ރައީސް މުހައްމަދު އަމީން ލިޔުއްވާފައިވާ ރެސިޕީ ގައިޑް، "ކަރުނައާ ނުލައި ކެއްކުން" އޭގެ އެކެއް އަދި ދޭއްގައި ހުރި ރެސިޕީ ރެސިޕީތައް މިހާރުވެސް މީހުން ހަމަ އެގޮތަށް ތައްޔާރު ކުރެ އެވެ. ފާހަގަކޮށްލެވޭ އެއް ކަމަކީ 1950 ގައި ރައީސް އަމީން ލިޔުއްވެވި މި ދެ ރެސިޕީ ގައިޑްގައި ހިމަނުއްވާފައިވާ ރެސިޕީތައް އަދިވެސް ދިވެހިންގެ ތެރޭގައި ވަރަށް ބާރަށް ހިނގާ ކަމެވެ. އެ ރެސިޕީތަކުގެ މަގުބޫލު ކަމާއި ހިނގުމަށް އެއްވެސް ފަނޑު ކަމެއް އަދިވެސް އައިސްފައި ނުވާ ކަމެވެ.
މިދާ ހަތްދިހަ ވަރަކަށް އަހަރުތެރޭ ދިވެހިންގެ ކެއުންބުއިމަށާއި ސުފުރާގެ ވައްޓަފާޅިއަށް ބޮޑެތި، ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު ވެސް ފާހަގަ ކޮށްލެވުނީ އަދިވެސް ދިވެހި ރަހަތަކަށް ހަގީގީ ދިވެހި ރެސިޕީތަކަށް އޮތް ލޯއްބެވެ.
ރައީސް އަމީންގެ "ކަރުނައާ ނުލައި ކެއްކުން" މިއީ ވަރަށް ހާއްސަ ވެސް ފޮތެކެވެ. މިއީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންގެ ތެރެއިން ބޭފުޅަކު ލިޔުއްވެވި ހަމައެކަނި ރެސިޕީ ގައިޑެވެ. "ކަރުނައާ ނުލައި ކެއްކުން" މި ނަމުގައި ރައީސް މި ފޮތް ލިޔުއްވާފައި ވަނީ 1950 ގަ އެވެ. ފަހަރެއްގައި މިއީ ދުނިޔޭގައި ގައުމެއްގެ ރައީސަކު ލިޔުއްވާފައިވާ ހަމައެކެނި މިފަދަ ރެސިޕީ ފޮތަށް ވެސް ވެދާނެ އެވެ.
ރައީސް އަމީން، މި ގައިޑް ހާއްސަ ކުރައްވާފައި ވަނީ އެމަނިކުފާނުގެ ތިމާގެ ކޮއްކޯފުޅެއް ކަމަށްވާ އައްނަބީލާ ފާތިމަތު އިބްރާހިމް ދީދީ އަށެވެ. އެމަނިކުފާނުގެ ރެސިޕީގައިޑްގެ ދެ ފޮތުގައި ވެސް ތަފާތު ވައްތަރުގެ ކާނާ އާއި ހެދިކާ ފަދަ ބާއްވަތްތައް ހިމަނުއްވާފައި ވެވެ.
ފޮތް ލިޔުއްވެވެި އިރު އެއްވެސް އެއްޗެއް ރައީސް އަމިއްލަފުޅަށް ނުއެއް ކައްކަވާ، ހައްދަވާ ގޮތަކީ އޭރު [އަތިރީގޭ] އާގެއަށް ވަޑައިގަންނަވާ މައިޒާންދޮށުގޭ ބޭފުޅުންގެ މަންމަ މަރިޔަމްފުޅާއި ހިކިފިނިފެންމާގެ ތުއްތު ކަމަނަ. ބައްޕަ އެ ބޭފުޅުން ގާތުގައި ވިދާޅުވާނީ އެ ރެސިޕީތައް ޓެސްޓް ކުރަން، އެ ބޭފުޅުން ބައްޕަ ވިދާޅުވީމާ ވިދާޅުވާ އެއްޗެއް ކައްކާނީ، ބައްްޕަ، ސީދާ ރައީސް ކައްކަވާ ވަރަށް ނުހައްދަވާނެއަމީނާ މުހައްމަދު އަމީން
އެ މަނިކުފާނު މި ފޮތް ލިޔުއްވެވި ހަމަ ފޮތެއް ލިޔުއްވަންވެގެނެއް ނޫނެވެ. ރައީސްގެ ބޭނުންފުޅަކަށް ވެވަޑައިގަތީ މަދަރަސަތުލް ސަނިއްޔާގެ އަންހެން ދަރިވަރުންނަށް ކެއްކުމުގެ ޓެކްސްޓް ފޮތެއްގެ ގޮތުގައި މި ފޮތް ބޭނުން ކުރުމެވެ.
