ޖިއްދާއިން މާލެއަށް

އަޅުވެތިކަން ނައްތާލަން މުދަލުޒަކާތުގެ ދައުރު

ޒަކާތުގެ ބެހެނިވެރިންގެ ފިޤުހީ ފަސްމަންޒަރާއި އެއާ ގުޅޭ މިޒަމާނުގެ ނަޒަރިއްޔާތަކުގެ މައްޗަށް ސިލްސިލާކޮށް ލިޔަމުން ދާ މަޒްމޫނުތަކުގައި ފަޤީރުންނާއި މިސްކީނުންނާއި އަދި ޒަކާތުގެ ޢާމިލުންނާއި މުއައްލަފަތުލްޤުލޫބު ހިތްތައް އެކުވެރިކުރައްވާ މީހުން އާ ބެހޭ ގޮތުން އިސްވެދިޔަ މަޒްމޫނު ތަކުގައި ވާނީ ވާހަކަ ދައްކާފައެވެ. މި ފަހަރު އަލިއަޅުވަނީ "އަޅުން މިނިވަންކުރުމަށެވެ." އެއީ ޒަކާތް ބެހެނިވެރިންގެ ތެރެއިން ފަސްވަނަ ބައެވެ.

އިސްލާމްދީން ބާވާލެއްވުނީ އިންސާނީ ކަރާމަތު ދެމެހެއްޓުމަށާއި އިންސާނާއަށް އިޖްތިމާޢީ މިނިވަންކަމާއި ފިކުރީ މިނިވަންކަން ހޯދައި ދިނުމަށެވެ. ޝަރީކު ކުރުމާއި ކަހީނުކަމާއި ސިޙުރުވެރިކަމާއި އިންސާނާގެ ފިކުރަށް ވެރިވެފައިވާ ޚުރާފީ އެފަދަ އެންމެހާ ކަންކަންކަމުން އިންސާނާގެ ބުއްދިއާއި ފިކުރާއި ވިސްނުން މިނިވަންކުރި ފަދައިން އިޖުތިމާޢީ އަދި ޖިސްމާނީ ގޮތުން ހުރި ކަސްތޮޅުތަކުން ވެސް މިނިވަންކަން ހޯދައި ދިނެވެ.

އިސްލާމީ ހަޟާރަތުގެ ކުރިން އިންސާނުން އުޅެމުން ދިޔައީ އިންސާނުންގެ އަޅުވެތިކަމުގެ ދަށުގައެވެ. ބާރުގަދަ މީހާ ނިކަމެތި މީހާ އަޅުވެތި ކުރިއެވެ. މުއްސަނދި މީހާ ފަޤީރު މީހާ އަޅުވެތި ކުރިއެވެ. ޤާދިސިއްޔާގެ މަތިވެރި ފަތަޙައިގެ ކުރިން ފާރިސްކަރައިގެ ރަސްކަމުގެ ދަރުބާރުގައި އިސްލާމީ ރިސާލަތުގެ މަޤުޞަދު އިޢުލާންކުރައްވަމުން މާތް ޞަޙާބީ ރިބްޢިއްޔު ބުނި މާލިކް ވިދާޅުވީ " އަހަރުމެން އައީ އިންސާނުންގެ އަޅުވެތިކަމުން އިންސާނުންގެ ވެރިރަސްކަލާނގެ އަޅުވެތިކަމުގެ ދަށަށް އިންސާނުން ގެނައުމަށެވެ".

އިންސާނުންނަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަކީ އިސްލާމީ ޝަރީޢަތުގެ މަތިވެރި މަޤުޞަދެކެވެ. އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުމަކީ އިސްލާމްދީން ބާވާލެއްވުމުގެ ކުރިން ވެސް ދުނިޔޭގެ އެކި ޙަޟާރަތްތަކުގައި އޮތް ނުބައި ޘަޤާފަތެކެވެ. އަޅުވެތިކަމުގައި އިންސާނުން ހޭދަކޮށްފައިވަނީ ނުހަނު ހިތި ތަޖުރިބާއެކެވެ. އިންސާނުން އަޅުވެތިކަމުން ސަލާމަތް ކުރުމަށް އުޞޫލީ ނިޒާމެއް އެންމެ ފުރަތަމަ ޤާއިމުކުރި ދުނިޔޭގެ ހަމަ އެކަނި ޙަޟާރަތަކީ އިސްލާމީ ޙަޟާރަތެވެ. އަދި އެފަދަ ނިޒާމެއް އޮތް ދީނަކީ ވެސް އިސްލާމް ދީނެވެ. އެކަން ކަނޑައެޅިފައިވަނީ އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުންތަކުގެ ތެރެއިން ރުކުނެއްގެ ތެރެއިންނެވެ. މިކަންކަމުން ދޭހަވަނީ އިސްލާމް ދީނުގައި އިންސާނީ ކަރާމަތާއި މިނިވަންކަމަށް ދެއްވާފައިވާ މަތިވެރި މަޤާމެވެ. އިސްލާމީ ތާރީޚުގައި އިސްލާމީ ސޯޝަލްފަންޑް ( ޒަކާތުން) ވަނީ އަޅުވެތިކަން ނައްތާލުމަށް ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ.

އިސްލާމްދީނަކީ އިންސާނާގެ މިނިވަންކަމާއި ކަރާމަތު ދެމެހެއްޓުމުގެ މަޤުޞަދުގައި ބާވާލެއްވުނު ދީނެއް ކަމުން އިންސާނުން އިންސާނުންގެ އަޅުވެތިކަމުގެ ކަސްތޮޅުތަކުން ނެރުމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރި ދީނެކެވެ. އަޅުންގެ ގޮތުގައި ތިބި މީހުން މިނިވަންކުރުމަށް ބާރު އެޅިއެވެ. ބޮޑެތި ކުށް ފާފަތަކުގެ ކައްފާރާގެ ތެރޭގައި ވެސް އަޅުން މިނިވަންކުރުން ލައްވާފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޞަޙާބީންގެ ތެރޭގައި ވެސް ކުރިން އަޅުންގެ ގޮތުގައި އުޅުއްވި ބޭކަލުން ތިއްބެވިއެވެ. އެއިގެ ތެރޭގައި ބިލާލު ބުނި ރަބާޙުއާއި ސަލްމާނުލް ފާރިސީއާއި ޞުހައިބުއްރޫމީއާއި ޒައިދު ބުނި ޙާރިޘާ ފަދަ މާތް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އަޅުވެތިކަން ދުނިޔެއިން ނައްތާލުމަށް ތަދުރީޖީ ގޮތުން އިސްލާމްދީން މަސައްކަތްކޮށްފައިވެއެވެ. ވަކިން ޚާއްޞަކޮށް ޒަކާތް ފަރުޟުކުރެއްވިގެން ދިޔަ އިރު ޒަކާތް ބެހެނިވެރިންގެ ތެރޭގައި " އަޅުންމިނިވަން ކުރުމަށް " ބައެއް ކަނޑައަޅުއްވާފައިވެއެވެ. އެ ގޮތައް އެކަން ކަނޑައެޅިގެން ދިޔައީ އިސްލާމީ މުޖުތަމަޢުގައި އިޖުތިމާޢީ އަދާލަތު ޤާއިމު ކުރުމަށެވެ. އަދި މުޖުތަމަޢުން ފަޤީރުކަން ނައްތާލައި ހަމަހަމަކަމާއި ޢަދުލުވެރިކަމާއި ކަރާމަތު ދެމެހެއްޓުމަށެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅާއި އިސްލާމީ ޙަޟާރަތުގެ ރަން ދައުރުން ފެށިގެން އަދާ ހަމައަށް ވެސް މި މަބްދައުތައް އިސްލާމީ އުންމަތުން ވަނީ ދަމަހައްޓާފައެވެ.

ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި "އަޅުން މިނިވަންކުރުން" ހިމެނިފައިވާއިރު މި ޒަމާނުގައި މި ބައި ޕްރެކްޓިސް ކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ މިއަދުގެ ދުނިޔޭގައި އިސްނާނުން އިހުޒަމާނުގެ މަފްހޫމުގައިވާ ގޮތުން އަޅުވެތިކުރުމެއް ނެތެވެ. ނަމަވެސް ދުނިޔޭގައި އޮތީ އިޖްތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުންންނާއި ފިކުރީ ގޮތުން އަޅުވެތިކުރުމެވެ. އިންސާނުން އެކަންޏެއްނޫނެވެ. މިއަދު މި ދެންނެވި ބީދައިން އަޅުވެތި ކުރަނީ އިންސާނީ ޖަމާޢަތްތަކެވެ. ޤައުމުތަކެވެ. މީސްތަކުންގެ ފިކުރާއި ޘަޤާފަތެވެ. މިހެންކަމުން، ޒަކާތުގެ ފައިސާއިން އިހުޒަމާނުގެ އަޅުން މިނިވަންކުރި ފަދައިން މިދެންނެވި ފަދަ އަޅުވެތިކަމެއް ނައްތާލުމަށް ޒަކާތުން ޚަރަދު ކުރެވިދާހެއްޔެވެ؟

"ރިޤާބު"ގެ ފަސް މަންޒަރު

ރިޤާބު މިލަފްޒަކީ "ރަޤަބާ"ގެ ޖަމްޢު އެވެ. އެ ލަޒްފުޒުގެ މަޖާޒީ މަފްހޫމަކީ " އަޅުންނެވެ" އެއީ ލޮޣަވީ ގޮތުން (ކަރު/ކަނދުރާ) އެވެ. ނަމަވެސް ޤުރުއާނުގައި މި ލަޒްފު ބޭނުންކޮށްފައިވަނީ އަޅު ފިރިހެނާއާއި އަޅު އަންހެނާއަށް ނިސްބަތް ކޮށެވެ. ޚާއްޞަކޮށް މި ލަފްޒު ބޭނުންކޮށްފައިވަނީ އަޅުން މިނިވަން ކުރުމަށް ބާރު އަޅާފައިވާ މަޤާމުތަކުގައެވެ. ކީރިތި ޤުރުއާނުގައި އެ ލަފްޒު ބޭނުންކޮށްފައިވާ ގޮތުން ކަރު ނުވަތަ ކަނދުރާގައި އައްސާފައިވާ ކަސްތޮޅުން ފިލުވައިލުން ފަދަ މަޖާޒީ މަފްހޫމެއް ދޭހަވެއެވެ. އަޅުވެތިކަމުގައި އުޅޭ މީހާގެ މިސާލަކީ ކަރުގައި ވަލެއްޖަހައިގެން ގެންގުޅޭ މީހެއްގެ މިސާލެވެ. މިނިވަންކުރުމަކީ އޭނާ ކަރުގައި އެއްސިފައިވާ ކަސްތޮޅުތަކުން ސަލާމަތްކުރުން ފަދަ ކަމެކެވެ. ލަފްޒު ބޭނުން ކުރެވިފައިވާ މަޖާޒީ މަފްހޫމަކީ އެއީއެވެ. ( ޤަރަޟާވީ، 2، 626).

އަޅުން މިނިވަން ކުރުމަށް ޒަކާތުން ޚަރަދުކުރެވުނު ގޮތް

އަޅުންމިނިވަންކޮށް އިސްލާމީ މުޖުތަމަޢުން އަޅުވެތިކަން ނައްތާލުމަށް ސިލްސިލާ ގޮތެއްގައި ކުރިއަށް ދިޔަ ކަންކަމުގެ ތެރެއިން އެއް ކަމަކީ އަޅުން މިނިވަންކުރުމަށްޓަކައި ޒަކާތުން ބައެއް ޚަރަދު ކުރުމެވެ. އިސްލާމްދީނުގެ ރުކުނެއްގެ ތެރެއިން އަޅުވެތިކަން ނައްތާލުމަށް މާލީ ގޮތުން ބައެއް ކަނޑައެޅިގެން ދިއުމަކީ އާދައިގެ ކަމެއްނޫނެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ ( 60) ވަނަ އާޔަތުގައި ޒަކާތް ޙައްޤުވާ ކަމަށް ﷲ ކަނޑައަޅުއްވާފައިވާ އަށް ބައިގެ ތެރޭގައި " އަޅުން މިނިވަންކުރުން" ވަކި ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. " (ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.).

