ވިޔަފާރި

ދިރާގުގައި މަސައްކަތް ކުރާ މައިންނަށް ހާއްސަ ކޮޓަރިއެއް

މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިރާގުގައި މައިންގެ ކޮޓަރިއެއް ގާއިމުކޮށްފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގައި މަސައްކަތް ކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަންޕް ކުރުން ފަދަ ކަންތައް ކުރުމަސް ފަސޭހަ، ރައްކާތެރި މާހައުލެއް ހޯދައި ދިނުމުގެ ގޮތުން އެ ކުންފުނީގައި މަސައްކަތް ކުރާ މައިންނަށް ކޮޓަރިއެއް ގާއިމުކޮށްފަ އެވެ.

ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންދާ ދިރާގުގައި 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން، އަންހެނުން ބާރުވެރުކޮށް ވަޒީފާގެ މާހައުލުގައި ހަމަ ހަމަ އުސޫލުތަކަށް އަމަލުކުރުމަކީ ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ގޮތެއް ކަމަށާއި ކުންފުނީގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަށް ވަޒީފާގައި އަދި ދިރިއުޅުމުގައިވެ ސް ކާމިޔާބު ބަޔަކަށް ވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އޮފީސްތަކުގައި މަސައްކަތް ކުރާ މައިންނަށް ހާއްސަ ކޮޓަރިތައް ކޮންމެ އޮފީހެއްގައި ގާއުމުކުރުން ލާޒިމްކޮށްފައިވެ އެވެ. އެއީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާ އެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީ އެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު މަގުފަހިކޮށް، އަންހެނުން ބާރުވެރި ކުރުމަށެވެ.