އަންހެނުން

ލަކުޑިއާ ވަޑާމުގެ މަސައްކަތަށް އަންހެނުން!

ބޮޑެތި ވަރުގަދަ ކީސްތަކުން ލަކުޑީ ކީހަން އެތިބީ އަންހެނުންނެވެ. މަރުތެލާއި ބުރުމާގައިވެސް ހިފައިގެން ތޮރުފަމުން މޮހޮރުތައް ޖަހަމުންވެސް އެ ގެންދަނީ އަންހެނުންނެވެ. ގެންގުޅޭ ސާމާނުތައް ދެކެ ބިރެއް ނެތި އެކަން ކުރާން ފިރިހެނެއް ހޯދާކަށް މި މީހުން ބޭނުމެއް ނުވެ އެވެ. ބޭނުންވާ ކަމެއް ނުކުރެވިފަ ހުންނަން ބޭނުންނުވާތީ އެވެ. މިއީ ބަޔަކު ބުނާ ނަމަ އަންހެނުންނަށް ނުވާނެ ކަންކަމެވެ. މިކަންކަަން ދަސްކޮށްދެނީ މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިންނެވެ. އަންހެނުންނަށް ހާއްސަ އެވެ!

ހުޅުމާލޭގައި ހުރި މި ކުޑަ ޓްރޭނިން ގެއަށް ވަދެގެން އައި އިރު ހީވީ ލަކުޑިން ރަސްކަން ކުރާ ތަނެއް ހެނެވެ. ވަށައިގެން އެކި ކަހަލަ އެކިި ކުލައިގެ ލަކުޑިން ހަދާފަައި ހުރި ސާމާނެވެ. ގޮނޑި މޭޒުގެ އިތުރުން ކަބަޑު ސެޓާއި ފޮތް އަޅާ ރެކުތަކުން ގޮސް ކައްކަން ގެންގުޅޭ ދޭފަތްވެސް ޑިސްޕްލޭ ކޮށްފައި ހުއްޓެވެ. މި މަސައްކަތް ދަަަސްކޮށްދޭން ހުރި، ހޫދު އަަބްދުލް ރަހީމް އާ ބައްދަލުވުމުން އެ އެއްޗެހީގެ އިތުރު ތަފްްސީލުތައް ދޭން ފެށި އެވެ. ބައެއް ސާމާނުތަކަކީ "ޓޫއިން ވަން" އެވެ. ދޫނި ކޮށްޓެއްްހެން ހުރި ރީތި ސްޓޭންޑަކީ "ނައިޓް ލައިޓް" އެކެވެ. އަަނދިރި ތަނެއްގައި އެ ބަހައްޓާ ދިއްލާލުމުން ފޭދިގެން އަންނާނީ އަރާމު އައްޔެކެވެ.

ދެން ދައްކާލީ ލަކުޑިން ހަދާފައި ހުރި ގޮނޑި އެކެވެ. އެއީ ހަމަ އާދައިގެ ގޮނޑި އެއް ކަމަށް ހީކޮށް ހުއްޓާ ގޮނޑީގެ ލެނގޭ ބައި ހިއްލާލާ އަނބުރާލުމުން ބަދަލުވީ ހަރުގަނޑަކަށެވެ. އެ ހަރުގަނޑުގައި ފޮތް ވިޔަސް ގަސްވަޑިގަނޑު ވިޔަސް ބަހައްޓަން ވީ އެވެ. މީގެ އިތުރަަށްވެސް، ލަކުޑިން ހެދޭނެ އެކި އެއްޗެހި ހުއްޓެވެ. މިއީ އެތަނުން ދަސްކުރާ އަންހެނުންގެ މަސައްކަތްތަކެވެ.

މި ތަނުގައި އެންމެ ކުރިން ދަަސްކޮށްދެނީ މަސައްކަތްތައް ކުރަން ބޭނުން ކުރާ ސާމާނުތަކެވެ. ކީހުގައި ހިފާނެ ގޮތާއި ރޮންދާ އަޅާނީ ކިހިނެތްކަން ބުނެދެ އެވެ. ލަކުޑީގެ މަސައްކަތްތައް ކުރުމުގައި ބޭނުންކުރަނީ ނުރައްކާތެރި ސާމާނަށް ވުމުން އެއްކޮށް ދޫކޮށްލަނީ އަތަށް މުޅިން ފަރިތަ ވުމުންނެވެ.

