ކައްދައްތަ އަލައޮޅުގައި: ތާހިރު ދިރިއުޅުމެއް!

ކައްދައްތަ އަލައިގެ މަސައްކަތް ކުރާ ގޮތް ދައްކުވައިދޭ ވީޑިއޯ އިންޓަވިއުއެއް | އަވަސް

ހަމަ ކޮންމެ ރެއަކު ފަތިސް ނަމާދުގެ ބަންގިއާއެކު ހޯދަޑު، ވައިޓްރޯސް، ހަދީޖާ އަލީ (ކައްދައްތަ) ގެ ދުވަހުގެ "ގަޑީކަށި" ހިނގަން ފަށަ އެވެ. މުސައްލަ މަތީން ތެދުވެ، ކައްދައްތަ އޭނާގެ ގެއާއި ގޯތީގެ ކުނި ކަހައި ސާފުކޮށްލައި ނާސްތާ ތައްޔާރުކޮށް ނިންމާލަ އެވެ. ކޮންމެ ދުވަހެއްގައި ހެނދުނު 7:30 އާއި 8:30 ދެމެދު ކައްދައްތަ ހުންނާނީ އަލަ ކަނޑަން އޮޅަށް ފައިބަ އެވެ. އެހެން ނޫނިއްޔާ އެއީ ކައްދައްތަގެ ދުވަސް އާދަޔާހިލާފުވީ އެވެ. ހެނދުނު މަދުވެގެން ގަޑިއެއްހާއިރު އަލަ ކަނޑާށާއި ކޮންނަން އޮޅުތެރޭގައި ކައްދައްތައަށް އުޅެވެ އެވެ. ނަލަ ހެނދުނެއްގައި ސާފު ދެ އަތްތިލައިން ހީވާގި ކަމާއެކު ރީތި މަސައްކަތެއްކޮށް ހަލާލު އާމްދަނީއެއް ހޯދަނީ އެވެ.

"މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ކައްދައްތަ ކަންކަން އޮންނަ ގޮތް!" ދިރިއުޅުމުގައި ދިގު ހަޔާތެއް ހޭދަކޮށްފައިވާ ކައްދައްތަ ކުރުކުރުކޮށް ބުނެލި އެވެ.

ކައްދަތަގެ ދުވަހުން އުފާވެރި ހެނދުނުގެ ދަންފަޅި ނިންމާލަނީ މިއަދާއި މާދަމާއިން ބަޔަކަށް ބޭނުންވާނެ އަލަ ކަނޑައި އަލަ އޮޅުގެ ކުރިތަކާއި ފަސްގަނޑު ހެޔޮކޮށް ނިމުމުންނެވެ.

ކައްދައްތަ އަނެއްކާވެސް އެނބުރި ގެއަށް ހިނގައިދާނެ އެވެ. އަރާމަށް ދެމިލުމަކާއި ނުލައި ގޭތެރެ ހަމައަކަށް އަޅުވާލައި ތަށިތައް ދޮވެލައި މެންދުރަށް ކައްކާ ނިންމާލަ އެވެ. ހަމަ ކޮންމެ ދުވަހަކު އިރު މެދު ޖެހުމުގެ ކުރިއަށް މެންދުރުގެ ހުރިހާ ކަމެއް ނިންމެ އެވެ. ސީދާ ގަޑީގައި މެންދުރު ނަމާދު ކޮށްލައި އަރާމު ކޮށްލުމަށް ކުޑަ ވަގުތުކޮޅެއް ކައްދައްތަ ހޯދާލަ އެވެ.

އަސުރު ނަމާދު ކޮށް، ކިޔަވާލައިގެން ހަވީރު ފިނީގައި ކައްދައްތަ އެނބުރެނީ ހެނދުނު ކެނޑި އަލައިގެ ތޯށިބާލައި މާދަމާއަށް ތެލުލާނެ އަލަ ތައްޔާރު ކުރާށެވެ. އެއީ މި ބޮޑު ފުވައްމުލަކުގައި އާންމްދަނީ ހޯދަން ހުއްޓާ ނުލައި ކައްދަތައް ކުރާ މަސައްކަތެވެ. މި ހޯދަޑުގެ ވަރަށް ގިނަ މީހުން ބުނާ ގޮތުންވިއްޔާ މި އަވަށުގައި އަލަ އޮޅަށް ދާ އެންމެ ހީވާގި، އެންމެ މުރާލި އަދި އެންމެ ގިނައިން އެންމެ ރީތި އަލަ ކަނޑަނީ މި ކައްދައްތަ އެވެ.

ކައްދައްތަ ބުނާ ގޮތުގައި އުމުރުން 15 އަހަރުގައި އޭނާއަށް އަލަ އޮޅަށް ދާން ފެށިއްޖެ އެވެ. ފުރާވަރުގައި ކައްދައްތަ އަލަ އޮޅަށް ފުންމާލީ މަންމާ އޮޅަށް ފައިބާ އަލަ ކަނޑާ މަންޒަރު ފެނި ޝައުގުވެރި ރީތިވެސް ވެގެނެވެ. މިހާރު ކައްދައްތަގެ އުމުރުން 52 އަހަރު ފުރިއްޖެ އެވެ. ކައްދައްތަގެ ތިން ކުދީންމެ ކިޔަވައި ބޮޑެތިވެސް ވެއްޖެ އެވެ. ކުދީންގެ ބައްޕާ ނިޔާވި ނަމަވެސް އާ ފެށުމަކާއެކު އާއިލާ އެކުގައި އެއް ފުރާޅެއްގެ ދަށުގައި އުފާވެރި ކަމާއެކު ރީތި، ތާހިރު ދިރިއުޅުމެއްގައި ލޯ ލާރިއަކަށް ވެސް ނުދަރައި އެބައުޅެވެ އެވެ. -- މާތްﷲ ރުއްސެވިއްޔާ ދެން އޮތީ ހައްޖު އަޅުކަމެެވެ.

