އަންހެނުން

ފަރީދާއަކީ ވެސް ދިރާގުގެ ވަރުގަދަ ތަނބެއް!

ދިވެހި ސަރުކާރާއި ކޭބަލް އެންޑް ވަޔަލަސް ގުޅިގެން 1988 ވަނަ އަހަރު ރާއްޖޭގައި އުފެއްދި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ވެފައި ވަނީ ރާއްޖޭގެ އެންމެ ހަރުދަނާ އެންމެ ބޮޑު އެއް ކުންފުންޏަށެވެ. އެފަދަ ކުންފުންޏެއްގެ މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ފަހުރަކާއި ޝަރަފެކެވެ. އެއްކަމީ މުވައްޒަފުންނަށް ރަނގަޅު ކުންފުންޏެކެވެ. ރަނގަޅު ރެމިއުނެރޭޝަން ޕެކޭޖެއް އޮންނަ ކުންފުންޏެކެވެ. ކުރިއެރުމަށް ފުރުސަތު ދެއެވެ. ޓެލެންޓް އުފައްދަ އެވެ. އެ ޓެލެންޓް ދަމަހައްޓަ އެވެ. ޒުވާނުންނަށްށް ފުރުސަތު ދެއެވެ. ކިޔަވައިގެން މައިދާނަށް ނުކުންނަ ޒުވާނުންގެ މެދުގައި އެއީ "ޑްރީމް" ކުންފުންޏެކެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މުުއާސަލާތީ ހިދުމަތް ފޯރު ކޮށްދިނުމުގައި ދިރާގު ބޮޑު ދައުރެއް އަދާކޮށްފި އެވެ. ގިނަ އޮޅިއެއް ގިރާކޮށް ކުރި ހޯދައިފި އެވެ. ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީ އެއް އެންމެ ޅަފަތުން އުފައްދާ އެ އިންޑަސްޓްރީއަށް މީހުން ބިނާކޮށްފިއެވެ. ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްފިއެވެ. ދިރާގު އުފެދުނުތާ 33 އަހަރެއްހާ ދުވަސްވެފައިވާ އިރު މިހާރު ދިރާގުގައި 600 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ދިރާގުގެ ފައިނޭންސް ޑިޕާޓްމަންޓްގައި ގިނަ ދުވަސްވީ އެއް މުވައްޒަފަކީ ފަރީދާ އިސްމާއީލެވެ. އޯލެވެލް ނިންމާ ދިރާގާ ގުޅި މަސައްކަތް ކުރާތާ 23 އަަހަރުވެއްޖެ އެވެ. ފަރީދާގެ މަގާމަކީ މިހާރު ދިރާގުގެ އޯގަނައިޒޭޝަނަލް ހައިރާކީގައި މަތީ ފަންތީގެ މަގާމެެކެެވެ. ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގެ ދަށުން އަންނަ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ހަ މެނޭޖަރުންގެ ތެރެއިން އެކެކެވެ.

"ސްކޫލް ދައުރުގައި އަޅުގަނޑަކީ އަމީރު އަހުމަދުގެ ފުރަތަމަ އަންހެން ސްކޫލް ކެޕްޓަން. ސްކޫލް ނިންމާ އަޅުގަނޑު ވަގުތީ ވަޒީފާއެއްގެ ގޮތުން އެންމެ ފުރަތަމަ ދިޔައީ އެއަަހަރު ސަރުކާރުން ހުޅުވާލި ބޯހިމެނުމުގެ މަސައްކަތަށް. އެއިން ވަރަށް ގިނަ ރަށްތަކަށް ދަތުރުކޮށް ގިނަ ކަންކަން ދަސްވި. އެއަށްފަހު އަޅުގަނޑު ދިރާގަށް ވަނީ. ދިރާގުގެ ވަޒީފާއަކީ އަޅުގަނޑުގެ ފުރަތަމަ ދާއިމީ ވަޒީފާ. ފައިނޭންސްގައި މަސައްކަތް ކުރަން ފެށިއިރު އަޅުގަނޑާއި ހަވާލު ކުރީ ބޮޑު ޒިންމާއެއް. ދިރާގަށް އެ ދުވަހަކު ލިބޭ ފައިސާ ޓެލީކޮށް ބޭންކަށް ޖަމާ ކުރުން ޖެހެނީ"

އެހާ ގިނަ ފައިސާ އެއް ފަހަރަކާ ނުވެސް ފެންނާނެ ނޫންތޯ. ވަރަށް ބޮޑު ޒިންމާއެއް އެ ހަވާލު ކުރީ. އެއަށް ފަހު ފައިނޭންސް ދާއިރާގައި އިތުރު މަސައްކަތް ދަސްކޮށް ދިނުމަށް، ޖޮބް ރޮޓޭޝަން އޮވޭ. ބޭންކިން، ރީކޮންސިލިއޭޝަން އަދި ރިސީވަބްލްސްގައި މަސައްކަތްކޮށް ފުރަތަމަ ދެ އަހަރުން އަޅުގަނޑަށް ލިބިއްޖެ ޕްރޮމޯޝަނެއް، ސީނިއާ ފައިނޭންސް އޮފިސަރު"

