އިލެކްޝަންސް ކޮމިޝަން

ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަން ޖެހޭ ހާލަތެއް ނެތް: އީސީ

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް އަބްދުއްރަހްމާން އެވެ.

އީސީ އިން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭނާއަށް ލިބުނީ 1،070 ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ މުހައްމަދު އަލީއަށް 1،074 ވޯޓު ލިބުނެވެ.

އެ ދާއިރާއަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް އަހުމަދަށް 579 ވޯޓު ލިބުނުއިރު ޖޭޕީން ވާދަކުރެއްވި އަޒްލީން އަހުމަދަށް 77 ވޯޓު ލިބުނެވެ. މީގެ އިތުރުން 41 ވޯޓު ބާތިލު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

އީސީން ބުނީ އެ ދާއިރާގެ ފޮށިތައް އަލުން ގުނަންޖެހޭ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ކުރި މަޝްވަރާތަކަށްފަހު ނިންމާފައިވާ ކަމަށެވެ.