ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައިވެސް ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯ އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ.
އީސީ އިން ބުނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް އެއް ގަޑި އިރާއި 30 މިނެޓް އިތުރުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ މިދުވަސްވަރުގެ މޫސުމަށް ބަލައި ހޫނު ގަދަވުމުގެ ސަބަބުން ނުވަތަ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް އަންނަ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ލަފާކުރެވޭތީ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.
މި ސަބަބުތަކާހުރެ ވޯޓުލާ ގަޑި އިތުރުކޮށްފައިވާތީ ވޯޓުލާ ވަގުތަށް އިތުރު ބަދަލެއް ނުގެނައުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑި (އެގައުމުގެ ގަޑިން)
- އިންޑިއާ (ޓްރިވެންޑްރަމް) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
- ސްރީލަންކާ (ކޮލަމްބޯ) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
- މެލޭޝިއާ (ކުއަލަލަމްޕޫރު): ހެނދުނު 11:00 އިން ރޭގަނޑު 8:30
އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖޭގައި ވޯޓުލުންކުރިއަށްދާ ވަގުތުވެސް އިތުރުކޮށްފަ އެވެ.
ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.