ފައިނޭންސްގެ ދާއިރާއަށް ފަރީދާގެ ލޯ ހުޅުވާލަ ދިނީ ދިރާގުންނެވެ. އަމިއްލަ ދިރިއުޅުމަށް އޭނާގެ އެ ވަޒީފާގެ ސަބަބުން ބޮޑު ބަދަލެއް އައެ އެވެ. ޒިންމާދާރުވި އެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވާން ބާރުވެރި ކުރުވި އެވެ. ފަރީދާ ވިދާޅުވާ ގޮތުގައި ފައިނޭންސް ގައި މަސައްކަތް ކުރުމުން ފައިނޭންޝަލް އިންޑިޕެންޑެންސްއަކީ ކިހާ މުހިއްމު ކަމެއްކަން ވަރަށް ހަގު އުމުރަކުން ދަސްވި އެވެ.

"އަޅުގަނޑު ދިރާގާއި ގުޅުނު އިރު ކުރީކޮޅު އަމިއްލަ ކުންފުނިތަކުގެ ފައިނޭންސް މަސައްކަތް ޕާޓް ޓައިމްކޮށް ވެސް ކޮށް އުޅުނިން. ބޭނުންވީ ވަރަށް ބޮޑަށް އިންޑިޕެންޑެންޓްވާން. މަސައްކަތް ކުރުމަށް. ދިރާގުން އަޅުގަނޑަށް ފައިނޭންސް ދާއިރާއިން އިތުރަށް ކިޔެވުމަށް ފުރުސަތު ދިން. އެންމެ ފުރަތަމަ އަޅުގަނޑު ފުރިހަމަ ކުރީ ޗާޓެޑް އެކައުންޓިން ޓެކްނީޝަން ކޯސް މިހާރު ވެސް އަޅުގަނޑު މި ދަނީ ކިޔަވަމުން. މިހާރު މި ކިޔަވަނީ ޗާޓަޑް އިންސްޓިޓިއުޓް ފޯ މެނޭޖްމަންޓް އެކައުންޓިން"

ދިރާގުގައި މުޅި ފައިނޭންސް ޑިޕާޓްމަންޓް ގައި ގިނަ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާއިރު ފަރީދާއަކީ މި ބިޔަ ބޮޑު ކުންފުނީގެ ފައިނޭންޝަލް ޕްލޭނިން އެންޑް އެނަލިސިސްގެ ސީނިއާ ބޭފުޅެކެވެ.

އޮފީސް މޭޒު ދޮށުގައި މަސައްކަތް ކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި މާ އުނދަގޫ ބުރަ މަސައްކަތެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ލީޑިން އެއް ކުންފުނީގެ ބަޖެޓް ހަދާ، ޕާފޯމަންސް އިވެލިއޭޓްކޮށް، ދިރާގުގެ އިންވެސްޓްމަންޓުން އެކަށީގެންވާ ރިޓާން ލިބޭތޯ ބަލާ، ކޮމާޝަލް ޕްރޮޕޯސަލް ބަލަހައްޓާ އެ ކުންފުނިން އެ އަހަރަށް ކަނޑައަޅާ ފަައިނޭންޝަލް ގޯލްތައް ހާސިލް ކުރަން ކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫނެވެ.

"އެންޓްރީ ލެވެލް އިން ފެށިގެން މިހާ ހިސާބަށް އައިމަ ވަރަށް ރަނގަޅު އެކްސްޕީރިއެންސެއް މިއީ. ކަމެއް ގޯސްކޮށް ދަންޏާ ވެސް އެކްސްޕީރިއަންސުން އިނގޭ ކަންކަން ހައްލު ކުރަން ދެން ހަދަންވީ ގޮތް. ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އެބައޮތް މަސައްކަތް ކުރުމަށް"

ފަރީދާ ދިރާގުގައި މަސައްކަތްކޮށްފައިވާ ދިގު ރާސްތާގައި ތަފާތު އެކިއެކި އެވޯޑް ވަނީ ހާސިލް ކޮށްފައެވެ. ދިގު މުއްދަތުގެ އެވޯޑާއި ޑިވިޝަނަލް މެރިޓް އެވޯޑް އަދި ސީއެފްއޯ އެވޯޑް މިހެން ގޮސް އެތަށް އެވޯޑެއް ހާސިލްކޮށްފައިވާ އިރު މި ޓްރްފީތައް ފަހުރުވެރިކަމާއިއެކު ފަރީދާގެ އޮފީސް މޭޒުގައި ޑިސްޕްލޭކޮށްފައި ވެއެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ބައެއްވެސް އެ މޭޒުމަތިން ފެންނަން ހުއްޓެވެ.