"އެންމެ ފުރަތަމަ މި އޮންނަނީ ޓޫލްސް ރަނގަަޅު ގޮތުގަ ބޭނުން ކުރާނެ ގޮތް ކިޔައިދިނުން. ކަރަންޓު އެއްޗެހި ވީމަ ނުރައްކާވެފަ ގެންގުޅޭ ގޮތަކުން ދިމާވެދާނެ ހާދިސާއަކަށް ބަލާފަ އޭތި އެންމެ ރަނގަޅު ގޮތުގަ ގެންގުޅެން މި ދަސްކޮށްދެނީ. ޓޫލްސް ތަކަށް އަަހުލުވެރި ކުރުވަނީ. އެއަށްފަަހު އެއްޗެހި ހަދަން މި ފަށަނީ. މި އެއްޗެހި ގަންނަންވެސް ބައެއް ފަރާތްތަކުން ހުށަހަޅާ" ހޫދު ބުންޏެވެ.

ލަކުޑީގެ ޓްރޭނިން ނަގައިދޭ ހޫދު ބުނި ގޮތުގައި މި މަަސައްކަތް ދަސްކޮށްދޭން ކޯސް އިއުލާން ކުރި އިރުވެސް ކޯހަށް ވާނެ ގޮތެއްވެސް ނޭނގެ އެވެ. ފޯމެއް ލާނެ މީހެއް ވާނެ ކަމާމެދުވެސް އޭރު އެމީހުންނަށް ޝައްކެވެ. އެކަމަކު އޮއްސާލި ފޯމުތަކާއެކު މިހާރު ކުރިއަށްދަނީ ކޯހުގެ ދެވަނަ ބެޗެވެ. މިހާރުގެ ބެޗުގައި ވަޑިންނަށް ވުމަށް 40 އަންހެނުން އެބަ އުޅެ އެވެ.

ކޯހުގެ ބައިވެރިން ބުނި ގޮތުގައި މިހާރުދެން ގޭގައި ބޭނުންކުރާ ކުދި ކުދި ސާމާނު ހަދާލެވޭނެ އެވެ. ބަދިގޭގެ ބައެއް ތަކެއްޗާއި ފޮތް ހަރުގަނޑުފަދަ ފަރުނީޗަރަކީ މިހާރު އެމީހުންނަށް އިތުރު އެހީއެއް ނުލާ ނިންމާލެވޭނެ އެއްޗިއްސެވެ. އެކި ސައިޒުގެ މޮހޮރުތަކާއި ބަރު ބުރުމާތައްވެސް އެމީހުންގެ އަތަށް މިހާރު ހެޔޮވަރެވެ. ތަނެއް ތޮރުފާލަން ޖެހި ކުރިން އުޅޭހެން އުޅޭކަން ދެނެއް ނުޖެހޭނެ ކަން ބައެއް ބައިވެރިން ފާހަގަ ކުރި އެވެ.

މި ކޯހުގެ ބައިވެރިން މިހާރު ވަޑާމުގެ އެންމެ ބޭސިކް އެނގެ އެވެ. ދިވެހިންގެ ތެރޭގައި އޮތް "ފިރިހެންނުންނަށް ނޫނީ ނުވާނެ ކަހަލަ މަސައްކަތުގެ ސަގާފަތް"ވެސް ބަދަލުކޮށްލައިފި އެވެ. އަަމިއްލަ އަށް އެ ސާމާނުތަކާއި ކުޅެން ދަސްކޮށް އިތުރު މީހެއްގެ އެހީއާ ނުލަ އެކަން ވާނެކަން އެބަ ސާބިތު ކުރެ އެވެ. ކީސް ކުނޑިން ފުރިފައި އޮތް ކޮޓަރިން ނެރެ ޑިސްޕްލޭ ކުރާ ސާމާނުތަކަކީ ފަަރުނީޗަރު ފިހާރަތަކުގައި ޕޮލިޝްކޮށް ވިއްކާލެވޭނެ އެއްޗިއްސެވެ. އެ ސާމާނުތައް ހަދާފައި އެހުރީ ފިރިހެނުންނެކޭ ބުނެވޭނެ ޖާގަ އެއް އެމީހުން ނުދެ އެވެ.