ކާރިސާތަކުން ރައްކާތެރިވުމާއި ރާއްޖޭގެ ދިފާއަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާ ގުޅިލާމެހިފައިވާ ކަމަށާއި މި ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގްވާމީ ޕާޓްނަރުންގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާއީގެ ސެންޓާ ފޯ އެކްސެލެންސް އިން ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ހިއުމެނިޓޭރިއަން އެސިސްޓަންސް (ސީއެފްއީޑީއެމް) އާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ވާކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލާއި ޖައްވު ހޫނުވުމާ ގުޅިގެން އުދައެރުމާއި ވައިގަދަވުމާއި ފެންބޮޑުވުން ފަދަ ކަންކަން އިތުރުވެ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކެމިކަލް ގުދަންތަކުގައި އަލިފާން ރޯވުމާއި ރާއްޖެ އަންނަ ބޮޑެތި މަނަވަރުތައް ފަރަށް އެރުން ފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ރާއްޖޭގެ ނާޒުކު ގުދުރަތީ ވެށްޓަށް ނޭދެވޭ އަސަރު ފޯރާ ކަމަށެވެ. މިފަދަ ހާދިސާތަކާއި ކާރިސާތަކަށް އިޖާބަދިނުމުގަޔާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި އޭޖެންސީއަކުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ އަމިއްލަ ބަޖެޓާއި މިނިވަން ކަމާއެކު ވަކި އޮތޯރިޓީ އެއްގެ ހައިސިއްޔަތުން އެންޑީއެމްއޭ އަށް ޒިންމާ އަދާކުރެވޭނެ މަގުފަހިކޮށްދެއްވިކަން ފާހަގަ ކުރައްވާފައެވެ.