ރާއްޖޭގައި ލޭ އަޅާ ކުދިން ގިނަ އެވެ. ލޭ ހަދިޔާ ކުރާނެ މީހަކު ވޭތޯ ހޯދަން ނުކުމެ އުޅޭ މީހުން އަބަދު ވެސް އުޅެ އެވެ. ލޭ ނުލިބިގެން އުޅޭ މީހުންނަށް ލޭ ލިބިމުގެ ދަތިކަން ވަރަށް ބޮޑަށް އޮވެއެވެ. ލެއަށް އެދިގެން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްލަ ކޮށްލައި ތިބެ އެވެ. ވަކި ގުރޫޕެއްގެ ލޭ ހޯދަން އަދި އިތުރަށް އުނދަގޫވެ އެވެ. ފުތިހާ ޝާކިރު (ފުތީ) އަކީ އޭ ޕޮޒިޓިވް ލޭ ހުންނަ މީހެކެވެ. ފުތީ ޝައުގުވެރިވަނީ ބްލަޑް ޑޯނާއެއްގެ ގޮތު ގަވާއިދުން ލޭ ހަދިޔާ ކުރާށެވެ. އުމުރުން 39 އަހަރުގެ ލޭ ހަދިޔާ ކުރާތާ 22 އަހަރު ވެއްޖެ އެވެ.
ގާނޫނީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް މިހާރު ގާނޫނީ ވަކީލަކަށްވަން ކިޔަވަމުން އަންނަ ފުތީ ބުނި ގޮތުގައި ލޭ ހަދިޔާ ކުރަން އޭނާއަށް ފެށުނު ގޮތަކީ އާއިލާއާއި ގާތް ގުޅުމެއް އޮތް އާއިލާއެއްގެ ކުއްޖަކަށް ލޭ ހޯދަން އުޅެ، ލޭ ނުލިބި އުޅެނިކޮށް ލޭ ހަދިޔާ ކުރަން ޖެހުނު ހިސާބުން އެކަން ތަފާތު ތަޖުރިބާއަކަށް ވެގެނެވެ.
"ފުރަތަމަ ފަހަރު ލޭ ދޭން ޖެހިލުންވި އަދި ލޭ ނަގާ ކަށި ދެކެ ވަރަށް ބިރުގަތް... ބޯއަނބުރާގޮތްވި. އެކަމަކު ފަހުން ރަނގަޅުވެއްޖެ"
އޭގެ ފަހުން ފުތީ ދާން ފެށީ ރާއްޖޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓް އޮފީހުގެ ވަޒީފާއަކަށެވެ. އެތާނގައި ގައި މަސައްކަތް ކުރަމުން ދިޔަ އިރުސޮސިއިޓީ ފޯ ހެލްތް ސެންޓާ އިން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިޓަލީއިން ފުރުސަތު ލިބުނު ވަރަށް ގިނަ ކުދިން ކޮންމެ ދުވަހަކުހެން ކޮންސިއުލޭޓަށް ދެއެވެ.
އޭނާ ބުނި ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ކުދީންގެ މައިންބަފައިން ލޭ ނުލިބޭ ވާހަކަ ދައްކާނެ އެވެ. އަދި ކުދިންނާއި ބައްދަލުވެ ވާހަކަ ދައްކާލުމުން ގިނަަ ދުވަސްދުވަހު އަސަރުކޮށްގެން ރޮވެ އެވެ. އެހެންވެ ދިމާވި ވަރަށް ގިނަ ކުދީންނަށް ފުތީ ލޭ ހަދިޔާ ކުރެ އެވެ.
"އެކުދިން ރޯނެ. 'ވީ ވޯންޓު ލިވް' އޭ ކިޔާ. އެއްދުވަހަކު ކުއްޖަކު އައި އޭނަގެ ޕިގީ ބޭންކް ހިފައިގެން، ދެން ބުނި މިއީ އޭނާގެ އަތުގައި ހުރި ފައިސާ ކަމަށް. މި ފައިސާ ވެސް ލައިގެން ބޯން މެރޯ ހަދަން ފޮނުވަން އާދޭސްކުރި،"
ލޭ ހޯދަން މީހުންނަށް ދިމާވާ ދަތި އަދި މެސެޖު ވީހާވެސް ގިނަ މީހުނަށް ފެންނާނެ ގޮތަށް ފުތީ އަމިއްލައަށް ފޭސްބުކްގައި ގްރޫޕެއް ހެދި އެވެ. ނަމަވެސް ފަހުން މޯލްޑިވިއަން ބްލަޑް ޑޯނާސްގެ ނަމުގައި ރަސްމީ ގްރޫޕެއް އައުމުން ފުތީގެ އެ މަސައްކަތް އެއް ފަރާތްކޮށްލީ އެވެ.
