އިހުގެ ނޫސް: ލޯބިން ގެންގުޅު ގޮދަޑީގެ ބިރުވެރި ފަރާތް

މި ފަހަކަށް އައިސް މުޖުތަމައުގައި އެކަކު އަނެކަކަށް ކުރެވޭ އިހުތިރާމް ވަނީ ކުޑަވެފަ އެވެ. ދިރިއުޅުމުގެ ވެށީގެ ތެރެއިން ދިމާވާ އެކި ފަންތީގެ މީހުންނަށް ވެސް އިހުތިރާމް ކުރާ މަންޒަރު މަދެވެ. މުހާތަބު ކުރުމުގައި ހަމަ އެހަމައިންނެވެ. ދިރިއުޅުމުގެ ރޭހުގައި އެންމެން ބިޒީވެގެން ކޮޅު ކޮޅަށް ދުވާއިރު، އަމިއްލަ އާއިލާއަށް ވެސް ވަގުތު ކޮޅެއް ނުދެވެ އެވެ. މުޖުތަމައުގެ ތެރޭގައި އޮތް އެކަކު އަނެކަކަށް އޮތް ލޯތްބާއި، އަޅާލުމާއި، އިހުތިރާމް ކޮންމެވެސް ހިސާބަކުން ވަނީ ގެއްލިފަ އެވެ. މީހުންނަށް އެކަންޏެއްވެސް ނޫނެވެ. ބޮޑުއަގުގައި ގަނެފައި ހުންނަ މުދަލަށްވެސް ބެލުމެއް ނެތެވެ. އެހެން މީހެއްގެ ވިއަސް ތިމާގެ އަމިއްލަ ވިއަސް ބަލައިލުމެއްނެތެވެ. ފަހަރުގައި ޒަމާނީ ޖީލުގެ ފޯރުންތެރިކަން އިތުރުވީ އެވެ. މީހުންނަށާއި އެއްޗެއްސަށް ކުރެވޭ ގަދަރު މާ މުހިންމު ނުވެ "މުސްކުޅި" ވީއެވެ.

އެއް ޒަމާނެއްގައި ގޭގޭގައި ހުންނަ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަކީ އެންމެ އަގުހުރި ހަރުމުދަލެވެ. އެ ގެއެއްގެ ރައިސުލްމާލެވެ. ޝަރަފެވެ. ވީހާވެސް ގިނަ ދުވަހު އެތަކެތި ހިމާޔަތްކުރެވޭތޯ ބަލަ އެވެ. އަޅާލުމާއި ނުހަނު ލޯތްބާއެކު އެވެ. ހިރަފުހުގެ އަސަރެއް ކުރިއަނުދީ ފާރައަށެވެ. ކާށި ތެޔޮ ލައިގެން މޫނު ފެންނަވަރަށް އޮފު ކުރަނީ އެވެ. ރޯގާއަށް ރަޖާލާހެން، ގެންގުޅޭ ރޭޑިއޯ ގަނޑުވެސް އިންނާނީ ލޫޓުއަޅުވައި ޕެކުކޮށްލައިފަ އެވެ. ކޫރުމެއް އެޅިދާނެތީ މޭޒު މަތީގައިވެސް ތަރަފާލު ގަނޑެއް އަޅައިގަނެވެ.

އެގޮތަށް ލޯބިން ގެންގުޅުނު އެކައްޗަކީ ގޮދަޑި އެވެ. އޭރު ގޮދަޑި ގަންނައިރު، ޕެކުކޮށްފައި އިންނަ ޕްލާސްޓިކް އުރަ ކެނޑުމަކީ އެންމެ ބޮޑު ކުށެވެ. ކިރިއާ އަތަކަށް އެނބުރިލާއިރަށް ގޮވާ އަޑުފައްގަނޑުން މުޅި ހިސާބުގަނޑު މީހުންނަށް ލޮލުފިޔައެއް ނުޖެހުނަސް ވަރިހަމަ އެވެ. ގައިދަށުގައި އޮންނަ ޕްލާސްޓިކުގަނޑާހެދި ކިތަންމެ ހޫނުވިއަސް ފަރުވާލެއްނެތެވެ. އެ ޕްލާސްޓިކް އުރަގަނޑުން ލޯވަޅެއް ހެދި، އިރައިގެން ދިއުމުގެ ކުރިން އަވަހަށް މަތި މަތިން ޓޭޕު އަޅައި ބަންދުކޮށްލާނެ އެވެ. އެ އުރަގަނޑު ނެއްޓުމުން ގޮދަޑީގެ ބޭނުންކެނޑި "ބާވެއްޖެ" ކަމަށް ގަބޫލުކުރި ކިތަންމެ ބަޔަކުވެސް އޭރު އުޅުނެވެ.

ނަމަވެސް، އެ ޒަމާނުގައި ގޮދަޑިއަށް ދެވުނު ގަދަރުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލަކަށް ދިވެހިންގެ ލޯ ހުޅުވިގެން ދިއަ އެވެ. "މޫންލައިޓް" ނޫހުގައި 1971 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަދަދެއްގައި، ސަބަބެއް ނޭނގި ކުޑަކުދިން ނިދީގައި މަރުވާމައްސަލައަށް އަލި އަޅުވާލާފައިވެ އެވެ.

"ނިދާފައިތިބޭ ކުދިން މަރުވުމުގެ ސިއްރު" ގެ ނަމުގައި އެ ނޫހުގައި ގެނެސްދީފައިވާ އާޓިކަލްގައި، ގޮދަޑީގައި އަޅާފައިވާ ޕްލާސްޓިކް ކަވަރު ކުޑަކުދިންގެ މަރުގެ ސަބަބަކަށް ވެދާނެކަމުގެ އިންޒާރެއް ބޭރުގެ ޑޮކްޓަރަކާއި ހަވާލާދީ އެ ނޫހުގައި ވަނީ ގެނެސްދީފަ އެވެ.

އެ ގޮތުން، ޕެތޮލޮޖިސްޓް ޑޮކްޓަރު ޑޭވިޑް ހޭލާއާ ހަވާލާދީ އެ އާޓިކަލްގައި ބުނެފައިވަނީ، ޕްލާސްޓިކް ގަނޑު ކިތަންމެ ސާފުކޮށް ބެލެހެއްޓި ނަމަވެސް، އޭގެ މަތީގައި ކުޑަ ކުއްޖަކު ބަންޑުން އޮށޯވެއްޖެނަމަ ނޭވާލުން މުޅީން ބަންދުވެދާނެ ކަމަށެވެ.
އެގޮތަށް ކޮންމެ އަހަރަކު މަރުވާ ކުޑަކުދިންގެ އަދަދު 3،000 އަށް ވުރެ ގިނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އަދަދަކީ އެކި އެކްސިޑެންޓްތަކުގައި މަރުވާ ކުދިންގެ ތިން ގުނަކަމަށް ވެސް އެ އާޓިކަލްގައި ވަނީ ބުނެފަ އެވެ.