ލައިފްސްޓައިލް

ކައްކާ ފޮތެއް ލިޔުއްވި ރައީސް!

ދިވެހި އަންހެނުނަށް ކަރުނައާއި ނުލައި ކެއްކުނީ މި ފޮތުގެ އެހީގައޭ ބުނުމަކީ އެއް ގޮތަކަށް ވެސް ގޯހަކަށް ނުވާނެ އެވެ. މިއީ ވަރަށް ހާއްސަ ފޮތެކެވެ. އަދި މިއީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންގެ ތެރެއިން ބޭފުޅަކު ލިޔުއްވެވި ކައްކާ ފޮތަކަށް ވުމުން މިއީ ހާއްސަކަން ބޮޑުވެފައި އޮންނަ ފޮތެކެވެ. ފުރަތަމަ ޖުމްހޫރިޔައްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން، "ކަރުނަޔާ ނުލައި ކެއްކުން" މި ނަމުގައި މި ފޮތް ލިޔުއްވާފައި ވަނީ 1950 ގަ އެވެ. އެއީ ދިވެހި ލިޔުންތެރިކަމުގެ ހިނގައި ގަންނަން ފެށި ވެސް ދައުރުގަ އެވެ. ފަހަރެއްގައި މިއީ ގައުމެއްގެ ރައީސަކު ލިޔުއްވާފައިވާ ހަމައެކެނި މިފަދަ ރެސިޕީ ފޮތަށް ވުމަކީ ވެސް ވަރަށް ކައިރި ކަމެކެވެ.

ރައީސް އަމީން، އެ މަނިކުފާނުގެ ރެސިޕީތައް ހިމެނޭ މި ފޮތް މި ފޮތް ހާއްސަ ކުރެއްވީ އެމަނިކުފާނުގެ އާއިލީ ކޮއްކޯފުޅެއް ކަމަށްވާ އައްނަބީލާ ފާތިމަތު އިބްރާހިމް ދީދީ އަށެވެ. އެމަނިކުފާނު މި ލިޔުއްވާފައި ވަނީ ދެ ބަޔަކަށް ބައްސަވައިލައިގެންނެވެ. މި ދެ ފޮތުގައި ވެސް ތަފާތު ވައްތަރުގެ ކާނާ އާއި ހެދިކާފަދަ ބާއްވަތްތައް ތައްޔާރުކުރާނެ ގޮތްތަކުގެ ރެސެޕީތައް ފުރިހަމައަށް ގެނެސްދީފައިވެ އެވެ.

މީރުކޮށް ކެއްކުމުގެ ސިއްރަކީ ފޮތް އެދުރުވުމެއް ނޫނެވެ! ވިސްނުމާއި ދުލުގެ ބޭނުންހިފުމެވެ!
މުހައްމަދު އަމީން ދީދީ | ރައީސް

މަދަރަސަތުލް ސަނިއްޔާގެ އަންހެން ދަރިވަރުން ކިޔެވުމަށް ޓެކްސްޓް ފޮތެއްގެ ގޮތުގައި މި ފޮތް ބޭނުން ކޮށްފައިވެ އެވެ. ކެއްކުމުގެ މާއްދާއަކީ އޭރު އެ މަދަރުސާގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެކެވެ. މި ފޮތުގައި ލިޔުއްވާފައިވާ ކެއްކުމުގެ ފިލާވަޅުތައް ބަލައިގެން ދަރިވަރުން އޭރު އިމްތިހާނަށް ތައްޔާރުވެ އެވެ.

އިމްތިހާނު ހަދަންވެސް ޖެހެނީ ހަމަ ކައްކައިގެންނެވެ. ދަރިވަރުން އިމްތިހާނު ހަދަނީ ސުކޫލް ގޯތިތެރޭގައި ހަދާ ހާއްސަ ބަދިގެތަކެއްގަ އެވެ. މާއްދާއިން ފާސްވާކަން ކަށަވަރު ވާނީ އިންސާފު ކުރައްވާ ބޭފުޅުން ދަރިވަރުން ކެއްކި އެއްޗެހި ރަހަ ބެއްލެވުމަށްފަހު އެ ބޭފުޅުންނަން އެއެއް ކަމުހިނގައްޖެ ނަމަ އެވެ.

މި ފޮތުގައި އެންމެ ފާހަގަ ކުރެވުނީ މިންތަކަށް ނަންދެވިފައި ހުރި ގޮތެވެ. މިންތައް ކިއުމުގައި އަހަރެމެން މިހާރު ބޭނުންކުރާ އިނގެރޭސި ބަސްތަކުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ދިވެހި އަމިއްލަ ބަސްތަކެވެ. މީގެ އިތުރުން ރެސެޕީތައް ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ އިބާރާތް ކުރުމުގެ ބަސްތަކަކީ މިހާރު އަޅާ ބަލާއިރު ހާސްބައި ތަފާތު ފުރިހަމަ އިބާރާތްތަކެވެ. ރެސިޕީތައް ގެނެސްދީފައި ވަނީ މީހަކަށް ލޯބިން ބުނެދޭފަދައިން ވަރަށް ގާތް ގޮތަކަށެވެ. ފަސޭހައިން ބުނާ އެއްޗެއް ދޭހަވާނެހާވެސް ލުއި ގޮތަކަށެވެ.

ރާއްޖޭގައި ވެރިކަންކުރި އެހެން ބައެއް ރައީސުން ވެސް ވަނީ ތަފާތު ފޮތްތައް ލިޔުއްވާފަ އެވެ. އޭގެ ތެރެއިން ވެސް އަމީން ދީދީ ފާހަގަކޮށްލެވެނީ ތަފާތު އެތައް ފޮތްތައް ލިޔުއްވާ ދިވެހި ބަހުގެ އަދަބިއްޔާތު މުއްސަނދި ކޮށްދެއްވުމަށް ގިނަ މިންނެތް މަސައްކަތް ކުރައްވާފައިވާ ހާއްސަ ވބޭފުޅެއްގެ ގޮތުގަ އެވެ. އަމީން ދީދީގެ އެ މިންނެތް މަސައްކަތުން އެތައް ދިވެހި އަންހެނުންނެއް މިއަދު ކަރުނަޔާ ނުލާ ކައްކައިފަ އެވެ.

ދިވެހި ތަފާތު ކާނާތައް ތައްޔާރުކުރާނެ ގޮތް ވަރަށް ފަސޭހަކޮށް ކިޔާދީފައިވާ މި ފޮތުގައި ލިޔެފައިވާ ތަކެތި މި ރޯދަ މަހު ތައްޔާރުކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