ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ ފަހަރަށް ތިން ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.
އެގޮތުން ހުށަހަޅާފައިވަނީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު)، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް އަދި އދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު އައްޔަންކުރުމަށެވެ.
މަޖިލީހުގެ ތަޅުމަށް މިއަދު މިބޭފުޅުންގެ ނަންތައް ހުށަހެޅުމުން މި މައްސަލަ ދިރާސާކުރުމަސް ފޮނުވާފައިވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
މުހައްމަދު ހުސައިން ޝަރީފު މީގެ ކުރިން ވަނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި ރައީސް އޮފީހުގެ ވަޒީރުކަމާއި ޔޫތު މިނިސްޓަރުކަމާއި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. މިވަގުތު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ޑރ. އިރުތިޝާމް އާދަމް މީގެ ކުރިން ވަނީ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން އަދި ސަފީރުކަން ކުރައްވާފަ އެވެ.
އދގެ ދާއިމީ މަންދޫބުކަން މީގެ ކުރިންވެސް ކުރެއްވި ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ފޮރިން މިނިސްޓްރީގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ޕާމަނަންޓް ސެކެރެޓްރީކަމާއި ސަފީރުކަންވެސް ހިމެނެ އެވެ. ޑރ. އަލީ ނަސީރުވެސް މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.