އެމްއެންޑީއެފް

މިއަދުގެ އޮނާގާޑުގައި ސިފައިންގެ އަންހެނެއް

ރައްޔިތުން މަޖިލީސް މި އަހަރަށް ހުޅުވައި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސަށް މަރުހަބާ ދެންނެވުމަށް ސިފައިން އެރުވި އޮނާގާޑްގައި ސިފައިންގެ އަންހެނަކު ބައިވެރިވެއްޖެ އެވެ. މިއީ މިފަދަ ޝަރަފުވެރި ރަސްމިއްޔާތަކަށް އެރުވި އޮނާގާޑެއްގައި ސިފައިންގެ އަންހެނަކު ބައިވެރިވި ދެވަނަ ފަހަރެވެ.

މިއަދުގެ އޮނާގާޑްގައި ބައިވެރިވީ ޕްރައިވެޓް އައިސަތު ޝަހުމާ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދުގެ އޮނަ ގާޑުގައި ޝަހުމާ ހިމެނުމަކީ ސިފައިންގޭގައި ފިރިހެނުންނެކޭ އެއް ހަމައެެއްގައި އަންހެނުންނަށް ވެސް ފައި ހަމަކޮށްލެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ބުނީ މިހާރު ވެސް ސިފައިންގެ ފިރިހެނުންނެކޭ އެއްހަމައެއްގައި އަންހެން ސިފައިން އަަސްކަރީ ތަމްރީންތައް ހަދަން އޮންނަ ހަމަހަމަ ފުރުސަތުގެ ބޭނުން އަންހެން ސިފައިން ހިފާ ކަމަށެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ޝައުވެރިވާ އަންހެނުންނަށް ސިފައިންގެ އަންހެނެއްގެ ފަރާތުން މިއަދު ފެނިގެން ދިޔައީ ވަރަށް ބޮޑު ހިއްވަރެއް ކަމަށާއި އެއީ އަސްކަރިއްޔާ ގައި ހިދުމަތް ކުރަން ޝައުގުވެރި އަންހެންނަށް ލިބުުނު ޔަގީން ކަމެއް ކަމަށްވެސް ސިފައިން ބުންޏެވެ.

ދިވެހި އަސްކަރިއްޔާ ގައި އަންހެން ސިފައިން ހަރަކާތް ތެރިވާން ފަށަފައިވަނީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން އުވާނީ ހަމަލާއަށް ފަހު އެވެ. އަަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރުވެފައިވާ އިރު ދިވެހި އަަސްކަރިއްޔާގެ ހުރިހާ ދާއިރާ އެއްގައި އަންހެން ސިފައިންގެ ހިއްސާ މިހާރު އޮވެ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް މިހާރު ހުންނެވީ ވެސް އަންހެން ބޭފުޅެކެވެ. މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު އަދި ފުރަތަމަ އަންހެން ލޯޔަރެވެ، މީގެ އިތުރުން ހިތްވަރުގަދަ އަންހެނުންނަށް ދެވޭ ބައިނަލްއަގްވާމީ އެވޯޑް ލިބުނު ފުރަތަމަ ދިވެހި އަންހެނަކީ ވެސް އެކަމަނާ އެވެ.