ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖލިސް އިންތިހާބު: މާލީ ބަޔާން ހުށަހެޅީ 91 ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 91 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިދިޔަ މަހުގެ 21 ވަަނަ ދުވަހު ބޭއްވި އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރި އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަޔާން ވަކި މުއްދަތެއްގައި ތެރޭގައި ހުށަހެޅުމަކީ ގާނޫނު ލާޒިމުކުރާ ކަމެކެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ބަޔާން ހުށަހަޅާފައިވާ 91 ކެންޑިޑޭޓުން ކަމަށް ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.

ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރި 35 ކެންޑިޑޭޓަކާއި ޕާޓީ ޓިކެޓްގައި ވާދަކުރި 56 ކެންޑިޑޭޓެކެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމަށް ވަގުތު ކުޑަތަންވެފައިވާއިރު އަދިވެސް 277 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައެއް ނުވެ އެވެ.

މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ ނުވަތަ ދޮގު މައުލޫމާތު ހިމެނޭނަމަ ގާނޫނު މިހާރު އޮތް ގޮތުން ދައުވާ ކުރެވި އަދަބު ދެވޭނެ އެވެ. މިކުށުގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ކޮމިޝަނުން އެ ބޭފުޅުންވެސް ޖޫރިމަނަކޮށްފައިވެ އެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން ޖޫރިމަނާކޮށް ކެންޑިޑޭޓުން ރަސްމީ އެޖެންޓުން 6،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.