ކެއްކުމުގެ މާއްދާއަކީ އޭރު އެ ސްކޫލްގެ ދަރިވަރުންނަށް މަޖުބޫރު މާއްދާ އެކެވެ. މި ދެ ފޮތުގައި ރައީސް ލިޔުއްވާފައިވާ ކެއްކުމުގެ ފިލާވަޅުތައް ބަލައިގެން ދަރިވަރުން އޭރު ސްކޫލްގައި ޓެސްޓް ދެ އެވެ. އެ ޓެސްޓް ހަދަން ވެސް ޖެހެނީ ސްކޫލްގައި ކައްކައިގެންނެވެ. ދަރިވަރުން ޓެސްޓް ހަދަނީ ސުކޫލް ގޯތިތެރޭގައި ހަދާ ހާއްސަ ބަދިގެ ފައްޗެއްގައި ހިމެނޭ ބަދިގެ ތަކުން ބަދިގެއެއްގައި ކައްކައިގެނެވެ.
ކެއްކުމުގެ މާއްދާއިން ފާސްވާކަން ކަށަވަރު ވާނީ އިންސާފު ކުރައްވާ ފަނޑިޔާރުން ދަރިވަރުން ކެއްކި އެއްޗެހި ރަހަ ބެއްލެވުމަށްފަހު އެ ބޭފުޅުންނަން އެ ރަހައެއް ކަމުހިނގައްޖެ ނަމަ އެވެ.
މި ގައިޑްގައި އެންމެ ފާހަގަ ކުރެވެނީ މިންތައް ބޭނުން ކުރައްވާފައު ހުރި ގޮތެވެ. މިންތައް ކިއުމުގައި މިހާރު ބޭނުންކުރާ އިނގިރޭސި ބަސްތަކުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ދިވެހި އަމިއްލަ ބަސްތަކެވެ. މީގެ އިތުރުން ރެސިޕީތައް ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ އިބާރާތް ކުރުމުގެ ބަސްތަކަކީ މިހާރު އަޅާ ބަލާއިރު ހާސްބައި ތަފާތު ފުރިހަމަ އިބާރާތްތަކެވެ. ރެސިޕީތައް ގެނެސްދީފައި ވަނީ މީހަކަށް ލޯބިން ބުނެދޭފަދައިން ވަރަށް ގާތް ގޮތަކަށެވެ. ފަސޭހައިން ބުނާ އެއްޗެއް ދޭހަވާނެހާ ވެސް ލުއި ގޮތަކަށެވެ.
މިފޮތުގައި ރައީސް އަމީން ވިދާޅުވެ އެވެ: "މީރުކޮށް ކެއްކުމުގެ ސިއްރަކީ ފޮތް އެދުރުވުމެއް ނޫނެވެ! ވިސްނުމާއި ދުލުގެ ބޭނުން ހިފުމެވެ"
"ޖިންސުއްލަތީފުންގެ ރޫހު" ނޫހުގެ އެޑިޓަރު އަދި ރައީސް އަމީން ހަމައެކަނި ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނަކީ އަންހެން ބޭފުކަށްވެފައި އެކަމަނާގެ ކިބައިން މި ފޮތުގެ ހަނދާންތައް އާވޭތޯ އަވަސްގެ ނޫސްވެރިއަކު އެކަމަނާ އާ ސުވާލު ކުރި އެވެ.
