ޖިއްދާއިން މާލެއަށް: ލައިލަތުލް ގަދުރި ވިލޭރޭ

އެޑިޓަރުގެ ނޯޓް: އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސްގެ މުޝީރު އަދި އެ އޯގަނައިޒޭޝަންގެ ފިކުރީ ގޮފީގެ ވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އަވަސް އޮންލައިން" ގައި ގެނެސްދޭ "ޖިއްްދާއިން މާލެއަށް" ސިލްސިލާގެ މަޒުމޫނު ޝާއިއު ކުރާ ރަސްމީ ދުވަހަކީ ހަފުތާގެ ހޯމަ އެވެ. އެ މަޒުމޫން މާދަމާއަށް ހާއްސަވެފައި ވަނީ ދަމުނަމާދުގައި ކިޔާ ދުއާގެ މައްޗަށެވެ. ޖިއްދާއިން މާލެއަށް މި ސިލްސާގެ ބޮޅެއް ވީޑީއޯއާއެކު މިއަދު ޝާއިއު ކުރީ ރޯދަ މަހުގެ ފަހު ދިހަ ފެށިފައިވާތީ އާއި ފަހު ދިހައިގައި ހިމެނޭ "ލައިލަތުލް ގަދްރި"ވިލޭރޭ ގެ ހާއްްސަ ކަމާއި މުހިންމު ކަމުގެ މައްޗަށް ބަލައިލުމަށެވެ.

ރަމަަޟާން މަހުގައި އެންމެ ބަރަކާތްތެރިވެގެންވާ ފަހު 10 އިގެ ދުވަސްތައް ފެށިގެން ގުނަން ފަށާފައިވާއިރު ލައިލަތުލް ގަދްރި ވިލޭރެއަކީ ވެސް ފަހު 10 ގެ ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ރަސޫލާގެ ހަދީސްފުޅުތަކުން އެނގެ އެވެ. ލައިލަތުލް ގަދްރިވިލޭރޭގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަތަކާއި އެރޭ ހުރި ސަވާބާއި ދަރުމައާ ބެހޭ އެތަށް ވާހަކައެއް ޤުރުއާނާއި ސުންނަތުން ސާބިތުވާއިރު އެ ރެއަށް ހާއްސަ ސޫރަތެއް ވެސް ވަނީ ބާއްވާލައްވާފަ އެވެ. ޤުރުއާން ބާއްވާލެއްވީ އެ ރޭގައި ކަމަށް ޤުރުއާންގައި ބަޔާން ކުރައްވާފައިވެ އެވެ.

ލައިލަތުލް ގަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށް ވެސް ޤުރުއާންގައި ވަނީ ބަޔާން ކުރައްވާފަ އެވެ. އެ ރޭގެ އިރު އަރަންދެން ސަލާމް ހުއްޓެވެ. އަދި ޖިބްރީލްގެފާނާއި އެހެން މަލައިކަތުން މާތްﷲގެ އިޒުނަފުޅާއެކު ފައިބައި ވަޑައިގަންނަވަ އެވެ. ބާއްޖަވެރިކަމާއި ރަހުމަތުން ފުރިފައިވާ ރެއެކެވެ.

ބައެއް އިލްމްވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ލައިލަތުލް ގަދްރިވިލޭރޭއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ އެވެ. ނަމަވެސް އެއީ ޔަގީންވާ ކަމެއް ނޫނެވެ. ﷲ ވަނީ އެ ރޭ ސިއްރުކުރައްވާފަ އެވެ. ލައިލަތުލް ގަދްރި ވިލޭރޭ ވަނީ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުގަކަން އެއީ ޔަގީންވާ ކަމެކެވެ. ރަސޫލާގެ ހަދީޘްފުޅުތަކުން އެކަން އެނގެ އެވެ.

ލައިލަަތުލް ގަދްރި ވިލޭރެއަކީ ސީދާ ކޮން ރެއެއްކަން ސާފު ނުވި ނަމަވެސް އެ ރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ރަސޫލާ ވަނީ ބާރު އަޅުއްވައިފަ އެވެ. ސަބަބަކީ އ ރެއަކީ ހިކުމަތްތެރި އެންމެހާ ނިންމުންތައް މާތްﷲ ނިންމަވާ ރޭ ކަމަށް ވެސް ބަޔާން ކުރައްވާފައިވާތީ އެވެ.

ލައިލަތުލް ގަދްރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރުމާއި ދުއާކުރުމަކީ ވަރަށް މާތް ކަމެކެވެ. އެ ރޭގެ ހެޔޮކަން ލިބިއްޖެ މީހާއަކީ ބާއްޖަވެރިއެކެވެ.