އަށް އަވަށާއެކު އެއް ފަހަށް އޮތް، ހަމަ އެކަނި އަތޮޅު ފުވައްމުލަަކެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ރަށަކާއި މުޅީން ތަފާތު އެހާ ނާޒުކު ތިމާވެއްޓެއް އޮތް ސިޓީއަކީ ވެސް ފުވައްމުލަކެވެ. ދެކުނުގެ މި އަތޮޅުގެ ރަށްވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ރަށްވެހިކަން ވެސް މުޅީން ތަފާތެވެ.
ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތު ގުދުރަތީ ރީތީ މުއްސަނދިކަމެއް ވެސް ލިބިފައިވާ ފުވައްމުލަކުގެ އެންމެ ތަފާތު އެއް ތަނަކީ ތުނޑި، ނުވަތަ ތޫނޑު އެވެ. ފުވައްމުލަކު ތުނޑީގެ ރީތި ވެލިމަލައިގައި ރަނގަޅަށް ވެއްޔާ މޮޑެވި ހިތްހަމަޖައްސާލައި އެ ދިމާއިން މޫދަށް އެރި ރާޅާ އަޅައި އުޅުމަކީ އަބަދުވެސް ހިނގަހިނގާ އޮންނަ ޒަމާންވީ އާދައެއް އަދި ސަގާފަތެކެވެ.
ފުވައްމުލަކުގެ މި ތުނޑިއަކީ ހިރަފުސް ހަރު ނުލާ އޮމާން ބީއްސާވެއްޔާއެކު އަބަދުވެސް އާވެ އާވެ އޮންނަ ރީތި ދޮންވެލިގަނޑެއް ސަރާސަރަށް ފެތުރިފައިވާ ބޮޑު ބިޔަ ތުނޑިއެކެވެ. ރާއްޖޭގައި ހިމެނޭ ހާހަކަށްވުރެ ގިނަ ޖަޒީރާގެ އެހެން ރަށްރަށާ ތަފާތު ސިފަތަކެއް މިތަނަށް ލިބިފައިވަނީ މީހުން މޮޔަވާ މިންވަރަށެވެ.
މި ތުނޑީގެ ހިތްގައިމުކަން ލިބިގަތުމަށް އަބަދު އެތައް ބަޔަކު ތުނޑީގެ ބޭނުން ހިފާއިރު ތުނޑީން ނެއްޓި މޫދަށް ފައިބާ އެ ދިމާއަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކުގެ ހޮޅީގަ އާއި އުރަފަށުގެ ފުން ކަމުގެ ތެރޭގައި ރޯދަ ކުރުމަކީ ވެސް ޒަމާނުއްސުރެ ފުވައްމުލަކުގައި އޮންނަ ޖަޒީޒާ ސަގާފަތެކެވެ.
މަޅުފައްޗާއި ފިލާގަނޑާއެކު ކުޑަކުދިންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުނާއި ޗުއްޓީ ހޭދަ ކުރާ މެހުމާނުން ވެސް މި އުފާ ހޯދަ އެވެ. ކުރިން މަޅުފަތީގައި ރާޅާ ކުޅުނު ނަމަވެސް މިހާރު މީހުން ތުނޑީގެ މޫދާއި އުރަފަށަށް އެރި އުޅެނީ ބޫގީ ބޯޑްތަކާއެކު އެވެ.
ރޯދަ މަހު ވަރަށް ގިނަ ޒުވާން ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރަނީ ތުނޑީގެ މި ހިތްގައިމު މޫދުގަ އެވެ. މަސް ހިފުމާއި ބޯވާ ނެގުމަކީ މި ސަރަހައްދުގައި އޮންނަ ކަމެކެވެ. އަދި ރޯދަ މަހު ތުނޑިމަތީން ނެއްޓިލައި މޫދުން އުރަފަށަށް އެރުމަކީ ފުވައްމުލަކުގައި ހާއްސަ ކަމެކެވެ.