ރާއްޖެއިން ފަސް ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގައި އިއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
އެ ގޮތުން ބުރުނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުއްފުށި، ގެ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 47 މެންބަރުންގެ އިއްތިފާގުންނެވެ.
ލަގްޒަމްބާގް އަދި ނެދަލެންޑްސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، މ. ގީލާވިލާ، ގެ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 48 މެންބަރުންގެ އިއްތިފާގުންނެވެ.
ރާއްޖެއިން ފްރާންސަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުވީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، ހ. އޯކިޑް އެވެ. ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އިރުތިޝާމް އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން އޮސްޓްރޭލިއާގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު، މއ. ދިލާސާގެ އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 48 މެންބަރުންގެ އިއްތިފާގުންނެވެ.