ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާ ގުޅިގެން ލިބޭ ނަފްސާނީ ގެއްލުންތައް ނުވަތަ "ޓްރޯމާ" ތަކާ ގުޅިގެން ނަފްސާނީ ގޮތުން އަަރައިގަތުމަށް ހަތް ދުވަހުގެ ޗުއްޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ދޭން އެ ކުންފުނިން ނިންމައިފި އެވެ.
މި ޗުއްޓީ ދޭން ނިންމިކަން އެމްޕީއެލްއިން ހާމަކުރީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ ހަފްލާގަ އެވެ.
"ޓްރޯމާ'ގެ ޗުއްޓީ ދޭން ނިންމީ ހުރިހާ އިނާޔަތްތައް ވެސް ލިބޭ ގޮތަަށެވެ.
މި ޗުއްޓީ ލިބޭ ކަންކަމުގެ ތެރޭގައި މާބަނޑު މުވައްޒަފެއް ބައިގެން ދިއުން، މުވައްޒަފެއްގެ މަންމަ ނުވަތަ އާއިލާގެ މީހަކު ނިޔާވުން ނުވަތަ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުވުން ފަދަ ކަންކަން ހިމެނެ އެވެ.
މި ޗުއްޓީ ދޭނީ ޑޮކްޓަރެއްގެ ލިޔުމަކާއެކު ކަމަށް ވެސް ބުނެފައި ވެއެވެ.
ކްރޮސްރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ އަންހެން މުވައްޒަފުންގެ އަގު ވަޒަންކޮށް ޝަރަފުވެރިކަމުގެ އެވޯޑް 12 ކަނބަލަކަށް ވަނީ އަރުވައިފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ ވިދާޅުވޫ އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ހުނަރު އިތުރުކުރުމުގެ ގޮތުން އެމްޕީއެލްގެ އަންނެހް މުވައްޒަފުންނަށް އަމާޒުކޮށް އެޕްރެންޓިސް ޕްރޮގްރާމެއް ފަށަން ވެސް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އެ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީން ކުރާނެ ކަަމަށް އިބްރާހިމް ވިދާޅުވި އެވެ.
" އަދި [މުހިންމު] މަގާމުތައް ފުރަން އަންހެން ބޭފުޅުން ނުކުންނާނެ. ހައެއްކަ މަސް ދުވަސް ތެރޭގައި މިކަން [ޕްރޮގްރާމް] ފަށާނަން" އިބްރާހިމް ވިދާޅުވި އެވެ.