ދިރާގު

މިއަހަރުގެ ޕައިޕްލައިން އެވޯޑްސްގެ "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ދިރާގަށް

ދިރާގަށް މިއަހަރުގެ ޝަރަފުވެރި ޕައިޕްލައިން އެވޯޑްސްގައި "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ލިބިއްޖެ އެވެ.

ދިރާގަށް މި އެވޯޑް ލިބިފައިވަނީ އެ ކުންފުނިން އެތިޔާއާ އެކު ކުރިއަށް ގެންދިޔަ ކަސްޓަމަ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީއާރްއެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ.

މި އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

ދިރާގުން ބުނީ އެތިޔާގެ ބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އެފަރާތްތަކަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދިރާގުގެ ސީޓީއައިއޯ މުހައްމަދު މުއްސަދު ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މި އެވޯޑް ދިރާގަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހީވާގި ޓީމާއި ޕާޓްނަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުން ކަމަށްވެސް ވިދާޅުވި އެވެ.

"ޑިޖިޓަލް މާހައުލުގައި ކުރިއަރަމުން އަންނައިރު، އަޅުގަނޑުމެންގެ އުއްމީދަކީ ތަފާތު ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދިވެހިރާއްޖޭގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، މުޖުތަމައުތައް ބާރުވެރި ކުރުވުން،" މުއްސަދު ވިދާޅުވި އެވެ.

ޕައިޕްލައިން އެވޯޑްސް އަކީ ޑިޖިޓަލް އީޖާދުތައް ގެނައުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކުރާ ބައިނަލްއަގްވާމީ އެވޯޑެކެވެ. އަދި މި އެވޯޑް ދިރާގަށް ލިބުމަކީ އެކުންފުނިން މިހާރަށް ވުރެ ހަރުދަނާ، މުވާސަލާތީ ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމުގެ ހެއްކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ ޕައިޕްލައިން އެވޯޑްސް އިން މި ލިބުނު އެވޯޑްގެ އަގުވަޒަންކޮށް، މި އިންގިލާބީ ދަތުރުގައި ދިރާގާ އެކު މަސައްކަތްކުރި ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޑިޖިޓަލް ގޮތުން ރާއްޖޭގެ ކުރިއެރުމަށް ކަމަށްވެސް ބުންޏެވެ.