އަޅުން މިނިވަންކުމަށް ކަނޑައެޅިފައިވާ ބަޔަކީ ޒަކާތް ބެހެނިވެރިންގެ ތެރެއިން ފަސްވަނަ ބައެވެ. އެބައިން ތިން ގޮތަކަށް ޚަރަދު ކުރެއްވޭކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ( ސުލައިމާން، ސާމީ ރަމަޟާން، 16 ، 1984)

(ހ) އަޅުވެތިކަމުގައި ތިބި މީހުން ޒަކާތުގެ ފައިސާއިން ގަނެ އެމީހުން މިނިވަންކުރުން.
(ށ) އަޅުމީހާއާއި އެނާގެ ސާހިބު މީހާއާމެދު ފައިސާގެ ވަކި ޢަދަދެއްގެ މައްޗަށް އިއްތިފާޤުވެ، އެ ޢަދަދެއް އަޅުމީހާގެ ފަރާތުން ސާހިބު މީހާއަށް ދީފި ނަމަ އަޅުމީހާ މިނިވަންވާނެކަމަށް އެއްބަސްވެފައިވާ އަޅުންނަށް ޒަކާތުގެ ފައިސާއިން އެ ޢަދަދަށް ފައިސާ ދީ މިނިވަންކުރުން.
(ނ) ހަނގުރާމަތަކުގައި އަސީރު ކުރެވޭ މުސްލިމުން މިނިވަންކުރުމަށް ޚަރަދު ކުރުން.

އިންސާނީ މުޖްތަމަޢުތަކުން އަޅުވެތިކަން ނައްތާލުމަށް އިސްލާމީ ދައުލަތްތަކުން ވަނީ ގިނަ ގުނަ މަސައްކަތްކޮށްފައެވެ. އިސްލާމީ ނިޒާމު ފިޔަވައި ދުނިޔޭގެ އެހެން ނިޒާމެއްގައި މިކަން މާލީ ވަކި ނިޒާމެއްގެ ތެރެއިން ކަނޑައެޅިފައި ނުވެއެވެ. ކުރިން ވެސް ދެންނެވި ފަދައިން މިއީ އިސްލާމީ ނިޒާމުގައިވާ އަސާސީ ޚާއްޞަ ސިފައެކެވެ.