ކައްދައްތަގެ އާއިލާއަށް މިހާރު އެހެން ދިމަ ދިމާއިން އާމްދަނީ އައި ނަމަވެސް އަލައިގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ވަރުބަލިވުމެއް ފޫހިވުމެއް ނެތި ހަމަ ކޮންމެ ދުވަހަކު އެއް ތަރުތީބަކުން އަލަ އޮޅަށް ފައިބައި އަލަ ހައްދައި އަލަ ކަނޑައި އަލަ ވިއްކަ އެވެ. ކައްދައްތަގެ އަށް އަލަ އޮޅު އޮވެ އެވެ.

"މީގެ 20 އަހަރު ކުރިން ދައްތަ އަލަ ވިއްކައި އުޅުނީ ކިލޯއެއް އަށް ރުފިޔާއަށް. މިހާރު މި ވިއްކަނީ 30 ރުފިޔާއަށް! އެކަމަކު ރޯދަމަހު އަގު މައްޗަށް ދޭ، އެކަމަކު ރޯދަމަހޭ ކިޔާފައި ކައްދައްތަ އަލައިގެ އަގު ބޮޑެއް ނުކުރަން،" އޭނާ އުސޫލު އޮންނަ ގޮތް ބުނެލައި ދިނެވެ.

މި ކައްދައްތަ އަލަ ވިއްކަނީ މި ސިޓީގެ އަވަށްތަކުގައި އެކަންޏަކުއެއް ނޫނެވެ. މާލޭގެ މާރުކޭޓަށާއި ޖެހިގެން މިއޮތް އައްޑު އަތޮޅަށް ވެސް ކައްދައްތަގެ އަލަ ފޮނުވަ އެވެ.

ކައްދައްތަ ބުނި ގޮތުގައި ރަނގަޅު ރީތި ފަލަ އަލަގަނޑު އޭނާ ފާހަގަ ކުރަނީ އަލައިގެ މުލުގައި ހުންނަ ފަތުގެ ކުލައިންނެވެ. އެ ފަތުގެ ކުލަ ގަދަ ކަމަށްވާ ނަމަ އެއީ ދެން ރަނގަޅަށް ފައްކާވެފައިވާ އަލަ އެވެ. ފުވައްމުލަކު އަލަ ނުކައި ނުވާހާ މީރުވަނީ ވެސް އެހެން ވެގެން ކަމަށް ކައްދައްތާ ބުނެ އެވެ.

ކައްދައްތަ އަލައިގެ ވިޔަފާރި ކުރަނީ ގަހުން ކަނޑާލި ގޮތަށް އެކަންޏެއް ނޫނެވެ. ބޭނުންވާ ހުރިހާ ގޮތަކަށް، އަދި އެ މީހަކު ބުނި ގޮތަކަށެވެ. އެއީ ކައްކައިގެން ވިޔަސް އެހެންނާ ތެލުލައިގެން މައްސަލައެއް ނެތެވެ. މީގައި ކުޑަކުޑަ ބަދަލެއް އަންނާނީ އަގަށެވެ.

"އަލަ ކައްކައިގެން ވެސް ކާނެ. އަލަ ތެލުލައިގެން ވެސް ކާނެ. އަލައިން ފަތަފޮޅި ވެސް ފިހާނެ. އަލަ ނުބައި އެއްވެސް ގޮތެއް ނޯންނާނެ، އަލައަކީ މީރު އެއްޗެއް، އަލައިގެ މަސައްކަތަކީ ރީތި މަސައްކަތެއް،" ކައްދައްތަ ބުނެލި އެވެ.

އޮޅުގައި އަލަ ހައްދައި އަލައި ކަނޑައި ވިއްކަން މަސައްކަތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ގައި ކަހާނެ ކަމެކެވެ. ވިއްސާރަ ދުވަސްވަރު އޮޅުގައި ފެންގަޑު ބޮޑުކަމުން އަލަ ކެނޑުމަކީ ވޭން ހުރި ކަމެކެވެ. ފިސާރި ހިތްވަރެއް ހުރެގެން ނޫނީ ވިއްޔާ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ކައްދައްތަ، ޅަފުރާގައި އޭނާއަށް ރީތިވެގެން ފެށި މަސައްކަތް މިއަދުވެސް އޭނާ ކުރަނީ އެގޮތުގައި މުރާލި ހީވާގި ކަމާއެކު އެވެ. އޭނާގެ ސާދާ ތާހިރު ދިރިއުޅުމަށް އަލިކޮށްދޭ "ލައިޓް ރޯސް" އަކީ އަލަޮޅުގެ ރީތި ދިރިއުޅުމެވެ.