ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓުފޮށި ބެހެއްޓޭ ވަރަށް ރީ-ރަޖިސްޓްރީކުރީ ސްރީލަންކާ އާއި މެލޭޝިޔާގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ދެ ގައުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި ބޭރުގެ ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާ އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތު އިއްޔެ ހަވީރު 4:00 އަށް ހަމަވެފައިވާއިރު އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ވޯޓުފޮށި ބެހެއްޓޭ އަދަދަށް މީހުން ރީ-ރަޖިސްޓްރީކުރީ ހަމައެކަނި ސްރީލަންކާ އާއި މެލޭޝިއާގަ އެވެ.

މަޖިލިސް އިންތިހާބުގައި އިންޑިއާ އާއި ތައިލެންޑް އާއި އިނގިރޭސިވިލާތް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައިވެސް ވޯޓު ފޮށި ބަހައްޓަން ނިންމާ އެތަންތަނުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން ހުޅުވާލި އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ދިން މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ކުރުމަށް ޖުމްލަ 13،378 މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 11،919 މީހުން ރީ-ރަޖިސްޓަރީ ކޮށްދީފައިވާއިރު 1،459 ހުށަހެޅުން ބަލައިނުގަނެވޭ ކަމަށް ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ ކޮމިޓިން ފާސްކޮށްފައިވާއިރު ހަބީބު ވިދާޅުވީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ ރީ-ރަޖިސްޓްރީކުރަން އިތުރު ފުރުސަތެއް ދޭނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.