"ކްލައިމެޓް ސެކިއުރިޓީ" ނުވަތަ މޫސުމީ ރައްކާތެރިކަމަކީ ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު މައުލޫއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް - "އައިއައިއެސްއެސް ޝަންގްރީލާ ޑަޔަލޮގް" ގެ "ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިގެންވާ ކަނޑުގެ ލޮނުގަނޑުން މައްޗަށް ތިން ފޫޓުވެސް ހަމަނުވާ ރަށްތައް ގިނަ އަދި މޫދާ 100 މީޓަރު ދުރު ނޫން ހިސާބުތަކުގައި ހައުމުގެ އުމްރާނިއްޔަތުގެ 70 އިންސައްތަ އާއި އާބާދީ ބޮޑު ސަރަހައްދުތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު އޮންނަ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، "ކްލައިމެޓް ސެކިއުރިޓީ" އަކީ ވަރަށް މުހިއްމު މައުލޫއެއްކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގަޔާއި ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ އެކުގައިވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ބައިނަލްއަގްވާމީ ޖަމާއަތް ހޭލުންތެރި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ހާއްސަ އިސް ކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.
މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ "މޯލްޑިވްސް ޑިފެންސް ވައިޓް ޕޭޕާ" ގައި މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި "ފެހި" އުސޫލުތަކާއި އިޖުރާއަތުތަކެއް ހިމެނުމަށް ރާއްޖޭގެ އަސްކަރިއްޔާ އާއި ދިފާއީ ދާއިރާއަށް ނިސްބަތްވާ ހުރިހާ އިދާރާއަކަށް އިރުޝާދު ދޭ މާއްދާއެއް ހިމަނާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަސްކަރިއްޔާގެ ބޭނުމަށް ދީފައިވާ ބިންތަކާއި އެސްޓޭޓުތަކުގައި ހުރި މެރިން ޕްރޮޓެކްޓެޑް ޒޯންތަކާއި އިކޮލޮޖިކަލް ރިޒާވްތައް މެނޭޖުކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ގައުމީ ދިފާއީ ބާރާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.