މާރިޔާ އަހުމަދު ދީދީ

ކާމިޔާބު ހޯދޭނީ ތިމާ އަތްފަޔަށް ލާ ހިތްވަރަކުން: މާރިޔާ

އަންހެނަކަށްސް ފިރިހެނަކަށްސް އެ މީހަކު ކުރިއަރާނީ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުން ކަމަށާ ހިތްވަރާއެކު ކުރިއަށް ދިއުމަށް ދިވެހި އަންހެނުންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިލްތިމާސް ކުރައްވައިފި އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައި ސިފައިންގެ މަޖައްލާ "އައްޑަނަ" ގައި ލިޔުއްވި ލިޔުމެއްގައެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރި ކުރުވުމުގެ މައްޗަށް ކަމަށް ވާއިރު ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު ވަރަށް އުސް އޮޅިތަކެއް ގިރާކުރަން ޖެހޭނެކަން ގަބޫލުކުރަން ވާނެ ކަމަށެވެ.

"ފިރިހެނުން ގިނަ ތަނަކަށް އައިސް އަންހެނަކަށް ވީތީ ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި ކެރިގެން ނުކުމެ ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫހު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި ލަފާދޭ މަޖިލީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު އެ ދެ އޮފިސަރުންނަކީވެސް އަންހެންކަން ފާހަގަ ކުރެވިއެވެ.

މިއަދު އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ތިބޭ ކަމަށާ މިހާރުވެސް އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓްގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެން އޮފިސަރު ކެޑޭޓަކު ކޮމިޝަނިން ކޯހެއް ފުރިހަމަ ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަންހެނުންނަށް ދޭ ޝަރަފުވެރި އެވޯޑް ލިބިވަޑައިގެން ފުރަތަމަ ދިވެހި އަންހެނުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަމަނާގެ އަމިއްލަ ތަޖުރިބާގައި ހަގީގީ ލީޑާޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫން ކަމަށެވެ.

"އެއީ ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ހާސިލްކޮށް، ދަމަހައްޓާ މުހިންމު ބުރަ މަސްއޫލިއްޔަތެއް. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ތިމާޔަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް ތިމާ ކުރިއަރާނީ ތިމާ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުންކަން. ތިމާގެ ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ ހުދު ތިމާގެ އަތްފަޔަށް ލާ ހިތްވަރަކުން. ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ ހަރުގަނޑުގައި ހިފަހައްޓައިދިނުން. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުސޫލުންން،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.