ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމު އެ ގައުމުތަކުގެ އެމްބަސީތަކުންވެސް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގެ އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތައް
- އިންޑިއާ - ޓްރިވެންޑްރަމް އަދި ނިއުދިއްލީ
- ސްރީލަންކާ
- މެލޭޝިއާ
- އިނގިރޭސިވިލާތް
- ސިންގަޕޫރު
- ތައިލެންޑް
- ޖަޕާން
- ޔޫއޭއީ
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު ދޫކުރާނެ ކަމަށާއި ހޯމަ ދުވަހުން ހުކުރު ދުވަހަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.
ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށާއި ފޯމު ހުށަހަޅާއިރު ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށާއި އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިނުގަންނާނެ ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.
ރީ-ރަޖިސްޓްރޭޝަނަށް ޖުމްލަ ތިން ހަފްތާ ހުޅުވާލި ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ލިބޭނީ ދެ ހަފުތާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އޮންލައިންކޮށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު ހަމަވި ނަމަވެސް އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓާވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.