ރާއްޖެއިން އިތުރު ގައުމުތަކަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދު ވަނީ އިއްވާ އެވެ.
އެ ގޮތުން ބުރުނާއީއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުއްފުށި، ގެ ނަމެވެ.
ލަގްޒަމްބާގް އަދި ނެދަލެންޑްސަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، މ. ގީލާވިލާ، ގެ ނަމެވެ.
ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، ހ. އޯކިޑް، ގެ ނަމެވެ.
އޮސްޓްރޭލިއާގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު، މއ. ދިލާސާގެ ނަމެވެ.
އެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.