މާރިޔާ އަހުމަދު ދީދީ

ތިން އަހަރުގެ ތެރޭގައި ދިވެއްސަކު ހަނގުރާމައަކަށް ނުދޭ: މާރިޔާ

Mar 9, 2022
2

ދިވެހި ސަރުކާރުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ދިވެއްސަކު ގޮސްފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސްވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވެ އެވެ. މިއީ މޮރިޝަސް އިން މި ކޮންކްލޭވްއާ ގުޅި ބައިވެރިވާ ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، ގަވައިދާ ހިލާފަށް މަސްވެރިކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލަތަކަކީ މިސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުން ބޮޑު މައްސަލަތަކެއް ކަމަށެވެ.

"އެކަމަކު ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ދިވެއްސަކު ސަރުކާރުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އިޝާރާތް ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ޓެރަރިސްޓް އެ ހަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ގައުމު ހޭލައްވައިލި ހާދިސާއެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާ ކަމަށެވެ. މިބައްދަލުވުމަކީ މިސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ އާއި ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވޯކެކެވެ.

މިފްރޭމްވޯކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބާސެކިއުރިޓީ ކަށަވަރުކުރުމެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިވާ ވަފްދުގައި މިނިސްޓަރު މާރިޔާގެ އިތުރުން 11 އިދާރާއެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.