ގިނެސް ވޯލްޑް ރެކޯޑްސްއަކީ އާދައިގެ އަދި އާދަޔާ ހިލާފު ކަމެއްގައި ވިޔަސް އެކަމެއްގެ ދުނިޔޭގެ ރެކޯޑު އޮތީ ކާކުގެ އަތުގައިތޯ، ނުވަތަ ކޮން ބައެއްގެ އަތުގައިތޯ ނޫނީ ކޮން އެއްޗެއް، ކޮން ތަނެއްގެ ނަމުގަތޯ ބަލަން އެންމެ ފަސޭހައިން ބޭނުން ކުރެވޭނެ އަދި އިތުބާރު ކުރާ ވަސީލަތެވެ.
ދުނިޔޭގެ ކުދި ބޮޑު އެންމެން ވެސް ކޮންމެ އަހަރެއްގައި ވެސް އެ ފޮތެއް ނޫނީ ޒަމާނަށް އައިސްފައިވާ ބަދަލާއެކު އެ ވެބްސައިޓުގެ އެންމެ ފަހުގެ އަޕްޑޭޓަކަށް އިންތިޒާރު ކުރާ މައުލޫމާތުގެ ހަޒާނާ އަކީ ވެސް އެއީ އެވެ.
ގިނަ ބަޔަކު ގިނެސް ވޯލްޑް ރެކޯޑްސް ރެކޯޑުތައް އެންމެ ފަހުން މުގުރާލާފައި ވަނީ ކާކު، ކޮންތާކު ކިހިނެއްތޯ ބަލައިލަން ކެތް މަދުވެފައި އަބަދު ތިބޭއިރު އެ ފޮތް ވުޖޫދަށް އައިސްފަވަނީ ކިހިނެއްތޯ އަދި އެ ފޮތަކީ ކޮން ބައެއްގެ ވިސްނުމަކުން ގެނެވިފައިވާ ފޮތެއްތޯ ހިތަށް އަރާ ހެއްޔެވެ؟
ގިނެސް ބުކް އޮފް ރެކޯޑްސް
ދެކުނު އެފްރިކާގެ ޔޮހާންސްބާގުގައި 1890 ވަނަ އަހަރު އުފަންވެފައިވާ ސާ ހިއު ކޭމްޕްބެލް ބީވާއަށް އެންމެ ފުރަތަމަ "ގިނެސް ބުކް އޮފް ރެކޯޑްސް" ފޮތް ނެރުމުގެ ހިޔާލު އައިސްފައި ވަނީ އަޔަލޭންޑްގެ ކައުންޓީ ވެކްސްފޯޑްގައި އޮތް ޝިކާރަވެރިންގެ ޕާޓީއަކަށް 1950 ވަނަ އަހަރު ގޮސް އުޅުމުގެ ތެރޭގަ އެވެ.
އޭރު އޭނާ ވަޒީފާ އަދާ ކުރަމުން ދިޔައީ ގިނެސް ބްރުވަރީގެ މެނޭޖިންޑިރެކްޓަރުގެ މަގާމުގަ އެވެ. އެ ޕާޓީގައި އޭނާ އާއި އޭނާގެ އެކުވެރިންގެ ދެމެދުގައި ބަހުސެއް ކުރެވުނެވެ.
އެ މީހުންގެ ތެރޭގައި ކުރި ބަހުސްގައި ޔޫރަޕު މީހުން ޝިކާރަކުރާ ދޫނިތަކުގެ ތެރެއިން އެންމެ ދުވެލި ބާރު ދޫންޏަކީ ކޮން ދޫންޏެއް ކަމާމެދު ހިޔާލު ތަފާތުވިއިރު އެއްވެސް މީހަކަށް އެއީ ކޮން ދޫންޏެއްކަން ޔަގީންކޮށް ބުނާކަށް ނޭނގުނެވެ. އަދި އެ މީހުން އަތްފުނާ އެޅި އެއްވެސް ފޮތަކުން ވެސް އެ ސުވާލުގެ ޖަވާބު އެމީހުނަށް ލިބޭ ގޮތެއް ނުވިއެވެ.
އެފަދަ ޕާޓީތަކުގައި ޖަވާބު ނުލިބޭ އެތައް ބަހުސެއް ކުރާނެ ކަމާއި އެ ބަހުސްތަކަށް ޖަވާބު ހޯދާނެ އެއްވެސް ފޮތެއް ލިޔެފައި ނުވާއިރު އެފަދަ ފޮތެއް ނެރެފިނަމަ އެ ފޮތެއް ވަރަށް ކާމިޔާބު ވާނެ ކަން ބީވާއަށް އެދުވަހު ވިސްނުނެވެ. އެދުވަހު އޭނައަށް ވިސްނުނީ އެންމެ ރަނގަޅަށްކަން މިއަދު އެއްވެސް މީހަކު ޝައްކު ނުކުރާނެކަން ޔަގީނެވެ.
ބީވާ ހިޔާލުކުރި ކަންތައް 1954 ވަނަ އަހަރު ހަގީގަތަކަށް ވެފައިވަނީ ގިނެސް ބްރުވަރީގެ މުވައްޒިފެއް ކަމަށްވާ ކްރިސްޓޮފާ ޗެޓަވޭގެ ދެ އެކުވެރިން ކަމަށްވާ ނޮރިސް އަދި ރޮސް މެކްވާޓާ ބީވާއަށް ތައާރަފް ކޮށްދިން ހިސާބުން ނެވެ.
ނޮރިސް އަދި ރޮސް މެކްވާޓާ އަކީ ފެކްޓްސް ނުވަތަ ހަގީގަތް ހޯދާ އެޖެންސީއެއް ހިންގަމުން ދިޔަ އެއްމާބަނޑު ދެބެއިންނެވެ. ބީވާ އެ ދެބެއިންނަށް ގިނެސް ބުކް އޮފް ރެކޯޑްސް ފޮތް ތައްޔާރު ކުރުމަށް އެރުވި ދައުވަތު ވެގެން ދިޔައީ މިއަދު މުޅި ދުނިޔެ ބަލައިގަންނަ ފޮތެއް ދުނިޔެއަށް އުފަންވި ދުވަހަކަށެވެ. އަދި މުޅި ދުނިޔެ އިތުބާރުކުރާ ބްރޭންޑެއްގެ ބިންގާ ވެސް އެޅިގެން ދިޔަ ދުވަހަކަށެވެ.
ގިނެސް ބުކް އޮފް ރެކޯޑްސްގެ ޗާޕުކުރި ފުރަތަމަ 1000 ކޮޕީ 1954 ގައި ގިނައިން މީހުން އެއްވާ ކަހަލަ ތަންތަނަށް އެ މީހުން ހަދިޔާކުރި އެވެ. އެއަށް ފަހު 1955 ވަނަ އަހަރުގެ އޮގަސްޓް 27 ގައި ޗާޕުކުރި 70،000 ކޮޕީ ވަނީ ހަލުވިކަމާއެކު ވިކި ހުސްވެފަ އެވެ.
އެދުވަހަށް ފަހު ފޮތުގެ ނަމަށް އައިސްފައިވާ ކުޑަކުޑަ ބަދަލަކާއެކު މިއަދާ ހަމައަށް ވެސް ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑްސް އޮތީ ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ އިތުބާރު ހިފޭ ރެކޯޑު ފޮތުގެ ގޮތުގަ އެވެ.