މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑް ދީފި

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެން ބޭފުޅުންނަށް ހާއްސަ އެވޯޑެއް ދީފި އެވެ.

އެ އެވޯޑްތައް ދިނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން ރޭ ކްރޮސް ރޯޑްގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ޝަރަފްވެރިކަމުގެ އެވޯޑް 12 ކަނބަލަކަށް ރޭ އެރުވިއިރު އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މިއީ އެމްޕީއެލް އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަަކަށް ދިން އެވޯޑެކެެވެ. މީގެ ތެރޭގައި 20 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ޝަރަފުވެރި އެވޯޑް ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޕީއެލްއަށް ހިދުމަތްކުރާތާ 30 އަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާ ހިމެނެ އެވެ.

ޝަރަފުވެރިކަމުގެ އެވޯޑް ލިބުނު ކަނބަލުން

  • ފާތިމަތު ސާދުނާ – ސީނިއަ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް
  • ފާތިމަތު ބަދޫރާ – މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
  • ރަހުމަތު – ސީނިއަ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް
  • ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު - އެޗް.އާރު ޑިޕާޓްމެންޓް
  • ފާތިމަތު ނާޝިދާ – ސީނިއަ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
  • ފާތިމަތު ނާޒިމާ – މެނޭޖަރު – މާލެ ނޯތް ހާބަރު
  • އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމަރޖެންސީ ސާރވިސަސް
  • އަމީޒާ އަލީ – ސީނިއަ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް
  • ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް
  • އައިޝަތު ސުނީޒާ – ސީނިއަ މެނޭޖަރު – ހުޅުމާލެ ޓާރމިނަލް އޮޕަރޭޝަންސް
  • އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މީގެ އިތުރުން ރޭ ބޭއްވި ހަފްލާގައި ވަނީ ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ ކަނބަލުންނަށްވެސް ހާއްސަކޮށް ހަތަރު އެވޯޑެއް ދީފަ އެވެ.

ސެކްރެޓޭރިއެޓް އެވޯޑް ލިބުނު ކަނބަލުން

  • ފާތިމަތު ސިޔާނާ - ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ (އެޗްއާރް ޑިޕާޓްމަންޓް)
  • މަރިޔަމް ފަރީޝާ - ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ (އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް)
  • އައިޝަތު އަރީން އިލްޔާސް - ޑިސިޕްލނަރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ (އެޗްއާރް ޑިޕާޓްމެންޓް)
  • ސުހާ ޝަރީފް - އިންޓަވިއު ޕެނަލް ސެކްރެޓަރީ (އެޗްއާރް ޑިޕާޓްމެންޓް)

ރޭގެ ހަފްލާގައި އެމްޕީއެލް އިން ވަނީ އަންހެނުންނަށް ހާއްސަކޮށްގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް އިފްތިތާހުކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އެކި ދާއިރާތަކުން އަންހެން މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން "ޓްރައުމާ ލީވް ޕޮލިސީ" އެއް ވެސް އެމްޕީއެލްއިން ރޭ އިއުލާންކުރި އެވެ. މި ޕޮލިސީގެ ދަށުން ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާ ގުޅިގެން ލިބޭ ނަފްސާނީ ގެއްލުންތައް ނުވަތަ "ޓްރޯމާ" ތަކާ ގުޅިގެން ނަފްސާނީ ގޮތުން އަަރައިގަތުމަށް ހަތް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.