ދިވެހިރާއްޖޭގެ ޕްރެކްޓިސް

ތާރީޚީ ގޮތުން އެނގެން އޮތް ގޮތުގައި ކުރީގެ ޤަރުނުތަކުގައި ރާއްޖޭގައި ވެސް އަޅުން ގެންގުޅެފައިވެއެވެ. ނަމަވެސް ޒަކާތުގެ ފައިސާއިން އަޅުން މިނިވަންކުރުމަށް ހޭދަކޮށްފައިވާ ކަމަކަށް އެނގޭކަން ނެތެވެ. ނަމަވެސް ރާއްޖޭގެ ދީނީ ކަންކަން ބެލެހެއްޓި އިދާރާތަކުން ނެރެފައިވާ ފޮތްތަކުގައި ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި އަޅުން މިނިވަންކުރުމަށް ބައެއް އޮންނަ ކަމާއި އެބައިގެ ފިޤުހީ ޙުކުމްތަކުގެ ވާހަކަ އައިސްފައިވެއެވެ. މިގޮތުން " ރިޤާބު" (އަޅުން) ގެ މަފްހޫމް ރާއްޖޭގެ ކަމާ ގުޅޭ އިދާރާއިން ދެކޭ ގޮތުގައި ތަނަވަސްވެގެންވެއެވެ. އޭގެ ތެރޭގައި އިހުޒަމާނުގެ މަފްހޫމުގެ ތެރެއިން އަޅުންގެ ގޮތުގައި އުޅުނު މީހުންނާއި އަސީރުންނާއި ކިޑްނެޕް ކުރެވޭ ފަރާތްތައް ހިމެނެއެވެ. މިހެންކަމުން ރާއްޖޭގެ އިސްލާމީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ދެކޭ ގޮތުގައި އަޅުން މިނިވަންކުރުމުގެ އިތުރުން މުސްލިމު އަސީރުންނާއި މުސްލިމުންގެ ތެރެއިން ކިޑްނެޕްކުރެވޭ ފަރާތްތައް މިނިވަންކުރުމަށް ޒަކާތުގެ ފައިސާއިން ޚަރަދު ކުރެވިދާނެއެވެ. އެހެނީ އަސީރުންނާއި ކިޑްނެޕް ކުރެވޭ ފަރާތްތައް އެޙަލާތަކުގައި އެވަނީ "އަޅުވެތި" ކަމެއްގެ ތެރޭގައެވެ. އެފަދަ ފަރާތްތައް މިނިވަންކުރުމުގައި އެ އަޅުވެތިކަމުން ސަލާމަތްކުރުމެވެ. ( އަޙުމަދު ފާރޫޤު މުޙައްމަދު، 2010 ، 16 )، އަދި ( 2009) ވަނަ އަހަރު ޒަކާތުގެ ބެހެނިވެރިންގެ އުޞޫލުތަކަށް ރާއްޖޭގައި ގެނެވުނު ބަދަލުތަކުގައި އަޅުން މިނިވަންކުރުމަށް އާޔަތުގައި ބަޔާންވެގެންވާ ބައިން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާ ކުރުމަށް ނިންމުނެވެ. ނަމަވެސް އެ ނިންމުން އިތުރަށް ދިރާސާކުރުމަށްޓަކައި ތަންފީޒު ކުރެވިފައިނުވެއެވެ.

އަޅުވެތިކަން ނައްތާލުމާއި މިޒަމާނުގެ ނަޒަރިއްޔާ

އިސްލާމްދީނަކީ ހުރިހާ ޒަކާމަނަށް ވެސް އެކަށީގެންވާ ދީނެކެވެ. އިސްލާމްދީނުގެ ޙުކުމްތަކަކީ ވަކި ޒަމާނަކަށް ވަކި ޤަބީލާއަކަށް އޮތް ޙުކުމްތަކެއްނޫނެވެ. އެއީ މުޅި ދުނިޔޭގެ އެންމެނަށް އިންސާފާއި ހަމަހަމަކަމާއި ޢަދުލުވެރިކަން ހޯދައި ދިނުމަށްޓަކައި ކަނޑައެޅިގެންވާ ޙުކުމްތަކެކެވެ.

ޒަކާތުގެ ފައިސާއިން އަޅުން މިނިވަންކުރުމަށް ކަނޑައެޅިފައިވާ ބައިން މިޒަމާނުގައި ޚަރަދު ކުރެވިދާނެ ގޮތްތަކާ މެދު ޢިލްމުވެރިންގެ މެދުގައި ޢިލްމީގޮތުން ބަޙުޘްކުރެވެމުން ދެއެވެ. އެ ބަޙުޘްތަކުގައި ގިނަ ކަންކަންކަން ވަނީ އިޖުތިހާދުގެ ތެރެއިންނެވެ. ވަކި ގޮތްތަކެއްގެ މައްޗަށް އެއްބަސްވެފައި ނެތެއްކަމަކު އެ ބައިން ޚަރަދު ކުރެވިދާނެކަމަށް ފެންނަ ބައެއް ދާއިރާތައް ބައެއް ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ. މިކަންކަމަކީ އަދި ވެސް އެއާމެދު ޢިލްމީ ގޮތުން ދިރާސާ ކުރެވެމުންދާ ކަންކަމެވެ. އެ ޢިލްމީ ދިރާސާތަކުގެ އަލީގައި ޒަކާތުގައި އަޅުންމިނިވަންކުރުމަށް ކަނޑައެޅިފައިވާ ބައިން މުޅި ދުނިޔެއިން ވެސް އަޅުވެތިކަން ނައްތާލަން އަޅުން މިނިވަންކުރުމުގެ އިތުރުން އަންނަނިވި ކަންކަމުގައި ޚަރަދު ކުރެވިދާނެކަމަށް ދެކެމެވެ. އެގޮތައް ދެކެނީ އޮގަނައިޒެޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިންޓަނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީގެ ޤަރާރު އާއި ޒަކާތުގެ ދާއިރާއިން ދިރާސާކުރައްވާފައިވާ ޢިލްމުވެރިންގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ.

