ސަރުކާރުގެ އުއްމީދަކީ ހަމަހަމަކަން ގާއިމްކޮށް އަންހެނުން އަސްކަރީ ދާއިރާއަށް އިތުރު ކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އަސާސީ ތަމްރީނުގެ 66 ވަނަ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާ ކުރުމަށް ޅ. މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެކަމަނާ އެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ސިފައިންގޭގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތަކީ ފަސް ޕަސެންޓު ކަމަށެވެ.
އެ އަދަދުތައް މަތިކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވީ، 2018 ވަނަ އަހަރު ކުރިއަށްގެން ދިޔަ 63 ވަނަ ބޭސިކް ކޯހުގައި އަންހެން ސިފައިންގެ ނިސްބަތަކީ ހަތް ޕަސެންޓު ކަމަށާއި މިދިޔަ އަހަރު އެ ނިސްބަތަކީ 11 ޕަސެންޓު ކަމަށެވެ. އަދި، މި އަހަރު އެ ނިސްބަތް 18 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އަންހެން ސިފައިންގެ މި އަދަދު އިތުރުކުރުން"
މާރިޔާ ވިދާޅުވީ، މުޖުތަމައުއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރާނީ މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިގެން ކަމަށާއި ރާއްޖޭގެ ދިފާއީ މުއައްސަސާގެ ތެރޭގައި ގިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ.
އިތުރަށް ފާހަގަކުރެއްވީ، މިދިޔަ ދެ އަހަރު ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ސިޔާސީ ނުފޫޒުން ދިފާއީ މުއައްސަސާ ދުރުކުރުން ކަމަށެވެ. އެގޮތުން، ސިފައިންގެ ކަންކަމުގައި ސިފައިންގެ ހިޔާލާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މާހައުލަކަށް ޖާގަދީ ސިފައިންގެ ތެރޭގައި އަދުލު އިންސާފު ގާއިމް ކުރުން ކަމެވެ.
"މިއަދު ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލް ކުރެވޭނީ ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުގެ ނަތީޖާއަށް.. އުސޫލުގެ ތެރެއިން އެކަން ސާބިތުކޮށްދީފިނަމަ ޕްރޮމޯޝަނަކަސް މެޑަލަކަސް އެއީ ތިބޭފުޅުންގެ ހައްގެއް "
މިނިސްޓަރު ވަނީ، ސިފައިންގެ ހިދުމަތުގައި ކުރިއަރަން ބޭނުންވާ ނަމަ ބުރަ މަސައްކަތާއި ޕްރޮފެޝަނަލިޒަމުން ކުރިއެރުން ހާސިލްވާނެ ކަމަށް ވިދާޅުވެފަ އެވެ.