ފޮތާ ބެހޭ ގޮތުން އަމީނާ ހަނދާނުގައި މާ ގިނަ ވާހަކަތެކެއް ނެތެވެ. ވާހަކަ ފަށައިގަނެގެން ވިދާޅުވި އެވެ: "ބައްޕަ، ރައީސް މުހައްމަދު އަމީން ގިނަ ފޮތް ލިޔުއްވާފައި ވަނީ އަޅުގަނޑު ސިލޯންގައި ކިޔަވާން ހުރި އިރު، މި ދެ ފޮތް ލިޔުއްވީ. އަޅުގަނޑުގެ މާމަ، ބައްޕަގެ މަންމަ މާމަ އަކީވެސް ކެއްކުމުގައި ވަރަށް އުޅުއްވި ބޭފުޅެއް.... މާރަންދޫގެ އައިސާއިދީ އަކީވެސް ކެއްކުމުގައި އުޅުއްވި ބޭފުޅެއް، މި ފޮތް ލިޔުއްވުމަށް ބައްޕައަށް އެންމެ އެހީތެރިކަމެއް ދެއްވާ ބައްޕައަށް އެހީވެ ވެވަޑައިގަތީ މި ދެ ބޭފުޅުން ކަމަށް ވަނީ،"
އަމީނާ ވިދާޅުވި ގޮތުގައި އެކަމަނާގެ ބައްޕާފުޅު ރެސިޕީ ގައިޑެއް ލިޔުއްވެވީ ވެސް އަދި ލިޔުއްވެވި އިރުވެސް އެ ރެސީޕީތައް އަމިއްލަފުޅަށް ހައްދަވައި އުޅުއްވާފައެއް ނުވެ އެވެ.
"ފޮތް ލިޔުއްވެވެި އިރު އެއިން އެއްވެސް އެއްޗެއް އަމިއްލަފުޅަށް ނުއެއް ކައްކަވާ، ހައްދަވާ ގޮތަކީ އޭރު [އަތިރީގޭ] އާގެއަށް ވަޑައިގަންނަވާ މައިޒާންދޮށުގޭ ބޭފުޅުންގެ މަންމަ މަރިޔަމްފުޅާއި ހިކިފިނިފެންމާގެ ތުއްތު ކަމަނަ. ބައްޕަ އެ ބޭފުޅުން ގާތުގައި ވިދާޅުވާނީ އެ ރެސިޕީތައް ޓެސްޓް ކުރަން، އެ ބެފޭޅުން ބައްޕަ ވިދާޅުވީމާ ވިދާޅުވާ އެއްޗެއް ކައްކާނީ، ބައްްޕަ، ސީދާ ރައީސް ކައްކަވާ ވަރަށް ނުހައްދަވާނެ،"
އަމީނާ ވިދާޅުވި ގޮތުގައި ރައީސަކީ ގޭތެރޭގައި ވެސް ބަދިގެ ތެރެވެސް ބައްލަވާ ބޭފުޅެކެވެ. އެކަމަކު މާ ބޮޑު ކެއުންތަކެއް ނޯންނަ ވަރަށް ލުއި ބޭފުޅެކެވެ.
އަމީނާ ވިދާޅުވި ގޮތުގައި ބައްޕާފުޅުގެ އެޒަމާނުގައި އެންމެ މީރު ކޮށް އެ ޒަމާނުގައި އެންމެ ކަމުދާ އެއްޗެއް ކަމަށް ފާހަގަވެފައި އޮތީ ބަނބުކޭލު ހިއްޗެވެ.
"އެއީ ވަރަށް ކަމުދާ އެއްޗެއް ... ކަނޑުކުކުޅު އެއީ އެޒަމާނުގެ އެންމެ މީރުކޮށް ގަޔާވެގެން އުޅުއްވި ދެ ކެއުން" އަމީނާ ވިދާޅުވިއެވެ. -- ރައީސް ވަނީ އެ މަނިކުފާނުގެ ރެސިޕީ ގައިޑްގައި މި ދެ ޑިޝް ތައްޔާރު ކުރާނެ ގޮތް ލިޔުއްވާފަ އެވެ.