1 - މުސްލިމުންގެ އަސީރުން މިނިވަންކުރުން. ( އޯއައިސީގެ ފިޤުހު އެކަޑަމީގެ ރައުރު)
2 - ކިޑްނެޕްކުރެވިފައިވާ މުސްލިމުން ސަލާމަތްކުރުން.( އޯއައިސީގެ ފިޤުހު އެކަޑަމީގެ ރައުރު)
3 - އިސްލާމީ ޤައުމުތަށް އިޤުތިޞާދީ އަޅުވެތިކަމުން ސަލާމަތްކުރުން ( މިގޮތުން ބޭރުގެ އެކި ފަރާތްތަކަށް ދައުލަތުން ދައްކަން ޖެހޭ ދަރަނި އަދާކުރެވިދާނެކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ).
4 - މަސްތުވާތަކެތީގެ އަޅުވެތިކަމުން ޒުވާންޖީލު ސަލާމަތްކުރުން. މިގޮތުން އެމީހުން ރިހެބިލިޓޭޓް ކުރުމަށް ޚަރަދު ކުރެވިދާނެކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ.

އިސްވެ ދިޔަ ގޮތައް ޢިލްމުވެރިން " އަޅުވެތިކަމުގެ " މަފްހޫމް ތަނަވަސްކޮސްފައިވަނީ މިޒަމާނުގައި އަޅުވެތިކުރުމުގެ މަފްހޫމަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމުގައި ބެލެވެއެވެ. މި ޒަމާނުގައި އިސްނާނުން އަޅުވެތިކޮށްގެން ގެންގުޅުމަކީ މުޅި ދުނިޔެވެސް އެކަމާ ދެކޮޅުކަމެކެވެ. މިހެންކަމުން ޒަކާތު ފައިސާއިން ސީދާ ގޮތެއްގައި މިނިވަންކުރާނެ އަޅުން މިއަދު ދުނިޔޭގައި ނެތްކަމުގައި ބެލެވިދާނެއެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި މުޖްތަމަޢުތަކާ ދުރުގައި ބައެއް މީހުން އިންސާނުން އަޅުވެތިކޮށްގެން އުޅޭ ޚަބަރުތައް ތުންތުންމަތިން އިވެއެވެ. ނަމަވެސް އެއީ ކަށަވަރު ކުރަންޖެހޭ ކަމެކެވެ. އިންސާނުން އަޅުވެތިކަމުން މިނިވަންކުރުމަށް އިސްލާމްދީން ގޮވާލައެވެ. މިޒަމާނުގައި މިނިވަންކުރާނެ އަޅުން ނެތުމުން ޒަކާތުގައި އަޅުން މިނިވަންކުރުމަށް ކަނޑައަޅުއްވާފައިވާ ބައި ޚަރަދުކުރެވޭ ގޮތްތަކެއްގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި އިތުރަށް ބަޙުޘްކޮށް ޙައްލުތަކެއް ހޯއްދެވުން މުހިންމު ކަމުގައި ދެކެމެވެ. އިޖުތިހާދުކުރުމުގެ ދޮރުވަނީ ހުޅުވިފައެވެ.