އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަންކުރައްވައިފި އެވެ.

އިބްރާހީމް ހިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ގައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ހިލްމީ އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަންކުރައްވާފައި މިވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ މި މަހު އޭނާގެ އުމުރުން 60 އަހަރު ފުރުމުންނެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށްވެސް ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެގޮތުން މިމަގާމަށް އައްޔަންކުރެއްވީ މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޣިޔާޘް އެވެ.