ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ފުވައްމުލަކާއި ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ.

ފުވައްމުލަކުގައި ތިން ދާއިރާއަށް މެންބަރުން ހޮވިއިރު ކުޅުދުއްފުށިން ދެ ދާއިރާއަށް މެންބަރުން ހޮވާފައިވެ އެވެ.

ކުޅުދުއްފުށީގެ ދެ ދާއިރާގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ދާއޫދެވެ. އޭނާއާ ވާދަކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ފުވައްމުލަކު ސިޓީގެ ތިން ގޮނޑީގެ ނަތީޖާއަށް ބަލާއިރު ފުވައްމަލު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ އިބްރާހީމް ހުސައިން އެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އެވެ. ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަދި އެ ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު ހުސައިން މުހައްމަދު ދީދީއާ ވާދަކުރައްވައިގެންނެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ހަމަދު އަބްދުﷲ ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ދާއިރާއަށް އިދިކޮޅު އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައެއް ނުވެ އެވެ. ހަމަދުއާ ވާދަކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވީ މުހައްމަދު ޝަރަފުއްދީން އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލިސް އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު މާލެ އާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތައްވެސް ކާމިޔާބު ކުރީ ޕީއެންސީ އެވެ.