޭޖްކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.
"ހަޔާތުގައި ދިމާވާ އެކި ކަހަލަ ކަންކަމުގައި ސްޓްރެސްވެ މީހާ ހަމަޖައްސާލަން ވެސް މި ކުލަޖެއްސުން އެހީތެރިވެދޭ. އަދި ބޮޑަށް އަމިއްލައަށް ޓައިމް ނަގައިގެން މިކަމަށް ހުސްވެގެން ހުރެ ހިތްހަމަޖެހިގެން ކޮންމެ ޕޮޓެއް ވެސް މި ނިންމާލަނީ. އެ ޕޮޓެއް ޝާލީއަށް ކަމުނުދާ ކަހަލަ ގޮތެއް ހުރިއްޔާ އަލުން ޑިޒައިން ކުރަނީ،" އޭނާ ބުންޏެވެ.