ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވިއިރު 48 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހުގެ މެންދަމު 12:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިދިޔަ މަހުގެ 21 ވަަނަ ދުވަހު ބޭއްވި އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރި އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ވަކި މުއްދަތެއްގައި ތެރޭގައި ހުށަހެޅުމަކީ ގާނޫނު ލާޒިމުކުރާ ކަމެކެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ އަވަސްއަށް ވިދާޅުވީ މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވިއިރު 48 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު މީގެތެރޭގައި ގާނޫނުގައި ބުނާ ވަގުތު ހަމަވީ ފަހުން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުން ވެސް ހިމެނޭ ކަމަށެވެ. ގާނޫނުގައި ބުނާ ވަގުތުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން ކަމަށްވެސް ވިދާޅުވި އެވެ.
"މީގައި އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ބޭފުޅުންނާއި ވަގުތު ހަމަވީ ފަހުން މާލީ ބަޔާން ހުށަހެޅި ބޭފުޅުންނާވެސް ތަފާތުތަކެއް ހުންނާނެ ކޮމިޝަނުން ގޮތްތަކެއް ނިންމާއިރު. ވަގުތު ހަމަވި ފަހުން މާލީ ބަޔާން ހުށަހެޅި ބޭފުޅުންނާ މެދު އަޅުގަނޑުމެން ޖެހޭނީ ކޮމިޝަންގެ ބައްދަލުވުމެއްގައި ގޮތެއް ނިންމަން،" އޭނާ ވިދާޅުވި އެވެ.
މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމެނޭނަމަ ގާނޫނު މިހާރު އޮތް ގޮތުން ދައުވާ ކުރެވި އަދަބު ދެވޭނެ އެވެ. މިކުށުގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ކޮމިޝަނުން އެ ބޭފުޅުންވެސް އޭރު ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށް ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓުން 6،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.