މާރިޔާ އަހުމަދު ދީދީ

އެންމެ ބޮޑު އިސްކަމެެއް ދެނީ ގައުމީ ސަލާމަތަށް: މާރިޔާ

މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރި ކަމަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު އާންމުކުރެއްވި ހިތާބެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެކަމަނާގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާގެ ބިޔަބުރަ މަސްއޫލިއްޔަތު ވަރަށް ބޮޑަށް
އިހުސާސްކުރެއްވޭ ކަމަށެވެ.

"ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދާ، ޒަމާނީ ކުރުމާއި، ގައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ" ގައުމުގެ ސަލާމަތް ވަރުގަދަކުރުމަށްޓަކައި ސިފައިންގެ ތަރައްގީއަށް އިސްކަންދޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދާދިނުމާއި، އަދުލު އިންސާފު ގާއިމުކޮށްދިނުމާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި، ވިޔަފާރިއާއި އިގްތިސާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމަކީވެސް، ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންތައްތަކެއް ކަމަށެވެ.

"ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިއްމު ކަމެއް. އަޅުގަނޑުމެންނަށް މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް އުފާކުރާއިރު، އަޅުގަނޑުމެން ކުރިމަގަށް ވިސްނަންޖެހޭ ކަންކަންވެސް އެހާމެ ގިނަ،" މާރިޔަ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދިވެހިންގެ ސަގާފަތް ރައްކާތެރިކޮށް، އިހްތިރާމާއި ގަދަރު ލިބިފައިވާ، ޝަރަފްވެރި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ދަމަހައްޓަންޖެހޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

ހުރިހާ ދިވެހިން ޝާމިލުވާ ގޮތަށް މި ގައުމު ބިނާކުރުމަށް އަޒުމު ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.