މާރިޔާ އަހުމަދު ދީދީ

ފަސް ގައުމެއްގެ ޑިފެންސް އެޑްވައިޒަރުންނާ މާރިޔާ ބައްދަލުކުރައްވައިފި

Mar 10, 2022

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަސް ގައުމެއްގެ ދިފާއީ ދާއިރާއާ ގުޅުންހުރި އިސްވެރިންތަކަކާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައްދަލުކުރައްވައިފި އެވެ.

މި ބޭފުޅުން ރާއްޖެ ވަޑައިގަތީ ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވްގެ އެންއެސްއޭ ލެވެލްގެ ފަސްވަނަ ބައްދަލުވުމަށެވެ. އިއްޔެ އާއި މިއަދު މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގަ އެވެ.

ވަކިވަކިން މިއަދު ބޭއްވި ބައްދަލުވުންތަކުގައި މިނިސްޓަރު މާރިޔާ ފުރަތަމަ ބައްދަލުކުރެއްވީ ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ޖެނަރަލް ކަމާލް ގުނަރަތުނެއާ އެވެ.

މިބައްދަލުވުމަށްފަހު މާރިޔާ ބައްދަލުކުރެއްވީ މޮރިޝަސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކުމަރެސަން އިލަންގޯއާ އެވެ. މިބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެންބަޝިޕް ހޯދައި، މޮރިޝަންސް އިން ފުރަތަމަ ފަހަރަށް ބައްދަލުވުމުގައި ބައިވެރިވުމުން މަރުހަބާ ދަންނަވާފަ އެވެ. އަދި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ މިއަދު ތިންވަނަ އަށް ބައްދަލުކުރެއްވީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ޑޯވަލްއާ އެވެ. އޭގެފަހުން ބައްދަލުކުރެއްވީ ސީޝެލްސްގެ ޗީފް އޮފް ސްޓާފް (ޑިފެންސް ފޯސް) ސައިމަން ޑައިންއާ އެވެ. އެންމެ ފަހުން މިނިސްޓަރު މާރިޔާ ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ޑިފެންސް އަދި ސެކިއުރިޓީ އެޑްވައިޒަރު ތޯރިގު އަހްމަދާ އެވެ.

މިހުރިހާ ބައްދަލުވުމެއް ވެސް މިއަދު ކުރިއަށް ދިޔައީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގަ އެވެ. މިބައްދަލުވުންތަކުގައި ސިފައިންގެ އެންމެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވް ފެއްޓެވުމުގެ ގޮތުން މިނިސްޓަރު މާރިޔާ އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވްގެ މެންބަރު ގައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި އެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި މި ސަރަހައްދުގެ ސުލްހަ އާއި، ސަލާމަތާއި، ހަމަޖެހުން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ވިސްނުމާއި، އެ ކަންކަމަށް ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް މިނިސްޓަރު މާރިޔާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވްގެ މައިގަނޑު ލަނޑުދަނޑިތައް:

  • ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން
  • ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން
  • މެންބަރު ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވަން މަސައްކަތް ކުރުން
  • ސައިބާ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން

މޮރިޝަސްއަކީ ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވްގެ މެންބަރެއްގެ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅާފަ އެވެ. ކޮލަމްބޯ ސެކިއުރިޓީ އެންކްލޭވް އަކީ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖެއިން ގުޅިގެން އުފައްދާފައިވާ ގުޅުމެކެވެ.