"އެއް މަގުސަދެއްގައި ހެދި ގްރޫޕަކަށް ވުމުން ފުތީ އެ ގުރޫޕަށް ޖޮއިންކޮށް ކުރީ ރައްޓެހިންނާއެކު" އޭނާ ބުންޏެވެ.
ފުތީ ބުނި ގޮތުގައި އެއްވެސް އިރަކު ޑޯނާއެއް އެއްގެ ގޮތަށް އެއްވެސް ތާކު އޭނާ ލިސްޓެއް ނުކުރެ އެވެ. އެކަމު މީހުން އެދުމުން ލޭ ހަދިޔާ ކުރަނީ އެވެ. ލޭ ހަދިޔާ ކުރުން މިހާ ދިގު މުއްދަތަކަށް ދެމިގެން ދިޔައީ ލެއަށް އެދި މީހުން ސަލާންޖަހާ މަންޒަރު ފެނި، ކުރާ އަސަރުން ކަމަށް އޭނާ ބުނެ އެވެ.
"އަހަރެންގެ ކޮއްކޮއަށްވެސް ލޭ އަޅަން ޖެހުނު. އެއްބަނޑު އެއްބަފާ މީހުންނަށާއި މަންމައަށް ލޭ ނުދެވޭ އިރު އަހަރުމެން ލޭ ހޯދަން ކުރި ސްޓަރަގްލް އިނގޭ. ސޯޝަލް މީޑިއާގައި ޕޯސްޓްތަކުން ފެންނާނެ އެއްފަހަރު ލެ ހޯދުމަށް އެދި ނުލިބި އަލުން ރީޕޯސްޓްކުރާ ތަން. އެ މީހުން ހަމަ އުޅޭނީ ނުނިދާ މިކަމުގައި. ދެން އަވަހަށް ދަނީ ގޮސް ލޭ ދެނީ،"
ފުތީ ލޭ ދޭން ފެށިއިރު ދެވެނީ އަހަރަކު ދެ ފަހަރު އެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކޮންމެ ތިން މަހަކުން ލޭ ދެވެއެވެ. ލޭ ދިނުމުގައި މިހާ ގިނަ ދުވަސްވެފައިވާ އިރު ފުތީ ބުނިގޮތުގައި މިހާރު ލޭ ނުދޭނަމަ އުނދަގޫ ވެސް ވެއެވެ. އެހެންވެ، އައިޖީއެމްއެޗާއި އޭޑީކޭ އަދި ތެލޭސީމިއާ ސެންޓަރަށް ގޮސް ލޭ ހަދިޔާ ކުރެއެވެ.
ލޭދިނުމުގެ މި ދަތުރުގައި ފުތީއާއި ވަރަށް އާދަޔާ ހިލާފު ކަމެއްވެސް ދިމާވި ކަމަށް އޭނާ ބުންޏެވެ.
"ލޭ ނުލިބި، ވަރަށް ގިނަ މީހުން ގޮސްގެން ވެސް ކުރޮސްމެޗް ދިމާނުވި ކުއްކުއްޖަކަށް އެއްގޮތަކަށް ވެސް އެކަން ނުވެގެން އުޅެނިކޮށް ދިމާވި، މާތްﷲ އިރާދަފުޅުން އަޅުގަނޑާއި ކުރޮސްމެޗްދިމާވި، އަދި މިއަދު އެކުއްޖާ ހެޔޮ ހާލުގައި ބޮޑުވާތަން ވެސް ފެނޭ، އެކުއްޖާގެ ބައްޕަ ފޮނުވާ އަހަރު ދެކޮޅު އެކުއްޖާގެ ފޮޓޯ، ފުތީގެ ދަރިފުޅޭ ޖަހާފަ ފޮނުވަނީ. ވަރަށް އުފާވޭ."
ފުތީ ބުނިގޮތުގައި ލޭ ދޭން ފެށި ދުވަސްވަރު ކީއްކުރަން ކުރާ ކަމެއްތޯ މީހުން ސުވާލު ކުރެ އެވެ. އޭގެ ތެރޭގައި މަންމަ ވެސް ހިމެނެ އެވެ. އެކަމަކު މިހާރު މީހަަކަށް ލޭ ނުލިބިގެން އު ޅޭނަމަ މަންމަވެސް އެ ވާހަކަ ބުނެލަ އެވެ.
ފުތީ ދެކޭގޮތުގައި މީހެއްގެ ފުރާނަ ސަލާމަތް ކުރަން އިންސާނިއްޔަތަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އެއް ސޮދަގާތަކީ ލޭ ހަދިޔާ ކުރުމެވެ. ލޭ ހަދިޔާ ކުރުމުން ގިނަ ފަހަރަށް ލޭ ދިނީ ކާކުކަން ނޭގުނަސް އެމީހުންގެ ހެޔޮދުއާ އަކީ ވަރަށް ބޮޑު އެއްޗަކަށް ވެއެ އެވެ.